ރަމަޟާން މަސް ނިމިގެންދާއިރު ވިސްނައިލަން މުހިންމު ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ. އެކަންކަމަށް ވިސްނަން އެންމެ ފަސޭހަވާނީ ތިމާއަށް އަމަލުކުރެވޭ ގޮތާއިމެދު ޚުދު ތިމާ ވިސްނުމުންނެވެ.
އެގޮތުން ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާއި ކޮށްލަންޖެހޭ އެއް ސުވާލަކީ ރަމަޟާން މަސް ނިމިގެންދާއިރު ތިބާ މި ރަމަޟާން މަހު ކުރަން ބޭނުންވިވަރަށް އަޅުކަން ކުރެވުނުތޯއެވެ. ޢިލްމުވެރިން ވިދާޅުވި ވަރަށް ކަންކަން ކުރެވުނު ކަމާއިމެދު ވިސްނަންވީ އެއިގެ ފަހުންނެވެ.
ތިމާ އަމިއްލައަށް މި ރަމަޟާން މަހު ޙާޞިލުކުރަން ބޭނުންވި ލަނޑުދަނޑިތައް ހާޞިލު ނުކުރެވޭނަމަ އެއިގެ މާނައަކީ އިތުރަށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމެވެ. އިޞްލާޙްކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި ކަމެވެ.
ޝައިޠާނާއަކީ މުސްލިމުންގެ މައްޗަށް ހުރި ބޮޑުވެގެންވާ ޢަދާވާތްތެރިއެއް ކަމަށް މާތް ﷲ ވަނީ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. އެކަމަށް ސަމާލުވުމަށް އަމުރުފުޅު ކުރައްވައި އިންޒާރުވެސް ވަނީ ދެއްވަވައިފައެވެ. މައްސަލަތައް އުފެދިގެން މިއަންނަނީ އެކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ. ނުއެނގި ތިބެ ނަމަވެސް ޝައިޠާނާއަށް އިޖާބަދެވޭތީއެވެ.
މިސާލަކަށް ނަމާދު ވަގުތު ޖެހެނީއެވެ. ތިބާ ބޭނުންވަނީ ޖަމާއަތަށް ނަމާދަށް ދާށެވެ. އެންމެ ފަހު ވަގުތު ކުއްލިއަކަށް ޚާއްޞަ މީހަކާއި ބައްދަލުވެދާނެއެވެ. އޭނާ އާއި ވާހަކަ ދައްކަން މަޖުބޫރުވެސް ވެދާނެއެވެ.
ެމެހްމާނުންނަށް މެހްމާންދާރީ އަދާކުރަންޖެހޭނެއެވެ. ރައްޓެހިންނަށް ކަމޭ ހިތަންޖެެހޭނެއެވެ. އެހެން ކަމާއިއެކުވެސް އެފަދަ ވަގުތަކު އިސްކަން ދޭންޖެހޭނީ ނަމާދަށެވެ. ބަލަން ޖެހޭނީ ސުންނަތް ކޮށްލާނެ ވަގުތު އޮއްވައި މިސްކިތަށް އެރުމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެހްމާނުންނަށްވެސް އެއީ ކޮން ވަގުތެއްކަން ހަނދާންކޮށްދީ ނަމާދަށް ދިއުމަށް ދައުވަތު ދިނުމެވެ. ނަމާދުކުރާނީ ފަހުން ކަމަށްބުނެ އުޒުރު ދައްކައިފިނަމަ ބައްދަލުވުން ނަމާދަށްފަހު ކުރިއަށް ގެންދަން ނިންމާށެވެ. ޖަމާއަތުގައި ކުރާ ނަމާދާއި ސުންނަތް ދޫކޮށްނުލާށެވެ.
މިޒަމާނަކީ ހުރިހާ ވަގުތުތަކެއްގައިވެސް މީހުންގެ އަތުގައި ފޯނު އޮންނަ ޒަމާނެވެ. ނަމާދަށް ދާން ތައްޔާރުވަމުންދާ ވަގުތުތަކުގައިވެސް ފޯނުކޯލު އަންނާނެއެވެ. އެ ހުރިހާ ފޯނުކޯލްތަކަށް ޖަވާބު ދީފައި ދާން ހުރެގެން ޖަމާއަތެއް ނުލިބޭނެއެވެ. ސުންނަތެއް ނުކުރެވޭނެއެވެ.
މިފަދަ ކަންކަން ކުރިމަތިވާނީ ހަމައެކަނި ނަމާދު ވަގުތުތަކުގައި އެކަންޏެއް ނޫނެވެ. ކޮންމެ އަޅުކަމެއް ކުރަން އުޅުނު ނަމަވެސް ކޮންމެވެސް ހުރަސްތަކެއް ގިނަފަހަރަށް ކުރިމަތިވާނެއެވެ. އެއީ ހަމަ ޝައިޠާނާ މެދުވެރިކުރުވާ ސަބަބުތަކެކެވެ. އެހެންކަމުން އަޅުކަން ކުރެވޭނީ ޝައިޠާނާއަށްވުރެ ހުޝިޔާރުވެގެންނެވެ.
ޝައިޠާނާ ފުރަތަމަ ބުނާނީ ކުޑަ އިރުކޮޅަކު މަޑުކޮށްލި ނަމަވެސް ޖަމާއަތް ނުގެއްލޭނެ ކަމަށެވެ. ޖަމާއަތް ގެއްލޭ ހިސާބަށް ވަގުތު ފާއިތުވުމުން ދެން ބުނާނީ ޖަމާއަތް ގެއްލިއްޖެނަމަ ފަހުން އެކަނި ކޮށްލެވިދާނެކަމަށެވެ.
އެންމެ ރަނގަޅު ގޮތަކީ ނަމާދު ވަގުތު ކައިރިވެ ނަމާދަށް ދިއުމަށް ތައްޔާރުވާން ނިންމާ ހިސާބުން ފޯން ފްލައިޓް މޯޑަށް ލުމެވެ. އެއްވެސް ކޯލަކަށް ޖަވާބު ނުދިނުމެވެ. އެވަގުތަށް ފޯނާއި މުޅިން ދުރުހެލިވުމެވެ.
މި ބުނި ދެކަމަކީ ނަމާދު ވަގުތުތަކާއި ގުޅިގެން ވަރަށް ޢާންމުކޮށް މެދުވެރިވާ ދެކަމެކެވެ. ޝައިޠާނާ ވަސްވާސްދޭއިރު ފުރަތަމަ މަސައްކަތްކުރާނީ އެ އަޅުކަމެއް ނުކުރާށޭ ނުބުނެއެވެ. އެ ވަސްވާހުގައި ޖެހުމުން ދެން ވިސްނައި ދޭނީ އެކަމެއް ނުކުރުމަށެވެ.
މިސާލަކަށް މެންދުރު ނަމާދުގެ ޖަމާއަތަށް ހުރަސް އެޅިއްޖެނަމަ ފަހުން ބުނާނީ އެއީ އެވަރު ކަމެއް ނޫން ކަމަށެވެ. ޢަޞްރު ވަގުތު ޖެހުމުގެ ކުރިން ކުރިއާލައި މިސްކިތަށް އަރައި އިތުރު އަޅުކަން ކޮށްލުމުން ފުދޭނެ ކަމަށެވެ. އެ މަޅީގައި ޖެއްސުވުމަށްފަހު ޢަޞްރު ވަގުތު ކައިރިވުމުންވެސް ހަމަ ހުރަސްތައް ކުރިމަތިކުރުވާނެއެވެ.
އަންހެންވެރިންނަށްވެސް މިލަނޑުދޭނެއެވެ. ގޭތެރޭގެ މިވެނިކަމެއް ފުރިހަމަކޮށްލާފައި ނަމާދުކުރަން މަޑުކުރުވާނެއެވެ. މިވެނި ކެއުމެއް ތައްޔާރުކޮށްލާފައި ނަމާދުކުރަން ނަޞޭޙަތްދޭނެއެވެ. އެމަޅީގައި ޖެހިއްޖެ ނަމަ އޮންނާނީ އެނަމާދެއް ހަމަ ނުކުރެވިފައެވެ. ވީމާ ނަމާދު ވަގުތު ޖެހުމުން އެއިރަކު ނުކުރެވި ހުރި ކަންކަން ފުރިހަމަކުރަން ނުއުޅޭށެވެ. ކޮންމެ ގޮތަކުން ނަމަވެސް ނަމާދުކުރާށެވެ. ނުކުރެވިހުންނަ ކަންކަން ކުރާނެ ވަގުތު އަބަދުވެސް ހޯދޭނެއެވެ.
ވަކި އެއްޗެއް ނުކެކި ހުރެގެން ރޯދައަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތެވެ. ނަމަވެސް ނަމާދު ނުކުރެވިއްޖެނަމަ ރޯދައިގެ ބޮޑު ބައެއް އުނިވެގެން ދިއައީ އެވެ. ވީމާ ރަމަޟާން މަހުގެ ދެން އޮތް ބައިގައިވެސް އަދި ރަމަޟާން މަސް ނިމުމުންވެސް މިބުނި ކަންކަން މިބުނި ގޮތަށް ނުވަތަ އެއަށްވުރެ ފުރިހަމައަށްވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -