މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކޮށް ވަކިވެގެން ދަނީއެވެ. ފަހަރެއްގައި މިއަދަކީ ފަހު ދުވަސްކަމަށްވެސް ވެދާނެއެވެ. ހަމަ ޔަޤީނުންވެސް މާދަމާ ވާނީ ފަހު ދުވަހަށެވެ. އެއީ މާދަމާ ރޯދަ ހިފުމުން 30 ރޯދަ ހަމަވާނެތީއެވެ.
ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އަޅުގަނޑުމެންނާއި ވަކިވެގެންދާއިރު މުޅި މަސް ދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ކިހިނެއްބާވައެވެ! އުފަލުން ހެވޭވަރަށް މަސައްކަތް ކުރެވުނުބާވައެވެ! ނޫންނަމަ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުނު ކަމަށް ޤަބޫލުކޮށް ރޮވޭހެއްޔެވެ؟ ލޮލުން އެންމެ ކަރުނަ ތިއްކެއް ވައްޓައިލެވިއްޖެހެއްޔެވެ؟
ނިމިގެން މިދާ ރޯދަމަހަކީވެސް ތަފާތު ގިނަ ކަންތައްތަކެއް ހިނގައި ގޮސްފައިވާ މަހެކެވެ. އެއްބައަކު އުޅުނީ އަޅުކަން ކުރުމުގައެވެ. ފަރުޟު ނަމާދު ކުރުމާއި ސުންނަތް ނަމާދުކުރުމުގައެވެ. ތަރާވީޙް ނަމާދުކުރުމާއި ދަމުނަމާދުވެސް ކުރުމުގައެވެ. ހަމަ އެފަދައިން އަނެއް ބައަކު އުޅުނީ ކުޅިވަރުކުޅުމާއި އެމީހަކު ކުރަން ބޭނުންވި ކަންކަމުގައެވެ.
ނަމާދު ކުރަން ބޭނުން ނުވެ ސްޓޭޑިއަމް ފަދަ ތަންތަނުގައި ކުޅިވަރުކުޅެން އުޅުނު މީހުންނާއި އެކަންކަމަށް ހިއްވަރުދީ މަގުފަހިކޮށްދިން މީހުންނަށް ޙައްޤު ޖަޒާ މާތް ﷲ ދެއްވަވާނެއެވެ.
ރާއްޖޭގެ ކަލަންޑަރަށް ބަލައިފިނަމަ އެންމެ ފަހުގެ އޮނަހިރި ވިލޭރެއަކީ ރޭއެވެ. 29 ވިލޭރެއެވެ. ވިރޭ ވާނީ 30 ވިލޭރެއަށެވެ. މިރެއަކީ 30 ވިލޭރޭ ކަމަށްވުމަކީ އަޅުކަމާއި ދުރުހެލިވާންޖެހެންވީ ރެއެއް ނޫނެވެ. ބަލަންވީ މިރޭ ވެސް ހަމަ ވީހައި ގިނަ އަޅުކަމެއް ކުރެވޭތޯއެވެ!
- އައްޝައިޚް އަޙްމަދު މޫސާގެ ދަރުސަކުން