ﷲ ގެ މަގުގައި ހޭދަ ނުކުރާ މީހުން ނިކަމެތި ކުރެއްވެވުމަށް މަލާއިކަތުން ދުޢާކުރައްވަވާނެ: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ﷲ ގެ މަގުގައި ހޭދަ ނުކުރާ މީހުން ނިކަމެތި ކުރެއްވެވުމަށް މަލާއިކަތުން ދުޢާކުރައްވަވާނެ: ޝައިޚް މުޙައްމަދު ލަޠީފް
ރަމަޟާން މަހަކީ މާތް ﷲ ގެ މަގުގައި ހޭދަކުރުން އިތުރުކުރަންޖެހޭ މައްސަރެކެވެ. އެކަމުގެ ލާމަސީލު މިސާލު އަދި އެންމެ ފުރިހަމަ ނަމޫނާ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ މީސްތަކުންނަށް ދައްކަވައި ދެއްވަވައިފައެވެ.

މާތް ﷲ ގެ މަގުގައި ހޭދަކުރާ މީހުންގެ ތަނަވަސްކަން އިތުރުކޮށް ދެއްވެވުން އެދިވަޑައިގެން މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަވާނެއެވެ. ހަމަ އެއާއިއެކު މާތް ﷲ ގެ މަގުގައި ހޭދަ ނުކުރާ މީހުން ނިކަމެތިކޮށްދެއްވެވުން އެދިވަޑައިގެންވެސް މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަވާނެއެވެ.

މަލާއިކަތްބޭކަލުންނަކީ ކޮންފަދަ މަތިވެރި ބައެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟ މާތް ﷲ އެންގެވި ކަމެއް މެނުވީ މަލާއިކަތް ބޭކަލުން ނުކުރައްވަވާނެތެވެ. އެބޭކަލުން އަބަދު އެތިއްބަވަނީ އަބަދު ތަސްބީޙަވިދާޅުވުންމަތީގައެވެ. ވީއިރު އެފަދަ މަތިވެރި ބޭކަލުން ކުރައްވަވާ ދުޢާ މާތް ﷲ އިޖާބަކުރައްވަވާނެކަން އެއީ ޔަޤީންކަމާއިއެކު އެނގޭ ކަމެކެވެ.

ރަމަޟާން މަސް ފެށި ނިމުމަކަށްދާއިރު މިފަދަ ކަންކަމަށް ވިސްނަންޖެހޭނެއެވެ. އެމީހަކަށް ވެވެން އޮތް ވަރަކުން ދީލަތިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. ދީލަތި ކަމަކީ ހަމައެކަނި ފައިސާ ބެހުމެއް ވެސް ނޫނެވެ. ތަނަވަސްކަމުގެ އަހުލެރިންނަށް އެކަނި ކުރެވެން އޮތް ކަމެއްވެސް ނޫނެވެ.

ދީލަތިވުމުގެ ތެރޭގައި އެމީހާގެ އަމަލުތަކުން ދީލަތިވުން ވެސް ހިމެނެއެވެ. މާތް ﷲ އަންގަވާފައިވާ ގޮތުގައި އަޅުކަން ކުރުން އިތުރު ކުރުމަކީވެސް ދީލަތިވުމެވެ. އަނބިދަރިންނަށާއި ގާތް ތިމާގެ މީހުންނަށާއި އެހެން މީސްތަކުންނަށް ހެޔޮ ކަމެއް ކޮށްދިނުމަކީވެސް ދީލަތިވުމެވެ.

އަޅުގަނޑުމެން ހިފި ރޯދަތައް ފުރިހަމަކުރުމަށްޓަކައި ދީލަތިވާންޖެހޭނެއެވެ. ދީލަތިވުމުގެ މާނައިގައި ހިމެނޭ ހުރިހާ ކަމެއް ވެސް ކުރަންޖެހޭނެއެވެ. ހިފި ރޯދަތައް މާތް ﷲ ޤަބޫލުފުލު ކުރައްވަވާތޯ ގަދައަޅައި މަސައްކަތްކުރަންޖެހޭނެއެވެ.

- ރޭގެ ފަތިސް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވެވި ދަރުސުން
މިއަދު އޮންލައިން