އެންމެ ފައިދާހުރި ލޯތްބާ އެންމެ އަގުބޮޑު ލޯބީގެ ޓިކެޓް ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އެންމެ ފައިދާހުރި ލޯތްބާ އެންމެ އަގުބޮޑު ލޯބީގެ ޓިކެޓް ބޭނުންތަ؟
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވަނީ މާތް ﷲ އާއި ވީހައިވެސް ބޮޑަށް ކުއްތަންވުމަށެވެ. އެއީ އެކަން ހިނގަމުންދާ އަދި ހިނގަމުން ދާނެވެސްެގޮތެވެ.

ނިކަން މިމޭރުމުން ވިސްނައިލަ ބަލާށެވެ! މާތްﷲ 5 ނަމާދު ފަރުޟްކުރެއްެވެވީ ކީއްވެގެން ހެއްޔެވެ؟ އެ ނަމާދުތައް އެއް ވަގުތެއްގައި ކޮށް ނިންމައިލި ނަމަވެސް ނުވަތަ ނަމާދު ނަމާދުގެ ވަގުތުގައި ކުރުމަކުންވެސް ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާ ހަމަ އެއްވެސް ނިއުމަތެއް ނެތެވެ. ހުރިހާ މޮޅަކާއި ނިއުމަތެއް ވަނީ ތިބާއަށެވެ.

ހަޤީޤަތުގައި ނަމާދާއި ﷲ ގެ އަޅާ އާއި އަދި ﷲ ތައާލާ އާއި ދެމެދުގައި ވަނީ ވަރަށް މަތިވެރި ގުޅުމެވެ. އެކަން އެނގޭ އެންމެ ފަސޭހަ ގޮތަކީ ޤަވާއިދުން ނަމާދުކުރަން އާދަވެފައި ހުންނަ މީހަކަށް ވަގުތުޖެހުމުން ނަމާދު ނުކުރެވިގެން ފޯރާ އުނދަގޫތަކެވެ.

ދެ ލޯބި ވެރިން ބައްދަލުނުކުރެވި ލަސްވެގެން އެކަމާއިމެދު ކަންބޮޑުވެގެން އުޅޭ ގޮތާއި ޤަވާއިދުން ނަމާދުކުރާ މީހަކަށް ނަމާދު ނުކުރެވުމުން ކަންބޮޑުވެގެން އުޅޭ ގޮތް ނިކަން ރަނގަޅަށް ބަލައިލަބަލާށެވެ. ނަމާދު ޤަވާއިދުން ކުރާ މީހާއަށް ނަމާދު ނުކުރެވި ލަސްވުމުން މާބޮޑަށް ކަންބޮޑުވެގެން އުޅޭނެއެވެ. އެކަމުން ދައްކައިދެނީ އެމީހާ އާއި ނަމާދާއިމެދުގައި އޮތް ލޯބީގެ ބަދަހިކަމެވެ.

ﷲ ތަޢާލާ ނަމާދު ފަރުޟު ކުރެއްެވެވުމުގައި މުޅި ރެއާއި ދުވާލަށް ބެހިގެންދާ ގޮތަށް ވަގުތުތައް ކަނޑައަޅުއްވަވާފައިވާ ސަބަބާއިމެދު ވެސް ވިސްނައިލުމަކީ ހަމަ ކޮށްލަން ރަނގަޅު ކަމެކެވެ. އެކަން އަހަރެންނަށް ޤަބޫލުކުރެވޭ ގޮތަށް ބުނެފާނަމަމެވެ.

މާތްﷲ ތަޢާލާ މީސްތަކުން ދެކެ ވެވޮޑިގަންނަވާ ލޯބިފުޅު ބޮޑުކަމުން އިރުއިރުކޮޅުން އަޅުގަނޑުމެންނަށް ދައުވަތުދެއްވަވަނީއެވެ. އަވަހަށް އެކަލާނގެ ހަޟްރަތަށް ދިއުމަށެވެ. ދިއުމުން އިނާމެއްގެ ގޮތުގައި މިދެއްވަވަނީ ފަލާހެވެ. ތެދުމަގެވެ. މީހާ ގެއްލި ނުދާނެ ތެދުމަގަށްވުރެ އަގު ބޮޑު ހަދިޔާއަކީ ކޮބައިހެއްޔެވެ؟

ފަލާޙް- އެއީ ޓިކެޓެވެ. ކޮން ޓިކެޓެއް ކަމަށް ހެއްޔެވެ؟ ދުނިޔޭގައި ލިބޭނެ އެންމެ އަގުބޮޑު ޓިކެޓެވެ. އެހެނީ އެ ޓީކެޓު ލިބުމުން ވަދެވިގެން އެދަނީ ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެއަށެވެ. އެއަށްވުރެ އަގުބޮޑު ޓިކެޓަކީ ކޮބައިހެއްޔެވެ؟

މާތް ﷲ އަޅުގަނޑުމެންދެކެ ލޯބިވެވޮޑިގަންނަވާ މިންވަރާއިމެދު އަދިވެސް ވިސްނައިލާށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދައުވަތު ދެއްވަވާފައިވަނީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތަށް ގޮސް ދުވާލަކު 5 ފަހަރު ގޮސް 5 ފަރުޟު ނަމާދުކުރާކަށް ނޫނެވެ. ބޭނުންހައި ވަގުތަކު ގޮސް ސުންނަތް ނަމާދުތައްކޮށް ޛިކުރުކުރަންވީއެވެ. މިޒަމާނުގެ އިބާރާތުން ބުނާނަމަ މާތްﷲ މީސްތަކުންނަށް ދެއްވަވާފައިވަނީ "އޯޕަން އިންވިޓޭޝަން"އެކެވެ. ލިބިގަންނަން ބޭނުންވަރެއް އޮތީ އިންސާނާގެ އިޚްތިޔާރުގައެވެ. އިންސާނާގެ އަމިއްލަ އިޚްތިޔާރަށް ދޫކޮށްލައްވަވައިފައެވެ.

ވީމާ މިއަށްވުރެ ބޮޑު ލޯބީގެ ގުޅުމަކީ އަދި މިއަށްވުރެ ބޮޑު ނިއުމަތެއް ލިބޭނެ ކަމަކީ ކޮބައިތޯއެވެ؟ ރަނގަޅަށް ވިސްނައިލުމަށްފަހު އަވަހަށް ﷲ ތަޢާލާގެ ދައުވަތު ފުރިހަމައަށް ޤަބޫލުކުރާ މީހަކަށްވާށެވެ. ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި އޮންނަ ލޯބީގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާށެވެ. ހަޤީޤީ ލޯތްބަކީ އަދި ތިމާއަށް ހަޤީޤީ ފައިދާއެއް ކުރާނެ ލޯބީގެ ގުޅުމަކީ އެއީއެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން. -
މިއަދު އޮންލައިން