7 ދަރިންގެ ބައްޕަ ޒުވާން ކުއްޖަކާ ގުޅުން ބަދަހިކުރުމުން ވަރިފަށަށް އެރީމަ ތައާރަފްކޮށްދިން މީހާ ކުށްވެރިކުރުމަކީ ހައްލުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
7 ދަރިންގެ ބައްޕަ ޒުވާން ކުއްޖަކާ ގުޅުން ބަދަހިކުރުމުން ވަރިފަށަށް އެރީމަ ތައާރަފްކޮށްދިން މީހާ ކުށްވެރިކުރުމަކީ ހައްލުތަ؟
ގޭތެރޭގައި ނަމަވެސް އަދި ކްލާހުގައި ނަމަވެސް ކުދިންތަކެއް ކުށެއް ކޮށްގެން މައްސަލައެއް ޖެހިއްޖެނަމަ ބަލާނީ އަވަހަށް އެހެން ކުއްޖެއްގެ ބޮލުގަައި އެކަމެއް އެޅުވޭތޯއެވެ. މީނަ ބުނެގެން، އޭނަ މިވެނިކަމެއް ކޮށްގެން މިކުއްޖާ އެވެނިކަމެއް ކޮށްގެން ކަމަށް ބުނާނެއެވެ.

މިހާރަކަށް އައިސް ބޮޑެތި މީހުންގެ ކިބައިންވެސް ފެންނަނީ އެފަދަ ގޮތްތަކެކެވެ. ބޮޑެތި ފާފަތައް ކުރުމަށްފަހު އެހެން ކޮންމެވެސް މީހެއްގެ ބޮލުގައި އަޅުވަން މަސައްކަތްކުރާތަން ވަރަށް ގިނައިން ފެނެއެވެ. މިވެނި މީހަކު ކުރި ކަމަކުން ނުވަތަ ބުނެގެން ކަމަށް ބުނެ ބަހަނާތައް ދައްކައެވެ. ހަމަ އެފަދައިން އިޖުތިމާޢީ މައްސަލަތަކުގައިވެސް މެއެވެ.

ދާދިފަހުން ދެމަފިރިއަކު ވަރިފަށަށް އެރިއެވެ. 7 ދަރިން ތިއްބެވެ. ޢާއިލާއިން އެކަމުގެ ތެރެއަށް ވަދެ މައްސަލަ ބެލުމުން ފިރިމީހާ ބުނީ މިވެނި މީހަކު ކޮފީއަކުން ތަޢާރަފްކޮށްދިން ކުއްޖަކާއެކު ގުޅުން ބަދަހިކުރެވުނީ ކަމަށެވެ. ހުރިހާ ކުށެއްގެ ޒިންމާ އެޅުވީ އެ ކުއްޖާ ތަޢާރަފްކޮށްދިން މީހާގެ ބޮލުގައެވެ.

ޢާއިލާތަކުގެ މެދުގައި ކަންކަން މިފަދަ ގޮތަކަށް ހުރިއިރު ވައްކަން ކުރުމާއި މީހުން މެރުން ފަދަ ކަންކަން ކުރުމަށްފަހު ވެސް އެކަން ކުރަންޖެހުނު ކޮންމެވެސް ސަބަބެއް އެބަ ދައްކައެވެ. އެކަމަށް މެދުވެރިވި މީހާ ނުވަތަ އެކަމެއް ކުރަން ބުނި މީހާ އެބަކުށްވެރިކުރުވައެވެ.

ކިތަންމެ ގިނަ ބަހަނާތަކެއް ދެއްކި ނަމަވެސް އެކަން އެގޮތަކަށް ނުނިންމޭނެއެވެ. މާތް ﷲ އެކަން އެގޮތަކަށް ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އެމީހަކު ކުރި ކަމެއްގެ ޒިންމާ އުފުލަން އެމީހަކަށް ނުޖެހިއެއް ނުދާނެއެވެ.

އެންމެ ގިނައިން މީހުން މަގުފުރައްދާ ޝައިޠާނާގެ ބޮލުގައި އަޅުވައިގެންވެސް ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭ ނޫންހެވެ؟ ފާފަކުރަން އަމުރުކުރި ވެރި މީހާގެ ކިބައިގައި އަޅުވައިގެންވެސް ސަލާމަތެއް ނުވެވޭނެއެވެ. ފިރިމީހާގެ ބޮލުގައި އަޅުވައިގެން އަނބިމީހާއަކަށްވެސް ސަލާމަތެއް ނުވެވޭނެއެވެ.

މިއީ އެންމެންވެސް ދަންނަ ކަންކަމެވެ. މައްސަލައަކީ ކަން އޮތް ގޮތް އެނގިތިބެމެ ފާފަތައް ކުރާ ކަމެވެ. ފާފަތައް ކުރުމަށްފަހު އެހެން މީހުންގެ ބޮލުގައި ކަންކަން އަޅުވަން މަސައްކަތްކުރާ ކަމެވެ. ރެކި ނުގަނެވޭނެކަންވެސް އެނގިތިބެމެއެވެ.

ނަރަކައިން ސަލާމަތްވެވޭނީ ވެސް އަދި ރަނގަޅު ޒަވާޖީ ހަޔާތެއް ލިބޭނީވެސް އަދި މުޖުތަމައުގައި އަގުހުރި މީހަކަށް ވެވޭނީވެސް އެމީހާއަކީ ޒިންމަދާރު މީހަކަށް ވެގެންނެވެ. އިބިލީސްވެސް ވަސްވާސް ދޭނެއެވެ. އިންސާނުންގެ ތެރޭގައި ތިބޭ އިބިލީހުންވެސް ވަސްވާސް ދޭނެއެވެ. ސަލާމަތްކަން ހޯދުން އޮތީ އެމިހެއްގެ އަތްމަތީގައެވެ.

- ލަވް އިސްލާމްގެ ދަރުސަކުން
މިއަދު އޮންލައިން