މިއީ އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕުގައި ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލުތަކާއި އޭގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދީފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛު ޢަބްދުއްލަތީފު އެވެ.
ސ. "ކަނު އަނދިރީގައި ނަމާދު ކުރުމަކީ މައްސަލައެއްތޯ؟"
ޖ. "މައްސަލައެއް ނޫން"
ސ. "ބައިގެން ދިޔައީ ބަނޑަށް އެއް މަސްވީފަހުން. 40 ވަންދެން މަޑު ކުރަން ޖެހޭތޯ ނޫނީ ޕީރިއަޑް ރަނގަޅު ވީމަ ނަމާދު ކުރެވޭނެތޯ؟"
ޖ. " ބަނޑަށް ހަތަރު މަސް ވުމުގެ ކުރިން އަންނަ ލެޔަށް ނިފާސް ގެ ހުކުމެއް ނުހިނގާނެއެވެ. އެ ލޭ ބެލެވޭނީ އިސްތިހާލާގެ ލޭ ކަމަށެވެ. ވީމާ ލޭ ނާންނަ ގޮތަށް ބަންދު ކޮށްގެން ކޮންމެ ނަމާދަކަށް ވުޟޫ އައު ކޮށްގެން ކުރަން ވާނެއެވެ. ރޯދަ ވެސް ހިފޭނެއެވެ."
ސ. "ހަ ރޯދައިގެ ނިޔަތް ބުނެދެއްވަފާނަންތޯ؟"
ޖ. "ޝައްވާލު މަހުގެ ހަ ރޯދަ ހިފާކަމަށް ހިތަށް އެރުވީމަ ނިމުނީއެވެ."
ސ. "ޝައްވާލު މަހުގެ ދެވަނަ ދުވަހު (ޢީދު ދުވަސް ނޫން އަނެއް ދުވަހު) ރޯދައަށް ނުހުރެ، ޝައްވާލު މަހުގެ ހަ ރޯދަ ހިފޭނެތޯ؟ މީހުން ބުނޭ ފުރަތަމަ ދުވަހު ހުންނަން ޖެހޭނޭ، ކޮބާތޯ ރަނގަޅު ގޮތަކީ؟"
ޖ. ޝައްވާލު މަހުގެ ކޮންމެ ދުވަހެއްގައިވެސް ހަ ރޯދަ ހަމަ ކުރީމަ ރަނގަޅުވާނެ އިން-ޝާ ﷲ "
ސ. "ޖިންނިތައް ދޫކޮށްލަނީ ހަ ރޯދައަށް ފަހުތަ؟"
ޖ. "ރޯދަ މަސް ނިމުނީމައެވެ."
ސ. "ނަމާދުގައި އިށީންދެ އިންނަ ހުރިހާ ވަގުތުތަކެއްގައިވެސް އިނދެވެނީ އެއްގޮތަކަށް. ފަހު އައްތަހިޔާތުގައި އިންނަ ގޮތަށް. އެނޫން ގޮތަކަށް އިނަންޔާ ވަރަށް ބޮޑަށް ފަޔަށް ތަދުވޭ. އެހެންކަމަށްވާނަމަ، ނަމާދުގެ ސަވާބު އުނިވާނެތޯ؟ ސައްޙަ ވާނެތޯ ނުވަތަ ފާފަވެރިތޯ ވާނީ؟"
ޖ. "އުޒުރެއްގެ ސަބަބުން އެހެން ގޮތަކަށް ނުއިނދެވޭނަމަ ފަސޭހަ ގޮތަކަށް އިންނާނީ. އެމީހެއްގެ ހާލަތު މާތް ﷲ މޮޅަށް ދެނެވޮޑިގެންވޭ"