މީހަކަށް ކުރެވިފައިވާ ކުށެއްގައި ހިފަހައްޓައި މީހަކަށް ފުރައްސާރަކުރުމާއި ބަދަލުހިފުމަކީ ފިރުއައުނުގެ ސިފައެކެވެ. އެ ސިފަ މުސްލިމުންގެ ކިބައިގައި ހުރެގެން ނުވާނެއެވެ. އެފަދަ ސިފަތައް ގެންގުޅޭނަމަ އެ އަމަލުކުރެވެނީ ފިރުއައުނު އަމަލުކުރި ގޮތަށެވެ.
އަހަރެމެން އަމަލުކުރަންޖެހޭނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަމަލުކުރެއްވެވި ގޮތަށެވެ. އަހަރެމެން ވާންޖެހޭމީ މާފްކުރާ ބައަކަށެވެ. ކުށްތަކަށް އަރައިގަންނަ މީހުންނަށް ދީނަށް ގޮވާލައި ރަނގަޅު މަގު ދައްކައިދޭން މަސައްކަތްކުރާ ބައަކަށެވެ. އެނބުރި ﷲ ގެ މަގަށް ރުޖޫއަވުމަށް ދައުވަތުދޭ ބައަކަށެވެ.
ކައު އިތުރު ރަަސޫލާއަށް އެންމެ ބޮޑު ނުތަނަވަސް ކަމެއް ލިބިވަޑައިގެން ކީރިތި ކުރެއްވެވި ދުވަހަކީ ބޮޑުބޭބޭފުޅު ހަމްޒަތުގެފާނު ޝަހީދު ކުރި ދުވަސްކަމަށް ޞަޙާބީން ވަނީ ބަޔާން ކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް އެ ނުބައި އަމަލުކުރި ވަހްޝީގެކިބައިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވީ އިޞްލާޙްވުމަށެވެ. ތައުބާ ވުމަށެވެ. އިސްލާމް ދީން ޤަބޫލުކުރުމަށެވެ.
ވަހްޝީ ލައްވައި އެކަންކުރުވީ އަންހެނެކެވެ. ހިންދް ބިންތް އުތްބާ އެވެ. ހަމްޒާ (ރޢ) ޝަހީދުކޮށްލި ޚަބަރު ވަހްޝީ ދިނުމުން އެ އަންހެނާ ވަނީ ހަމްޒަތުގެފާނުގެ ހަށިކޮޅު ކައިރިއަށް ގޮސް ހަމްޒަތުގެފާނުގެ ދޫފުޅާއި ކަންފަތްފުޅާއި ނޭފަތްފުޅު ފަދަ ގުނަވަންތައް ކަނޑާލައި ހަށިކޮޅު އެތައް ދިމާއަކުން ފަޅާލައި އެތެރެ ހަށީގައި ހުރި ގުނަވަންތައް ދަމައި ބޭރަށް ނެރުނެވެ.
މައްކާ ފަތަހަ ކުރެއްވެވި ދުވަހު މިހައި އަނިޔާވެރި ގޮތަކަށް ކަންކަން ކޮށްފައިވާ އަންހެން މީހާ އިސްލާމް ދީން ޤަބޫލުކުރަން ބޭނުންވެގެން އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ އަރިއަހަށް ދިއުމުން އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ. ޝަހާދަތް ލައިދެއްވީއެވެ. އަދި އެ ހިސާބުން އޭނާއަށް ޙައްޤު ޤަދަރު ދެއްވެވީއެވެ.
އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކަންތައްތައް ކުރަންވާނީ މި ގޮތަށެވެ. އެއްވެސް މީހެއްގެ ކުރީގެ ކުށްތަކަށް ބަލައި ބަސްތައް ބުނެގެން ނުވާނެއެވެ. އިހާނެތި ގޮތުގައި އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އިސްލާމް ދީނަށް އަޅުގަނޑުމެން ހޯދަން ބޭނުންވެގެން މިއުޅޭ ނަޞްރާއި ކުރިއެރުން ލިބޭނީ އެއިރުންނެވެ.