"އަލްޖައްބާރް" ގެ މާނަ އެނގޭ މީހަކު ހަމައެކަކަށްވެސް އަނިޔާވެރިއެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
"އަލްޖައްބާރް" ގެ މާނަ އެނގޭ މީހަކު ހަމައެކަކަށްވެސް އަނިޔާވެރިއެއް ނުވާނެ!
ކީރިތި ޤްރްއާނުގައި "އަލްޖައްބާރު" އައިސްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ ސޫރަތުލްހުޝްރްގައެވެ. މިއީ މާތް ﷲ ގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެއް ނަމަވެސް ގިނަ ބައަކު މިނަންފުޅާއި އެހައި ރައްޓެއްސެއް ނޫނެވެ.

"އަލްޖައްބާރު" އެވެ ބުނެވިއްޖެނަމަ ހިތަށް ފުރަތަމަ ވަންނަ މާނައަކީ ރަނގަޅު މާނައެއް ނޫނެވެ. އަލްޖައްބާރުގެ މާނައިގައި 3 ކަމެއްވެއެވެ.

އެއް ކަމަކީ ނުވަތަ މާނައަކީ އަނިޔާވެރިންގެ މައްޗަށް ގަދަވެގަންނަ މިހާއެވެ. އަނިޔާކުރާ އަނިޔާވެރިޔާއަށްވުރެ ބާރުގަދަ މީހާއެވެ. އަނިޔާ ލިބެމުންދާ މީހުންގެ ޙައްޤުގައި އަނިޔާ ކުރާ މީހާއަށް ނުވަތަ އަނިޔާވެރިޔާއަށް ދޭންޖެހޭ އަދަބު ދޭ މީހާއެވެ. ވިސްނާށެވެ. މީސްތަކުންނަށް އަނިޔާ ލިބެމުންދާއިރު އަނިޔާވެރިންގެ މައްޗަށް ގަދަވެވޮޑިގަންނަވާ ފަރާތަކީ ﷲ ތަޢާލާއެވެ.

"އަލްޖައްބާރް"ގެ ދެވަނަ މާނައަކީ އެންމެ މަތިވެރިއެވެ. އެހެން އެއްވެސް ފަރާތަކަށް އެފަރާތަކާއި ކައިރިވެސް ނުވެވޭނެއެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސްމެއެވެ.

"އަލްޖައްބާރް"ގެ 3 ވަނަ މާނައަކީ ތިބާ މަރުވެ، ފަނާވެފައިވަނިކޮށް ތިބާ ކުރިން ހުރި ގޮތަށް އަލުން އަނބުރާ ރުޖޫޢަ ކުރައްވަވާފަރާތެވެ. އެކަން ކުރުމުގެ ބާރު ލިބިގެންވާ ފަރާތެވެ. މިއީ ﷲ ތަޢާލާ ނޫން ފަރާތަކަށް ލިބިވޮޑިގެންވާ ބާރެއް ނޫނެވެ.

ވިސްނާށެވެ. ހާލަތު ބަދަލުކުރެއްވެވުމުގެ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ލިބެމުންދާ އަނިޔާއަކުން ސަލާމަތް ކުރެއްވެވުން ކަމަށް ބެލި ނަމަވެސް އަދި ބަލިހާލުގައި އޮތް މީހަކަށް ޝިފާ ދެއްވެވުން ކަމަށް ބެލި ނަމަވެސް މާތް ﷲ ކަމެއް ހިއްމަވައިދެއްވަވައިފިނަމަ އެކަން އެހެން ގޮތަކަށް ބަދަލުކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެކިއެކި ކަންކަމާއި ގުޅިގެން "އަލްޖައްބާރު" ބޭނުންފުޅުކުރައްވަވައިގެން މުޞީބާތްތަކުން ސަލާމަތް ކޮށްދެއްވެވުން އެދިވަޑައިގެން ދުޢާ ކުރެއްވެވިއެވެ.

އަނިޔާވެރިވަނީ ހަމައެކަނި ވެރިންނެއް ނޫނެވެ. ވެރިން ނޫން މީހުންވެސް އަނިޔާކުރެއެވެ. ތިމާ އެމީހަކު ދެކެ އެންމެ ލޯބިވާ ނުވަތަ އެބައަކު ދެކެ ލޯބިވާ ބައެއްގެ ކިބައިންވެސް އަނިޔާ ލިބިދާނެއެވެ. އަމިއްލަ ޢާއިލާގެތެރެއިން ގަނާކުރާ ކުރުމަކީވެސް ހަމަ އަނިޔާވެރިވުމެވެ. ފިރިމީހާ އަނބިމީހާއަށް، އަނބިމީހާ ފިރިމީހާއަށް މަކަރު ހެދުމަކީވެސް ހަމަ އަނިޔާވެރިވުމެވެ. މައިންބަފައިންނާއި ދަރިންނަށް ދޭންޖެހޭ ލޯތްބާއި ޙައްޤުތައް ނުދިނުމަކީވެސް ހަމަ އަނިޔާވެރިވުމެވެ.

މާޔޫސް ނުވާށެވެ. އެއްވެސް ގޮތަކުން ތިމާއަށް އަނިޔާއެއް ލިބެމުން އަންނަ ނަމަ އެންމެހައި ހާލަތުތައް ބަދަލުކުރެއްވެވުމުގެ ބާރު ލިބިވޮޑިގެންވާ ﷲ ތަޢާލާއަށް ދުޢާ ކުރާށެވެ. އެކަލާނގެ ތިބާގެ ޙާލަތު ބަދަލުކުރައްވަވާނެތެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން