ރޯދަ ހިފުމަކީ ހަމަ މުބާރާތެއް ފަދަ ކަމެކެވެ. ލިބެނީ 30 ދުވަހެވެ. މުބާރާތް ކާމިޔާބުކުރެވެނީ ވީހައި ގިނަ ލަނޑުޖަހައިގެންނެވެ.
މިއީ ވަރަށް އާދައާއި ޚިލާފް މުބާރާތެކެވެ. ދުނިޔޭގައި ކުޅޭ މުބާރާތްތަކުގެ މެޗްތަކުގައި ލަނޑެއް ޖެހިއްޖެނަމަ ރެފްރީ އެކަން އިއުލާނުކުރުމުން އެއޮތީ ލަނޑެއް ޖެހުނުކަން ކަށަވަރު ކުރެވިފައެވެ. ނަމަވެސް ރޯދައިގެ މުބާރާތް ވަރަށް ތަފާތެވެ. ރެފްރީ އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އަދި ކިތަންމެ ގިނަ ލަނޑުތަކެއް ޖެހުނު ކަމަށް އަމިއްލައަށް ޤަބޫލުކުރެވުނު ނަމަވެސް އެއީ ޔަޤީން ކުރެވޭ ކަމެއް ނޫނެވެ.
މިބަހުގެ މާނައަކީ އަޅުގަނޑުމެން ހިފާ ރޯދަ އާއި ކުރާ އަޅުކަންތައް ބަލައްވައިވޮޑިގެންވަނީ މާތް ﷲ ކަމެވެ. އަޅުގަނޑުމެން ކުރާ އަމަލުތަކުގެ ތެރެއިން މާތް ﷲ ޤަބޫލުފުޅު ކުރެއްވެވީ، ނުވަތަ މާތް ﷲ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ކުރެވުނީ ކޮން އަމަލުތަކެއްކަން މިދުނިޔޭގައި އަހަރެމެންނަކަށް ނުއެނގޭނެއެވެ. އެކަން އެނގިގެންދާނީ މަރުވުމަށްފަހުއެވެ. ޢާޚިރަތް ދުވަހު ހިސާބު ބައްލަވާ ވަގުތުގައެވެ.
ކަންމިހެން އޮތްއިރު މިތައް ރޯދަ ހިފައިފިން ކަމަށްބުނެ ހިތްހަމަޖައްސައިލެވޭކަށް ނެތެވެ. މިސާލަކަށް ރަމަޟާން މަހުން 20 ދުވަސް ފާއިތުވެގެން ދިއައީއެވެ. ކޮންމެ ދުވަހަކު ރޯދަ ހިފިނަމަ 20 ރޯދަ ވާނީ ހިފިފައެވެ. ނަމަވެސް މައްސަލައަކީ އެއިގެ ތެރެއިން މާތް ﷲ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ހިފިފައިވަނީ ކިތަށް ރޯދަކަން އަހަރެމެން އެކަކަށްވެސް ނުއެނގޭނެ ކަމެވެ.
ކޮންމެ ރޯދައެއް ހިފައި ނިމުމުންވެސް އަމިއްލައަށް ހިސާބުހަދާށެވެ. އެދުވަހު ރޯދައަށް ހުރެ ކުރެވުނު ހެޔޮ އަމަލުތަކުގެއެވެ. ހަމައެއާއިއެކު ކުރެވުނު އެހެން އަމަލުތަކުގެ ވެސް ހިސާބު ހަދާށެވެ. މިއަދު ހިފި ރޯދައަށްވުރެ މާދަމާ ހިފާ ރޯދަ އިތުރަށް ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރަން އަޒުމް ކަނޑައަޅާށެވެ.
އިއްޔެ ކީރިތި ޤްރްއާން ކިޔެވި ވަރަށްވުރެ މާދަމާ އިތުރަށް ކިޔަވަން ހިއްވަރުކުރާށެވެ. ހަމައެފަދައިން އެހެނިހެން ހެޔޮ އަމަލުތައް ކުރުން މާދަމާ އިތުރުކުރަން މަސައްކަތްކުރާށެވެ. އަދި ހަމަ އެއާއިއެކު އިއްޔެ ކުރެވުނު ރޯދައަށް ފައިދާ ނުކުރާނެ، ރޯދައަށް ގެއްލުންދޭނެ ކަންކަން ހަމަ އެއްގޮތަކަށްވެސް މާދަމާ ނުކުރަން ވެސް ޢަޒުމް ކަނޑައަޅާށެވެ.
ރޯދަ ރޯދައިގެ ގޮތުގައި ހިފެމުންދާނީ އެއިރުންނެވެ. ރޯދައަކީ ހަމައެކަނި ނުކައި ހުރެ ބަނޑުން ހިފާ އެއްޗެއް ނޫން ކަމާއި ރޯދަ ރޯދައަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން އަބަދުވެސް މިއަންނަނީ ކިޔައިދެމުންނެވެ. އެކަންކަމަށް ރަނގަޅަށް ވިސްނައިގެން ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -