ނިދާފައި އޮންނައިރު ނުވަތަ ނިދާފައި އޮންނަ ވަގުތުތަކުގައި ދަމުނަމާދުކުރުމުގެ ސަވާބުލިބޭނެކަމަށް އުންމީދު ކުރެވިދާނެކަން އެނގެން އެބައޮތެވެ. ތިމާ އޮތީ ނިދާފައެވެ. ނަމަވެސް ދަމުނަމާދުކުރުމުގެ ސަވާބު ލިބެނީއެވެ. އެހެންކަމުން އެއީ މިޒަމާނަށް ބަލައިފިނަމަ އަރަތަކަށްވެސް ވެދާނެއެވެ.
ނަމަވެސް ޞަޙާބީންގެ ޒަމާނުގައި އެއީ އަރަތަކަށް ނުވެއެވެ. އެބޭކަލުން މާތް ﷲ ގެ ޙަޟްރަތުން އުންމީދުކުރެއްެވެވީ ވެސް ހަމަ އެގޮތެވެ.
އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ޞަހާބީންގެ ޙަޔާތްޕުޅުގެ ކަންކަން އެގޮތުގައި ބައްޓަން ކުރައްވަވާފައިވާތީއެވެ.
ޞަހާބީންނަކީ އެބޭކަލުންގެ އަސާސީ ދިރިއުޅުއްވުމަށް ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅެއް ކުރައްވަވާ ވަގުތުގައި މެނުވީ މާތް ﷲ އަށް އަޅުކަން ކުރެއްވުމުގައި ވަގުތުތައް ހޭދަ ކުރެއްވެވި ބޭކަލުންނެވެ.
އެހެންކަމުން އެބޭކަލުން އަވަހާރަފުޅު ލައްޕަވަނީވެސް މާތް ﷲ އަށްޓަކައެވެ. އަވަހާރަފުޅުލައްޕަވަމުން ﷲ އަށް ދުޢާ ކުރައްވަވައެވެ. އަދި ތިމަންނާ މިނިދަނީ އިނބަ ﷲ އަށް އަޅުކަން ކުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ހަކަތަ އިނބަ ﷲ ގެ ޙަޟްރަަތުން ބޭނުންވާތީ ކަމަށް ދަންނަވައެވެ. ނިދާލާފައި ހޭލައި މާތް ﷲ އަށް އަޅުކަންކުރާނެ ކަމަށްވެސް ދަންނަވައެވެ. އެކަންކަމަށް މަގުފަހިކޮށްދެއްވެވުމަށްވެސް އެދިވަޑައިގަންނަވައެވެ.
އިޚްލާޞްތެރިކަމާއިއެކު އެ ގޮތުގައި ނިދާފައި އޮންނަ މިހާއަށް އެމީހާގެ ނިޔަތާއިއެއްގޮތަށް މާތް ﷲ ސަވާބު ދެއްވަވާނެ ކަމަށް ޞަހާބީން އުންމީދުކުރެއްެވެވިއެވެ. އެފަދަ ބަސްފުޅުތައް ޞަހާބީންގެ އަރިއަހުން ވަނީ ވާރިދުވެފައެވެ. އަޅުގަނޑުމެންނަށް އޮތީ މިފަދަ ކަންކަން ދަސްކުރުމެވެ. އަމަލުތައް ސީދާ ކުރުމެވެ. އިޚްލާޞްތެރިވުމެވެ. އެއިރުން ނިދީގެ ވަގުތުތަކުގައިވެސް ދާނީ ހަމަ އަޅުކަންކުރުމުގެ ސަވާބު ލިބެމުންނެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -