ކެއުމަކީ އަޅުކަމަކަށް ވެސް ހެދިދާނެ! ނަރަކައާ ދިމާއަށް ކޮށްޕާ ކަމަކަށްވެސް ހެދިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކެއުމަކީ އަޅުކަމަކަށް ވެސް ހެދިދާނެ! ނަރަކައާ ދިމާއަށް ކޮށްޕާ ކަމަކަށްވެސް ހެދިދާނެ!
ކަނީ ކީއްކުރަން ހެއްޔެވެ؟ ކަނީ ބަނޑުބޮޑުކުރާށެވެ! ކާކުގެ ބަނޑެއް ހެއްޔެވެ؟ ތިމާގެ ބަނޑެވެ. ބަނޑުބޮޑުކުރަނީ ކީއްކުރަންހެއްޔެވެ؟ ތިމާއަށް ބޭނުންވާ ހަކަތަ ހޯދުމަށެވެ. ތިމާއަށް ބޭނުންވާ މިހުރިހާ ކަންކަން ޙާޞިލުކުރުމަށް ތިމާ ކާ ކެއުމަކީ ކުރާ އަޅުކަމަށް ހެދިދާނެއެވެ!

ފުރަތަމަ ޝަރުޠަކީ ކާ އެއްޗަކީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އެއްޗަކަށް ހެދުމެވެ. މިކަމުގައި ވިސްނައިލަން ޖެހޭ ކަމެއް އެބައޮތެވެ. މިސާލަކަށް ގޮދަނަކީ ﷲ ތަޢާލާ ޙަލާލް ކުރެއްވެވި އެއްޗެކެވެ. ނަމަވެސް ގޮދަން ހޯދާފައި ހުރީ ވައްކަންކޮށްގެން ނުވަތަ ފޭރި ގަނެގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކުން ކަމަށްވާނަމަ އެފަދަ ގޮތަކުން ހޯދާފައި ހުރި އެއްޗެއް ޙަލާލެއް ނުވާނެއެވެ. އަދި އެއެއްޗެއް ހޯދާފައިވަނީ ހަލާލް ނޫން ގޮތުގައި ހޯދާފައިވާ ފައިސާއިން ކަމަށްވާނަމަ ވެސް ޙަލާލެއް ނުވާނެއެވެ.

މީހަކު ދޭ ކެއުމެއްގައި ހުރި ތަކެތި ހޯދާފައި ހުރިގޮތް ނުއެނގި ކެވޭ މީހަކަށް އެކަމުގެ މައްސަލައެއް ނެތެވެ. އެނގިހުރެގެން ކާނަމަ އެކަމުގެ މައްސަލަ އޮންނާނެއެވެ.

2 ވަނަ ޝަރުޠަކީ ބިސްމިﷲ ކިޔާފައި ކާން ފެށުމެވެ. 3 ވަނަ ޝަރުޠަކީ ކަނާއަތުން ކެއުމެވެ.

ކެއުމުގައި އަދަބުތަކެއް އެބަހުއްޓެވެ. ތަށީގެ ކަނައަތް ފަރާތުން ކެއުމާއި އަވަސް އަރުވާލައިގެން ނުކެއުމަކީވެސް ކެއުމުގެ އަދަބުތަކުގެތެރޭގައި ހިމެނޭ ކަންކަމެވެ.

ކާންޖެހޭ މިންގަނޑުތަކެއްވެސް އެބަހުއްޓެވެ. އެއީ ކާންވާނީ އަބަދުވެސް ގޮހޮރުގެ ތިންބައިކުޅަ އެއް ބައަށެވެ. ދެވަނަ ބައި ޚާއްޞަކުރަންޖެހޭނީ ފެނަށެވެ. 3 ވަނަ ބައި ޚާއްޞަކުރަންޖެހޭނީ ނޭވާލުމަށެވެ.

ކެއުމަކީ އަހަރެމެންގެ އަމިއްލަ ފައިދާއަށް ކުރާ ކަމެއް ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދަސްކޮށްދެއްވަވާފައިވާ ގޮތަށް ކެއުމުން، ކެއުމަކީވެސް އަޅުކަމަކަށްވާނެއެވެ.

ދެން ބަލައިލަންވީ ކެއުމުގެ ސަބަބުން ނަރަކައާއި ދިމާއަށް ދެވޭ ގޮތެވެ. ކެއުމުގެ ސަބަބުން އެންމެ ގިނަ ބައަކު ނަރަކައަށްދަނީ ޙަރާންތަކެތި ކެއުމުންނެވެ. އެއިގެ ތެރޭގައި ﷲ ހުއްދަކުރައްވަވާފައި ނުވާ ތަކެތި ކެއުމާއި ޙަލާލް ކުރެއްެވެވި ތަކެތި ނަމަވެސް ޙަރާންގޮތުގައި ހޯދާ ތަކެތި ކެއުން ހިމެނެއެވެ.

ހަމައެއާއިއެކު ކާބޯތަކެތި އިސްރާފްކުރުމަކީވެސް ހަމަ ބޮޑުވެގެންވާ ފާފައެކެވެ. އަވަށްޓެރިޔާގެ އަތުގައި ކާނެއެއްޗެއް ނެތިގެން ނުކައި ހުއްޓައި އޭނާއަށް ނުދީ ކެއުމަކީވެސް ފާފަވެރިވާ ކަމެކެވެ.

ކުރުކޮށް ބުނާނަމަ ސުންނަތާއި ޚިލާފަށް ކެއުމުގައި އަމަލުކުރާނަމަ އެހެދެނީ ގޯހެކެވެ. ކެއުމުގައި އަމަލުކުރަންވީ އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ ސުންނަތަށެވެ. ސުންނަތަށް އަމަލުކުރި ވަރަކަށް ދާނީ ބޯނަސްތައް އިތުރުވަމުންނެވެ. ސަވާބު ލިބެމުންނެވެ.

ވީމާ ކައިބޮއި ހެދުމުގައި މިކަންކަމަށް ސަމާލުކަން ދިނުމަށް ވަޞިއްޔަތް ކުރަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން