ދޮގުހެކި ނުދިނުމަށާ ޞައްޙަ ނޫން މައުލޫމާތު ނުފެތުރުމަށް ޝައިޚް ޢަލީ ޒާހިރު އެހައި ބޮޑަށް ބާރުއެޅުއްވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ދޮގުހެކި ނުދިނުމަށާ ޞައްޙަ ނޫން މައުލޫމާތު ނުފެތުރުމަށް ޝައިޚް ޢަލީ ޒާހިރު އެހައި ބޮޑަށް ބާރުއެޅުއްވީ ކީއްވެ؟
ޤިޔާމަތުގެ ޢަލާމާތްތަކުގެ މައްޗަށް މި ރަމަޟާން މަހު ފްރްޤާން މިސްކިތުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވި ދަރުސްގައި ގިނަ ކަންތައްތަކެއް ފާހަގަކުރެއްވެވުމަށްފަހު ދަރުސް ނިންމަވައިލައްވަމުން އެންމެ ބޮޑަށް ބާރު އަޅުއްވަވާފައިވާ ކަންކަމުގެ ތެރޭގައި ދޮގުހެކި ނުދިނުމާއި ދޮގު މައުލޫމާތު ނުފެތުރުން ވަނީ ހިމެނުއްވަވައިފައެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކުރިއެވެ. ވަކިވެގެންވެސް ދަނީ އެވެ. ރަމަޟާން މަހު ކުރަންވީ ކަންކަން ތަފާތު ޢިލްމުވެރިން ގެންދެވީ ވަރަށް ކުރިންސުރެ ވިދާޅުވެދެއްވަމުންނެވެ. އެއީ ކޮންމެހެން ރަމަޟާން މަހު ކުރަންވީ ކަންކަން އަހަރުން އަހަރަށް ބަދަލުވަތީއެއް ނޫނެވެ.

ދުވަހުން ދުވަހަށް ބަދަލުވަމުން މިދަނީ އަދި އަހަރުން އަހަރަށް ބަދަލުވަނީ ޙާލަތެވެ. މީސްތަކުންގެ ދިރިއުޅުމެވެ. ދުނިޔޭގައި އުޅެމުންދާ ގޮތެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރެވެ. ޙަރާމް ޙަލާލަށް ދެވޭ ސަމާލުކަމެވެ. މާތް ﷲ ފަރުޟު ކުރެއްވެވި އަޅުކަންކުރެވޭ މިންވަރެވެ. ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)ގެ ސުންނަތަށް ޢަމަލުކުރެވޭ މިންވަރެވެ.

ވީމާ ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ އެއިރެއްގެ ޙާލަތާއި ގުޅުވައިގެން މަގުދައްކަވައިދެއްވުމެވެ. ހަނދުމަކޮށްދެއްވުމެވެ. އެއިރެއްގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަ ކުރައްވަވައި އިރުޝާދު ދެއްވެވުމެވެ.

ޝައިޚް ޢަލީ ޒާހިރުގެ މި ދަރުސްގައި ފާހަގަކުރެއްވެވި ކަންތައްތަކަކީ ފަހަކަށް އައިސް މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑެތި ވަބާތަކަކަށްވެފައިވާ މައްސަލަތަކެވެ. އެގޮތުން ބަލާއިރު ދޮގު ހެކި ދިނުމާއި ހެކި އުފައްދައިގެން މީހުން ފްރޭމްކޮށް ބޮޑެތި އަދަބުތައް ދިނުމަކީ ރާއްޖޭގައި ފަހަކަށް އައިސް ޢާންމުވެފައިވާ ވަރަށް ނުރައްކައުތެރި ކަމެކެވެ. އެކަމުގެ ސަބަބުން މިހާރުވެސް ދަނީ ބޮޑެތި އަނިޔާތައް ލިބެމުންނެވެ. ޝައިޚް ޢަލީ ޒާހިރުގެ ދަރުސްގައި ވަނީ އެކަންކަމުގައި ހުރި ނުބައިކަމުގެ ބޮޑުކަން ވަރަށް ފުރިހަމައަށް އަންގަވައި ދެއްވައިފައެވެ.

ދޮގު މައުލޫމާތު ފަތުރައި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުކަމުގެ އިތުރުން ދީނީ މައުލޫމާތު ފެތުރުމުގައިވެސް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ޝައިޚް ޢަލީ ޒާހިރު ވަނީ އިލްތިމާސްކުރައްވައިފައެވެ. ސޯޝަލް މީޑިއާގައި ފެންނަ ކޮންމެ ލިޔުމެއް ނުފެތުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ. ފެންނަހައި ލިޔުމެއް ނުފެތުރުމަށާއި ލައިކް ނުކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ލިޔުމަކީ ޞައްޙަ ލިޔުމެއް ނޫން ނަމަވެސް ލައިކްކުރާ މީހުންގެ އަދަދު އިތުރުވުމަކީ ލިޔުމުގެ ޞައްހަކަން އޮޅިގެން ހިނގައިދާނެ ކަމެކެވެ. މިބާވަތުގެ އަމަލުތައް ކުރުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ނުވެ ސަލާމަތެއް ނުވެވޭނެއެވެ. ޖެހޭނީ ހަމަ ޖަވާބުދާރީ ވާށެވެ. ވީމާ މިފަދަ ކަންކަމަކީ ވަރަށް ބިރުހުރި ކަންކަން ކަމުގައި ޝައިޚް ޢަލީ ޒާހިރު ވަނީ ބަޔާންކުރައްވަވައިފައެވެ.
މިއަދު އޮންލައިން