ނުބައި އަމަލުތައް ކުރާ މީހުންނާ ގުޅިގެން އުޅޭ މީހުން މަޙްޝަރު ކުރައްވަވާނީ ނުބައި މީހުންނާއެކު: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނުބައި އަމަލުތައް ކުރާ މީހުންނާ ގުޅިގެން އުޅޭ މީހުން މަޙްޝަރު ކުރައްވަވާނީ ނުބައި މީހުންނާއެކު: ޝައިޚް މުޙައްމަދު ލަޠީފް
ވައްކަންކުރުމާއި މީހުން މެރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޒިނޭ ކުރުމާއި އަދި މިނޫންވެސް މިފަދަ ފާފަތައް ކުރާ މީހުންނާއިއެކު އުޅެގެން ނުވާނެއެވެ. ސަބަބަކީ އެފަދަ މީހުންނާއިއެކު އުޅޭ ނަމަ އެމީހަކު ވެސް ވެގެންދާނީ ގެއްލެނިވެ ހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.

ތިމާގެ އެކުވެރިންގެ ތެރޭގައި ފާފަތަކަށް އަރައިގަންނަމުންދާ މީހަކު ހުރިނަމަ އެމީހަކަށް ނަޞޭޙަތްދީގެން އިޞްލާޙްކުރުވަން މަސައްކަތްކުރާށެވެ. އިިޞްލާޙް ވަމުން އަންނަ ނަމަ ބޮޑަށް ގާތްވާށެވެ. އެމީހަކަށް މަގުދައްކައިދޭން ގަދައަޅައި މަސައްކަތްކުރާށެވެ.

އެހެންނަމަވެސް އެފަދަ މީހެއްގެ ސަބަބުން ތިބާގެ އީމާންކަމަށް ކިތަންމެ ކުޑަ ނަމަވެސް އުނިކަމެއް ލިބިދާނެކަމަށް ޝައްކުވެއްޖެ ނަމަވެސް އެމީހަކާއި އަވަހަށް ގުޅުންތައް ކަނޑައިލާށެވެ. އެމީހަކާއި ދުރުހެލިވާށެވެ. އެހެނީ ނުބައި ބައިވެރިންނާއި އެކުވެރިންނަކީ މީސްތަކުން ދަމައި ގެންގޮސް ނަރަކައަށް ވައްދުވާ ބައެކެވެ.

އުޅެން ހެޔޮ ލަފާ ރަނގަޅު އެކުވެރިން ހޯދާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުގައިވަނީ ރަނގަޅު އެކުވެރިންނާއިއެކު އުޅޭ މީހާގެ މިސާލަކީ ގޮމަ ކަސްތޫރި ގެންގުޅޭ އަދި ގޮމަ ކަސްތޫރީގެ ވިޔަފާރި ކުރާ މީހަކާއިއެކު އެ މަސައްކަތުގައި ބައިވެރިވެ އުޅޭ މީހެއްގެ މިސާލު ކަމަށެވެ. ސަބަބަކީ އެފަދަ މީހުންގެ ގައިން ދުވާނީ ގޮމަކަސްތޫރީގެ މީރުވަސް ކަމަށްވާތީއެވެ.

ހަމައެއާއިއެކު ނުބައި އަމަލުތައް ކުރާ މީހުންނާއި ގުޅިގެން އުޅޭ މީހުންގެ މިސާލު ދައްކަވަމުން ބަޔާންކުރައްވަވާފައިވަނީ ކަނބުރުގެއަކަށް ވަންނަ މީހާގެ މިސާލެވެ. އެހެނީ ކަނބުރުގެއަކަށް ވަންނަ ނަމަ އަޅި ބުރާނެއެވެ. ގިރުނބާގެ އަލިފާނުން ކަނިތައް ބުރައި ލައިގެން ހުންނަ ފޭރާން އަދާނެއެވެ. ލޯވަޅު އެޅެމުންދާނެއެވެ. އަލިފާން ކަނިތައް ގައިގައި ޖެހުމުން ހޫނު ވާނެއެވެ. ފިހޭނެއެވެ.

މިއީ ކޮން ފަދަ ރިވެތި މިސާލެއްތޯއެވެ! ކަނބުރުގެއަކަށް ވަނުމުން ގައަށް އަޅިބުރާ ފަދައިން އަދި އަލިފާންޖެހި ފިހޭ ފަދައިން ނުބައި އެކުވެރިންނާއިއެކުގައި އުޅޭނަމަ އެކަމުގެ އަސަރު ތިމާއަށް ކުރަމުން ގޮސް ނަރަކައިގެ އަލިފާނަށް ވެއްޓިގެން ހިނގައިދާނެއެވެ.

ޤިޔާމަތް ދުވަހު ކޮންމެ މީހަކު ވެސް މަޙްޝަރު ކުރެވޭނީ އެމީހަކު އެބައަކަށް ލޯބިކުރި، އެމީހަކާއި އެކުގައި އުޅުނު ބައަކާއިއެކުގައެވެ. އެކަމުން ވެސް އެނގެނީ ދުނިޔޭގައި އުޅޭ އުޅުމުގައި ފާފަތައްކޮށް މުންކަރާތްތަކަށް އަރައިގަންނަމުންދާ މީހުންނަކީ އެކުވެރިން ކަމުގައި ބަލައި އެމީހުން ކުރާ ކަންކަމުގައި ބައިވެރިވެ ވާގިވެރިވެ އުޅޭ މީހުން ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ އެމީހުން މިދުނިޔޭގައި އެކުގައި އުޅުނު މީހުންނާއިއެކުގައި ކަމެވެ.

- ރޭގެ ފަތިސް ނަމާދަށްފަހު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމްގައި އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ދެއްވެވި ދަރުސުން
މިއަދު އޮންލައިން