ޝައިޠާނުންތައް ތިބީ ކަސްތޮޅުން ނެއްޓޭނެ ވަގުތުގެ އިންތިޒާރުގަ - ސަލާމަތްކަން ހޯދާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ޝައިޠާނުންތައް ތިބީ ކަސްތޮޅުން ނެއްޓޭނެ ވަގުތުގެ އިންތިޒާރުގަ - ސަލާމަތްކަން ހޯދާތި!
މާތް ﷲ ކޮންމެ ރަމަޟާން މަހަކަށް ބޮޑެތި ޝައިޠާނުންތައް ކަސްތޮޅު އަޅުއްވަވައެވެ. އެއީވެސް މީސްތަކުންނަށް އެކަމުގެ ފަސޭހަކަން ހޯއްދަވައިދެއްވެވުމަށެވެ. ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުގެ އާދަ ހިފުމަށެވެ.

ޝައިޠާނުންތައް ތިބޭނީ ކަސްތޮޅުން ނެއްޓެވޭނެ ވަގުތުގެ އިންތިޒާރުގައެވެ. ހަމަ ވީއްލޭއިރަށް އިތުރު ބާރަކާއިއެކު މީސްތަކުން މަގު ފުރައްދަން ކުރިމަތިލާނެއެވެ. ކަސްތޮޅުގައި ތިބެ ކުރި ބުއްދީގެ ބޭނުން ތަންފާޒުކުރަން ތެޅިފޮޅިގަންނާނެއެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް ދިމާކުރާނީ ރަމަޟާން މަހު ތައުބާވެ އަމަލުތައް އިޞްލާޙްކުރި މީހުން އަލުން މަގުފުރެއްދުމަށެވެ. އެއީ ޝައިޠާނުންގެ އަތުން އެންމެ ކަސްޓަމަރަކުވެސް ގެއްލިގެންދިއަ ނުދިނުމަށެވެ.

މިއީ ދުނިޔަވީ ކަންކަމުގައިވެސް އެކަން ހިނގާނެ ގޮތެވެ. ވިޔަފާރިކުރާ ފަރާތްތަކުންވެސް އެންމެ ބޮޑުވާނީ ކަސްޓަމަރަކު ގެއްލުމުންނެވެ. އައު ކަސްޓަމަރުން ހޯދަން އަބަދުވެސް މަސައްކަތްކުރާނެއެވެ. އެހެންކަމާއިއެކުވެސް އެންމެ ކަސްޓަމަރަކު ނަމަވެސް ގެއްލިއްޖެ ނަމަ ޑިސްކައުންޓާއި އިތުރު އިނާޔަތްތައް ދީގެން ނަމަވެސް އެ ކަސްޓަމަރަކު އަނބުރާ ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާނެއެވެ.

ޝައިޠާނުންގެ ކަންތައްތައްވެސް ހުންނާނީ ހަމަ އެފަދަ ގޮތަކަށެވެ. އެއްވެސް މީހަކު ތައުބާވެ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ހެޔޮ އަމަލުތައް ކުރަން ފަށައިފިނަމަ އެމީހަކު މަގު ފުރެއްދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ. އެއީ ޝައިޠާނާ ﷲ ތަޢާލާގެ ޙަޟްރަތުގައި ކޮށްގެން ހުރި ހުވާ ތަންފީޒުކުރުމަށެވެ.

ޝައިޠާނާގެ ހުވައަކީ ވީހައި ގިނަ ބައަކު މަގުފުރައްދައި ނަރަކައަށް ގެންދުވާނެ ކަމުގެ ހުވައެވެ. ހަމަ އެކަކުވެސް ސަލާމަތްވިއަ ނުދީ ނަރަކައަށް ގެންދުވާނެކަމަށް ޝައިޠާނާ ވަނީ ބުނެފައެވެ. އެއީ މީސްތަކުންނަށް އެންމެ ބިރުހުރި ހުވައެވެ. މީސްތަކުންނަށް އެންމެ ބޮޑަށް ގެއްލުން ލިބޭނެ ހުވައެވެ.

ޝައިޠާނާ އެފަދައިން ބުނި ނަމަވެސް އަދި އެކަމަށް ހުވާކުރި ނަމަވެސް ޝައިޠާނާއަށް މަގު ފުރެއްދޭނީ މާތް ﷲ ގެ މަގުގައި ސާބިތުވެ ނުހުރި މީހަކު އެކަންޏެވެ. މާތް ﷲ އަށް ބިރުވެތިވެ މާތް ﷲ ގެ މަގުގައި ސާބިތުވެ ހުންނަން މަސައްކަތްކުރާ މީހާއަށް ބޭނުންވާ ރައްކައުތެރިކަން މާތް ﷲ ދެއްވަވާނެތެވެ. އެއީ މާތް ﷲ ގެ ވައުދު ބަސްފުޅެކެވެ.

"އާނއެކެވެ! މާތް ﷲ ވަނީ ތިއަކަން ޙަރާމްކުރައްވަވައިފައެވެ. ނަމަވެސް އެންމެ ފަހަރަކު ކޮށްލުމަކީ އެހައި ނުބައި ކަމެއް ނޫނެވެ. ﷲ އީ ޣަފޫރުއްރަޙީމްއެވެ! ދީލަތި އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ކޮށްލެވޭ ފާފަތަކަށް ޢަފޫ ކުރައްވަވާނެއެވެ. ބައިވަރު ހެޔޮ އަމަލުތައްވެސް އެބަކުރަމެއް ނޫން ހެއްޔެވެ؟" މިފަދަ ބަސްތައް ބުނެ ޝައިޠާނާ ވަސްވާސް ދޭނެއެވެ.

"ރޯދަ މަހު ތައުބާވި މީހުންނަށް ޝައިޠާނާ ބުނާނެއެވެ. މިހާރު ކަލޭގެ އެއްވެސް ފާފައެއް ނެތެވެ. އެހެންވީމާ ހިތް އެދޭ ކަމެއް ކޮށްލުމަކީ އެހައި ބޮޑު ކަމެއް ނޫނެއް ނޫން ހެއްޔެވެ؟ އަންނަ އަހަރުވެސް ރަމަޟާން މަހާއި ބައްދަލުވާނެއެވެ. ފާފަތައް ފޮހެލުމުގެ ފުރުޞަތު ލިބޭނެއެވެ."

މީސްތަކުންނޭވެ. މަރުވާނެ ވަގުތު އެނގޭ ހެއްޔެވެ؟ އަންނަ އަހަރުގެ ރަމަޟާން މަހަށް ދުނިޔޭގައި ހުރެވޭނެކަން އެނގޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ރަމަޟާންމަހު ވީ ތައުބާ ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އަހަރެމެންނަށް ކުރަންޖެހޭނީ އުންމީދެވެ. އެ އުންމީދުގައި ހުރެ ފާފަތަކަށް އަރައިގަންނަން ފެށީމާ މިކުރެވެނީ ކޮންފަދަ ބޮޑު ކުށެއްކަމާއިމެދު ވިސްނައިލާށެވެ.

މިއަދު ކަންކަން މިހިނގާ ގޮތަށް ބަލައިފިނަމަ މިބުނާ ބަހުގެ ތެދުކަން އެންމެންނަށްވެސް އެނގޭނެއެވެ. ހިތާމައަކީ އެކަން އެނގިތިބެމެ ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލެވޭ ކަމެވެ. އެކަން ނުކުރާށެވެ. ރަމަޟާން މަހު ޝައިޠާނާ އާއި ދުރުހެލިވި ފަދައިން ދުރުހެލިވެގެން ތިބޭށެވެ. އެކަން އެދޭ މީހާއަށް އަދި އެކަމަށް މަސައްކަތްކުރާ މީހާއަށް މާތް ﷲ އެކަމަށް މަގުފަހިކޮށް ދެއްވަވާނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން