މިއަދަކީ ރަމަޟާން މަހުގެ 25 ވަނަ ދުވަހެވެ. އެހެންކަމުން މަސް ނިމެން މިހާރު މިވަނީ ،2 3 ދުވަހަށް ގާތްވެފައި ކަމަށް ބުނެވިދާނެއެވެ. އެހެނީ ގިނަ ވެގެން ދެން ހިފަންޖެހޭނީ 5 ރޯދަކަމަށްވުމުންނެވެ.
ކުރިއަށް އޮތީ އެންމެ ދެތިން ދުވަސް ނަމަވެސް މާޔޫސް ނުވާށެވެ. ހިތްވަރުކޮށްލެވިއްޖެނަމަ ހަމަ ނަތީޖާ ބަދަލުވެސް ކޮށްލެވިދާނެއެވެ. މިވާހަކަކޮޅު ބޮޑަށް މިއަމާޒުކުރަނީ ރަމަޟާން މަހުގެ މިހައިތަނަށް އައި އިރު ވެސް އަޅުކަމާއި ތަންކޮޅެއް ދުރުގައި ތިބި މީހުންނަށެވެ. ރަމަޟާން މަހުން ޙާޞިލުކުރެވެން ހުރި ފުރުޞަތުތައް އެންމެ ހެޔޮ ގޮތުގައި ޙާޞިލު ނުކުރެވޭ މީހުންނަށެވެ.
އަވަހަށް ތެދުވެރި ތައުބާއަކުން ތައުބާވާށެވެ. އަޅުކަމާއި މިހައި ތަނަށް ތަންކޮޅެއް ދުރުގައި ހުރެވުނު ނަމަވެސް އަވަހަށް ކައިރިވެގަންނާށެވެ. ރޭ އަޅުކަންވެސް ވީވަރަކުން ކުރަން ފަށާށެވެ. މާޒީގައި ނުކުރެވުނު ހެޔޮ އަމަލުތައް ވީހައި ގިނައިން ކުރުމަށާއި މާޒީގައި ކުރެވުނު ފާފަތައް އެއްގޮތަކަށްވެސް ނުކުރުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށްދާން މަސައްކަތް ފަށާށެވެ.
ލޮބުވެތި އަޚުންނޭވެ. ދެން ހިއްޕަވަންޖެހިވަޑައިގަންނަވާނީ ކާކުގެ މަރުކަން މަރު ހިއްޕަވާ މަލާއިކަތް ބޭކަލުންނަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ. މަލާއިކަތް ބޭކަލުންނަށްވެސް އެފުރުޞަތު ލިބިވަޑައިގަންނަވަނީ މާތް ﷲ އެބޭކަލުންނަށް އެންގެވުމުންނެވެ.
ވީމާ މަރަކީ ނުވަތަ މަރުވާނެ ވަގުތަކީ ހަމަ އެކަކަށްވެސް ކުރިއާލައި އެނގޭއެއްޗެއް ނޫނެވެ. އޮތީ ވީހައި ފުރިހަމައަށް ތައްޔާރުވެގެން ހުރުމެވެ. ކޮންމެ ވަގުތަކު ނަމަވެސް މަރު އައިސް ތިމާ އާއި ކުރިމަތިލައިފާނެ ކަމަށެވެ.
އެހެންކަމުން ރަމަޟާން މަހުގެ އިތުރަށް އޮތް ،2 3 ދުވަހުގެ ބޭނުން ހިފާށެވެ. ތައުބާވެ ފާފަ ފުއްސެވުން އެދި ދުޢާކުރަން ފަށާށެވެ. މާތް ﷲ އީ ޣަފޫރުއްރަޙީމް އެވެ. މާޔޫސް ނުވާށެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ.
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް ނިމާލް މުޙައްމަދު ދެއްވި ދަރުސުން