ފިޠުރު ޒަކާތް ނެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރޯދައަށްހުރެ ކުރެވިފައިވާ އުނި ކަންތައްތައް ފިޠުރު ޒަކާތުގެ ސަބަބުން ފޮހެވިގެންދާ ކަމަށްޓަކައެވެ. ރޯދައަށް ހުރެ ކުރެވިފައިވާ ކުދި ކުށްތަކުގެ ތައުބާއަށްޓަކައެވެ.
ޢިލްމުވެރިން ވިދާޅުވަނީ ފިޠުރު ޒަކާތަކީ ނަމާދުކުރުމުގައި ކުށެއް ކުރެވުމުން ކުރަންޖެހޭ ކުށު ސަޖިދަ ކުރުން ފަދަ ކަމެއް ކަމަށެވެ. އެހެންކަމުން ހިފި ރޯދަތައް ވީހައި ފުރިހަމަކުރުމަށްޓަކައި ޒަކާތް ނެރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ފިޠުރު ޒަކާތަކީ ތައުބާއެކެވެ. އިސްތިޣްފާރު ކުރުމެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! އަރެމެން މިއަހަރުގެ ރަމަޟާން މަހަށް މަރުޙަބާކީ އިއްޔެހެން ހީނުވޭ ހެއްޔެވެ؟ ކުރަން ބޭނުންވި ގިނަ ކަންތައްތަކެއް ނުކުރެވި ހުއްޓާ ރަމަޟާން މަސް އަހަރެމެންނަށް އަލްވަދާޢު އެކިޔަނީއެވެ.
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔަވީ ކަންކަމުގައި އުޅެވޭ މިންވަރު އިތުރުވުމުންނެވެ. އެކަމުން އެނގެނީ އަހަރެމެން ހިފި ރޯދަ އާއި ކުރި އަޅުކަންތައްތަކުގައި އުނި އެތައް ބައިވަރު ކަންތައްތަކެއް ހުންނާނެ ކަމެވެ. އެންމެ ފުރިހަމަ ގޮތާއި ގާތް ވެސް ނުކުރާ ވަރަށް އެތައް ބައިވަރު ކަންތައްތަކެއް ކުރެވިފައިވާނެ ކަމެވެ. އެކަންކަމުން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ!