ނަމާދު ވަގުތުތައް ފާއިތުވަމުންދާއިރު ދެ ނަމާދު އެއްކުރުވަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. މިސާލަކަށް މަޣްރިބް ނަމާދު ކޮށްލާނީ އިޝާ ނަމާދަށް ގޮސް ކަމަމަށް ވިސްނައިދޭނެއެވެ. އެމަޅީގައި ޖެހިއްޖެ މަދު މީހަކަށް ނޫނީ އޮންނާނީ މަޣްރިބް ނަމާދު ނުކުރެވިފައެވެ.
އެންމެ ގިނަ ވަގުތު ލިބިގެންވާ ނަމާދަކީ އިޝާ ނަމާދުގެ ވަގުތެވެ. އިޝާ ނަމާދާއި ފަތިސް ނަމާދާއި ދެމެދަށް ބަލައިފިނަމަ އެއީ 9 ވަރަކަށް ގަޑިއިރެވެ. އެހެންކަމާއިއެކުވެސް ބަންގި ގޮވުމުން ޢިޝާ ނަމާދު ނުކޮށް ފަސްކުރާ ވެސް މަދު މީހަކަށް ނޫނީ ޢިޝާ ނަމާދެއް ނުކުރެވޭނެއެވެ.
ކޮންމެވެސް ސަބަބެއް މެދުވެރިވެގެން، ހަދާން ނެތިގެން، ނޫނީ ވަރުބަލިވެގެން އިންނާނީ ނިދިފައެވެ.
މީސްތަކުންނޭވެ! މިފަދަ ކަންކަން އިޞްލާޙްކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަންޖެހޭނެ އެއްކަމަކީ އިބިލީސް މާތް ﷲ ގެ ކުރިފުޅުމަތީގައި ވެފައިވާ ހުވާ ހަނދާންކުރުން ކަމަށް ކުރީ ދުވަހެއްގެ ދަރުސްގައިވެސް ބުނީމެވެ. ހަމަ އެކަކުވެސް ސަލާމަތްވިއަ ނުދީ އެންމެން ނަރަކައަށް ގެންދަން އިބިލީސްކޮށްފައިވާ ހުވާގެމަތީން ހަނދާންކޮށް ދެނީއެވެ.
މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާށެވެ. ޝައިޠާނުންތައް އިންސާނުން މަގުފުރެއްދުމަށްޓަކައި މުޢާމަލާތުކުރާނީ އެމީހާގެ ފެންވަރަށާއި ބަލި ފައަށް ބަލައިގެންނެވެ. އެމީހާ ދިރިއުޅޭ ގޮތަށާއި ކަންކަން ކުރާ ގޮތަށް ބަލައިގެންނެވެ.
މިސާލަކަށް ލަހުން ނިދާ މީހަކު އަވަހަށް ނިދަން އުޅެފިނަމަ އެކަމުގެ ތެރެއަށް ވަދެގަންނާނެއެވެ. ނިދަން އަދި މާ އަވަސްކަމަށްވެސް ބުނާނެއެވެ. ނިދިއަ ނުދޭން ވެސް މަސައްކަތްކުރާނެއެވެ. އެއީ ފަތިސް ނަމާދަށް ހޭލިއަ ނުދޭންވެގެންނެވެ.
ތަންކޮޅެއް ބޮޑަށް ތަންދޮރު އެނގޭ މީހުންނާއި މުޢާމަލާތުކުރާ ގޮތް ތަފާތުވާނެއެވެ. ފުރަތަމަ ބުނާނީ "އާނ މިއީ މާތް ﷲ ނަހީ ކުރެއްވެވި ކަމެއް" ކަމަށެވެ. އެއަށްފަހު ބުނާނީ "އާނ! އެހެންވިއަސް މިފަހަރު ކޮއްލާނީއެވެ! މާތްﷲ އީ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެހައި ކުދިކުދި ކަންތައްތަކަށް މަޢާފްކުރައްވަވާނެވެ!" މިފަދަ ވިސްނުންތައް ސިކުނޑިަށް ވައްދައިގެން ނުބައި އަމަލުތައް ކުރަން ދެވި ހިފަންދެން ހިއްވަރުދޭނެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާށެވެ. ޚާއްޞަކޮށް މިއީ ރަމަޟާން މަހަށްފަހު ޝައިޠާނުންތައް ވީއްލުނު ވަގުތުކަމަށް ވުމުންނެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -