ރަމަޟާން މަސް ނިންމިގެންދާއިރު އެންމެ ގިނައިން އެދެންވީ ތައުބާ ޤަބޫލުފުޅުކުރެއްވެވުމަށާ ހިފި ރޯދައާ ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަމަޟާން މަސް ނިންމިގެންދާއިރު އެންމެ ގިނައިން އެދެންވީ ތައުބާ ޤަބޫލުފުޅުކުރެއްވެވުމަށާ ހިފި ރޯދައާ ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުމަށް!
ކޮންމެ އަޅުކަމެއް ނިމުމާއިއެކު އެންމެ ފުރަތަ ވެސް ދުޢާކުރަންޖެހެނީ ތައުބާ ޤަބޫލުފުޅު ކުރެއްވެވުން އެދިއެވެ. ނަމާދު ނިމިގެންވެސް އެންމެ ފުރަތަމަވެސް ދުޢާކުރަނީ އެކަމަށެވެ. ސަލާންދިނުމާއިއެކު 3 ފަހަރު މިކިޔަނީ އަސްތަޣްފިރުﷲ އެވެ. ޙައްޖުވުން ވެސް ނިންމައިލަނީ އެގޮތުގައެވެ.

މަޤްޞަދަކީ ފާފަތައް ފުއްސެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދެންނެވުމެވެ. ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ އާދޭސް ދެންނެވުމެވެ.

ކޮންމެ ރޯދައެއް ވީއްލުމަށްފަހު ނުވަތަ ވީއްލުން ކަރިވުމުން އެ ދުވަހުގެ ރޯދަ ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަންޖެހޭނެއެވެ. ރަމަޟާން މަސް ނިމިގެންދާއިރު، އެ މަހުގައި ހިފި ރޯދަތަކާއި ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަންޖެހޭނެއެވެ. އެކަންކަމަށް އެދި ކުރާ ދުޢާތައް ގިނަކުރަން ޖެހޭނެއެވެ.

ރޯދަ ހިފައިގެން ހުރެ ހަމަ ކޮންމެ ދުވަހަކުވެސް މާތް ﷲ ނުރުއްސަވާ ކަންތައްތަކެއް ކުރެވިފައި ހުރެދާނެއެވެ. ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވިވެސް ހުރެދާނެއެވެ. އިންސާނުން ކަމަށްވީތީއެވެ. އަދި ރޯދައަށް ހުރެ ކުރި އަޅުކަންތައްތަކުގައިވެސް އުނި ކަންތައްތަކެއް ހުންނާނެއެވެ.

އެހެންކަމުން އެގޮތަށް ކުރެވިފައި ހުރި އުނި ކަންތައްތަކަށާއި ނުކޮށް ދޫކޮށްލެވިފައިވާ ކުރަންޖެހޭ ކަންތައްތައް ނުކުރެވި ހުރި ކަމުގެ ކުށަށް ޢަފޫކުރައްވަވައިދެއްވަވާތޯ އާދޭސްކުރަންޖެހޭނެއެވެ.
މިއަދު އޮންލައިން