ރަމަޞާން މަހު ރޭ އަޅުކަންކުރާ ފަދައިން ދުވާލުވެސް އަޅުކަން ކުރެވޭނެއެވެ. 2 ރަކްއަތުން ސަލާންދެމުން ހަމަ ސުންނަތް ނަމާދުތައް ކުރަމުން ގެންދަންވީއެވެ. ކޮންމެހެން ސުންނަތް ނަމާދުތައް ކުރަންޖެހޭނީ ހަމައެކަނި ރޭގަނޑު ކަމަށް ބަލައިގެން ދުވާލު ސުންނަތް ނަމާދުތައް ނުކޮށް ތިބުމެއް ނެތެވެ.
ތަރާވީޙް ނަމާދަކީ ރަމަޟާން މަހަށް ޚާއްޞަވެގެންވާ ރޭ އަޅުކަމެކެވެ. އެހެންކަމުން ތަރާވީޙް ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ތަރާވީޙް ނަމާދުކުރަނީ ޢިޝާ ނަމާދަށްފަހުގައެވެ.
ދަމުނަމާދަކީ އަހަރުގެ ހުރިހާ ދުވަހަކުވެސް ކުރެވޭނެ ނަމާދެކެވެ. ރަމަޟާން މަހު ކުރާ ކޮންމެ އަޅުކަމަކަށްވެސް ﷲ ތަޢާލާ ދެއްވަވާ ސަވާބު އެތައް ގުނައަކަށް ވަނީ އިތުރުކުރައްވަވައިފައެވެ. އެހެންކަމުން އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ވީހައި ގިނަ އަޅުކަންތައްތައް ކުރަމުން ގެންދަންވީއެވެ.
ކޮންމެ ރަމަޟާން މަހަކު ޖިބްރީލްގެފާނު 7 އުޑުމަތިން ފައިބައި ވަޑައިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަރިހުގައި އިންނަވައިގެން ކީރިތި ޤްރްއާން އެކުގައި މުރާޖަޢާ ކުރެއްވެވިއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަޔާތްޕުޅުގެ އެންެމެ ފަހު އަހަރު 2 ފަހަރަށް މުރާޖަޢާ ކުރެއްވެވިއެވެ. މިކަމުންވެސް އެނގިގެންދަނީ ރަމަޞާން މަހު ކީރިތި ޤްރްއާން މުރާޖަޢާ ކުރުމުގެ މުހިންމުކަން ބޮޑުކަމެވެ.
ރަމަޟާންމަހު އޮތީ ހަމައެކަނި ކީރިތި ޤްރްއާން ކިޔެވުމެއް ނޫނެވެ. ހަމައެކަނި ކިޔެވުމަކުން ނުފުދެއެވެ. މާނަ ވެސް ކިޔައި ވިސްނައި އަދި އަމަލުކުރަންވެސް އެބަޖެހެއެވެ. މިޒަމާނުގައި ތިމަންނައަކަށް ނުއެނގޭ ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ދިވެހި ބަހުންވެސް މާނަ އެނެގޭނެ ނުހަނު ފަސޭހަ ވަސީލަތްތައް އެބަހުއްޓެވެ. އަދި އެހެން ބަސްތަކުންވެސް މާނަ ދަސްކުރެވެން އެބަހުއްޓެވެ.
- އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން -