ތުރުކީގެ މަހުޖަނެއްގެ އަންހެން ދަރިފުޅު އޭނާގެ ރައްޓެހިންކޮޅެއް ގޮވައިގެން ދުބާއީއަށް އައިސް ޕާޓީކޮށްލާފައި އެނބުރި ޤައުމަށް ދަތުރު ފެށިތަނާ ވީކަމަކީ ހަމަ ޢާންމު ކުޑަކުޑަކަމެކެވެ. މޫސުން ގޯސްވެލުމެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ހިނގީ ވެސް ހަމަ ޢާންމު ކުޑަކުޑަ ކަމެކެވެ. ދަތުރުކުރަމުންދިއަ ބައްޕަގެ ޕްރައިވެޓް ޖެޓް ފަރުބަދައެއްގައި ޖެހިފައި ގޮވީއެވެ. ދެންވެސް ހިނގީ ހަމަ އެފަދަ ހާދިސާތަކާއި ގުޅިގެން ހިނގާ ވަރަށް ޢާންމު ކަމެކެވެ. އެންމެން އެކުގައި މަރުވުމެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު މަރުކާތަކުގެ ބްރޭންޑް ނިޔު ކާރު ގަނެލައިގެން ދުއްވަން ފަށާތަނުން ކާރުގައި އަލިފާން ރޯވެ އަނދައިގެން މަރުވަނީ ކިތައް މީހުންތޯއެވެ! މިފަދަ ހާދިސާތައް ހިނގުމުން ބަދަލު ހޯދަން ތިމާ ޚަރަދުކޮށްގެން ކުރި އިންޝުއަރަންސުގެ ފައިސާ ވެސް ތިމާއަށް ނުލިބުނީއެވެ.
އަމިއްލަ ގޭގައި ނުވަތަ އެނޫންވެސް ތަންތަނުގައި އަލިފާން ރޯވުމުންނާއި ތަފާތު ހާދިސާ ތަކުގައި ކޮންމެ ދުވަހަކު މަރުވެ ދުނިޔެ ދޫކުރަންޖެހެނީ ކިތަށް މީހުންނަށް ހެއްޔެވެ؟
މިފަދަ ކަންކަން އަބަދުހެން މީސްތަކުގެ ލޯތަކަށް މާތް ﷲ ދައްކަވަމުން ގެންދަވަނީ އެކަންކަމާއި ގުޅިގެން ވިސްނައި ފިކުރު ކުރުމަށެވެ. ޢިބްރަތް ޙާޞިލުކުރުމަށެވެ.
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ވަރަށް ގިނަ އަހަރުތަކެއްވަންދެން ތިމާއަށް ދުނިޔޭގައި ހުރެވޭނެ ކަމަށެވެ. އެހެންވީމާ ކަންކަން އިޞްލާޙްކޮށް ބަދަލުކޮށްލައި ތައުބާވުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
އެފަދަ ވިސްނުމުގައި މީހަކު ހުރި ނަމަ އެމީހަކު ވާނީ ހަމަ ވަރަށް ބޮޑު މޮޔައަކަށެވެ. އެހެނީ މާތް ﷲ ކޮންމެ ދުވަހަކު ދައްކަވަމުން ގެންދަވާ މުއުޖިޒާތްތަކާއި ޢިބްރަތްތެރި ފިލާވަޅުތަކުގެ ބޭނުން ހިފަން ނުއެނގޭ މީހާއަށްވުރެ ބޮޑު މޮޔައަކު ނުހުންނާނެތީއެވެ. އެހެންކަމުން ހަޤީޤީ ބުއްދިވެރިންނަކީ ޙަޔާތުގެ ކޮންމެ މިނިޓެއްގެ ބޭނުން ވެސް އެންމެ ހެޔޮ ގޮތުގައި ހިފާ މީހުންނެވެ.