ރޭގަނޑުގެ އެންމެ މާތް ވަގުތަކީ ކޮބައިކަމާއިމެދު ގިނަ ބައަކު ސުވާލު ކުރެއެވެ. ރޭގަނޑުގެ އެންމެ މާތް ވަގުތަކީ 3 ބައިންކުރެ ފަހު ބައެވެ.
އެއީ ރޭގަނޑުގެ ތިންބައިންކުރެ ފަހު ބައިކަން އެނގުނު ނަމަވެސް އެ ވަގުތު ބަލާނެ ގޮތާއިމެދު ގިނަ ބައަކު ކުރާ ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ "އެވަގުތަކީ އިޝާ ނަމާދު ވަގުތުން ފެށިގެން ފަތިސްވުމާއި ދެމެދު ރޭގަނޑު ތިންބައަށް ބަހައި ފަހުބައި ކަމަށެވެ.
ޢިޝާ ނަމާދު ވަގުތަކީ 7:30 ކަމަށް ބަލައި ފަތިސް ނަމާދު ވަގުތަކީ 4:30 ކަމަށް ބަލައިފިނަމަ އެދެމެދުގައި ލިބެނީ 9 ގަޑިއިރެވެ. ބައަކަށް އެޖެހެނީ 3 ގަޑިއިރެވެ. އެ އުޞޫލުން ބަލައިފިނަމަ ފަހުބައަކަށްވާނީ 1:30 އިން ފެށިގެން 4:30 އަށެވެ.
ރޭގަނޑު ދަމު ނަމާދުކުރާ މީހާއަށް ފަހު ބައިގެ ގިނަ ވަގުތުތަކެއްގައި ނަމާދުކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ނަމާދަށް ފަށަނީ 2:00 ގައި ކަމަށްވެފައި ނިމެނީ 3:15 ހައިއިރު ކަމަށްވާތީއެވެ.
ހާރު ކެއުން ވީހައި ފަސްކުރުމަށް ސުންނަތުގައި އޮންނާތީ ގިނަ ބައަކު ހާރުކަނީ ދަމު ނަމާދު ނިންމައިފައެވެ. އެހެންކަމުން ދަމު ނަމާދު ނިންމާފައި މިސްކިތުގައި އިނުން ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް 1:30 ހައިއިރު މިސްކިތަށް ގޮސް ކީރިތި ޤްރްއާން ކިޔަވަން 30 މިނިޓްވަރު މަޑުކޮށްލައިފިނަމަ ރޭގަނޑުގެ ފަހުބައިގެ ބޭނުން ދާނީ ހެޔޮ ގޮތުގައި ހިފެމުންނެވެ.
ދަމުނަމާދަށް ދާ ކުދިންގެ ތެރޭގައި ވަރަށް ވިސްނުންތެރި ކުދިންކޮޅެއްވެސް އެބައުޅެއެވެ. އެކުދިން ދަމުނަމާދަށް 1:30 ހައިއިރު ދަނީ ލުއި ކާއެއްޗެއް ހިފައިގެންނެވެ. ނަމާދު ނިމިގެން ފައިބައި އިސްލާމީ މަރުކަޒުގެ ބުރުތައް މަތީގައި ވައިޖައްސާލަން އިރުކޮޅަކު މަޑުކޮށްލުމުގެ ތެރޭގައި ހާރު ކެއުން ނިންމައިލައެވެ. ފިނިކޮށްލައިގެން މިސްކިތަށް އަރައި ފަތިސް ނަމާދަށް އިންތިޒާރު ކުރެއެވެ.