ﷲ އަށް ދުޢާކުރިތާ 24 ގަޑިއިރުތެރޭ ފަނޑިޔާރު މައްސަލަ ކޯޓުން ބޭރުކޮށްލި - ކިޔަވަން ނުދަންނަ މީހާ 8 މަހުން ޙާފިޡަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ﷲ އަށް ދުޢާކުރިތާ 24 ގަޑިއިރުތެރޭ ފަނޑިޔާރު މައްސަލަ ކޯޓުން ބޭރުކޮށްލި - ކިޔަވަން ނުދަންނަ މީހާ 8 މަހުން ޙާފިޡަކަށް!
އަހަރެންނަށް އޭނާ ފެނުނީ މިސްކިތަކުންނެވެ. މުޅި ގައިގައި ހުރީ ޓަޓޫ ޖަހައިފައެވެ. ވަރަށް ކަންބޮޑުވިއެވެ. އެހެންކަމުން ނަމާދު ނިމިގެން އޭނާ އާއި ވާހަކަދައްކައިލީމެވެ.

"އަހަރެން ނިޞްބަތްވަނީ ތައި - އެމެރިކާ ޢާއިލާއަކަށެވެ. ބޮޑުބޭބެއަކީ ގޭންގުތައް ހިންގާ މީހެކެވެ. ބޮޑުބޭބެ ކުރާ ކަންކަމުގައި ބައިވެރިވެ އުޅުނީމެވެ. އެކަންކަމާއި ގުޅިގެން އުމުރުން 23 ވަނަ އަހަރު ވެސް ޖަލަށްލިއެވެ. އެއީ ޖަލުގައި ބަންދުކުރި 3 ވަނަ ފަހަރެވެ. ކުރިން ވަނީ 2 ފަހަރެއްގެ މަތީން ޖަލުގައި އެތައް ދުވަހެއް ހޭދަކޮށްފައެވެ.

ޖެހިގެން ކުރިއަށް އޮތީ އަހަރެނެގެ މައްޗަށް ޙުކުމް އިއްވާ ދުވަހެވެ. އެއީ އަހަރެންގެ 3 ވަނަ އެފަދަ މައްސަލަކަމަށްވުމުން ކެލިފޯނިއާގައި އަމަލުކުރާ އުޞޫލުގެ ސަބަބުން ފަނޑިޔާރު ޙުކުމް އިއްވާނީ އުމުރަށް ޖަލަށްލުމަށް ކަމަށް ޤަބޫލުކުރެވެއެވެ.

އެވަގުތު އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ އުމުރުން އެންމެ 23 އަހަރުގައި އަހަރެންގެ ދުވަސް ދިއައީއެވެ. ދެން ސަލާމަތެއް ނުވެވޭނެއެވެ.

އެވަގުތު އަހަރެންގެ ވިސްނުމަށް ބަދަލުތަކެއް އައެވެ. މާތް ﷲ ގެ ޙަޟްރަތުން ވާގިއެދެން ބޭނުންވިއެވެ. ވަރަށް ފުންކޮށް ވިސްނައިލުމަށްފަހު ވަގުތުން ސަޖިދައަށް ދިއައިމެވެ. ސަޖިދައިގައި އޮވެ އަހަރެން އެ ޙާލަތުން ސަލާމަތް ކޮށްދެއްވަވާތޯ ދުޢާ ކުރީމެވެ.

އަހަރެންގެ އުމުރުން 10 އަހަރުގައި، އެއިގެ 13 އަހަރުކުރިން މަންމަ އާއިއެކު މިސްކިތަށް ދިއަ ދުވަހަކު ސަޖިދައެއް ޖެހިފަހުން އެއީ ޖެހި ފުރަތަމަ ސަޖިދައެވެ. އެ ސަޖިދަވެގެންދިއައީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ސަޖިދައަށެވެ.

މަންމަ އަބަދުވެސް ބުނާނެއެވެ. ދަރިފުޅުގެ ކާފައަކީ ހާފިޡެކެވެ. ދަރިފުޅު ވާންވާނީ ޙާފިޡަކަށެވެ. އެކަމަކު ތިއަ އުޅޭ ގޮތް ނިކަން ބަލައިލަބަލާށެވެ. ބޮޑުބޭބެ ވެސް އެއުޅެނީ އުޅޭނެ ގޮތަކަށެވެ. މިހަނދާންތައް ހުރުމާއިއެކު ޖަލުން ސަލާމަތް ވެވިއްޖެނަމަ އުޅުން މުޅިން ބަދަލުކޮށް ޙާފިޡަކަށް ވުމަށް އަޒުމް ކަނޑައެޅީމެވެ. އަދި އެ ފުރުޞަތު ދެއްވަވާތޯ ﷲ ތަޢާލާއަށް އެރޭ ވަރަށް ގިނައިން ދުޢާ ކުރީމެވެ."

ޖެހިގެން އައި ދުވަހު ހެނދުނު ފަނޑިޔާރުގެ ކުރިމައްޗަށް ގެންދިއައެވެ. މަންމަ އާއި އާއިލާގެ އެންމެން ތިބީ ރޯށެވެ. ވެފައި ހުރި ގޮތެއް ނުއެނގެއެވެ. ރޯކަށް އަހަރެންނަކަށް ނުއެނގުނެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ.

ފަނޑިޔާރު އަހަރެންގެ ފައިލް ހުޅުވައިގެން ރަނގަޅަށް ބަލައިލުމަށްފަހު ފައިލް ލައްޕައިލިއެވެ. އަދި އަހަރެންނާއި ސުވާލެއް ކުރިއެވެ. "ކަލެއަށް އެއްވެސް އަދަބެއް ނުދީ ދޫކޮށްލައިފިނަމަ އަމަލުކުރާނެ ގޮތަކާއިމެދުގަ" އެވެ.

ޖަވާބުގައި އަހަރެން ބުނީމެވެ. "ފުރުޞަތު ލިބިއްޖެނަމަ އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލާނަމެވެ. އަހަރެން ވާނީ ފުރިހަމަ މުސްލިމަކަށެވެ. އެއްވެސް ގޭންގެއްގެ ފަހަތަކުން ނުދާނަމެވެ. އުޅޭނީ މުސްލިމް ޢިލްމުވެރިންގެ ފަހަތުންނެވެ."

އަހަރެންގެ ވާހަކަ އަޑު އެހުމަށްފަހު ފަނޑިޔާރު ބުނީ މައްސަލަ މިވަގުތަށް ނިންމައިލީ ކަމަށެވެ. އަހަރެން އުޅެން ބޭނުން ގޮތަކަށް އުޅެން ދިއުމުގެ ފުރުޞަތު ދިނީ ކަމަށެވެ. ނަމަވެސް އަހަރެންގެ އަމަލުތައް ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.

އަހަރެން ސަލާމަތްވީއެވެ. މަންމަމެން އެންމެންނަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. މަންމަގެ ދަބަހުގައި އޮތީ ކިތައް ޑޮލަރުތޯ ބެލިއިރު އޮތީ އެންމެ 50 ޑޮލަރެވެ. ޢާއިލާގެ އެންމެންގެ ޖީބު ބަލައިގެން ލިބުނީ ޖުމުލަ 459 ޑޮލަރެވެ.

އެވަގުތު މަންމަ ގާތު އަހައި އޮޅުންފިލުވީ އެންމެ ކައިރީގައި ހުރި ކީރިތި ޤްރްއާން ހިތުދަސްކޮށްދޭ މަރުކަޒަކީ ކޮބައިތޯއެވެ. މަންމަ ކިޔައި ދިނުމުން ދުވެފައި ދިއައީ ބަސް ސްޓޭންޑަށެވެ. ބަހަށް އަރައިގެން ދިއައީ އެ މަރުކަޒަށެވެ.

ކަންދިމާވިގޮތުން އެމަރުކަޒުގައި އެފަދަ ކްލާހެއް ނުހިންގައެވެ. ނަމަވެސް އެފަދަ ކްލާސް ހިންގާ ތަނެއް ބުނެދިނެވެ. ގެއަށް ގޮސް ހެދުމެއް ހޯދާކަށްވެސް ނުއުޅެމެވެ. ބަހަކަށް އަރައިގެން އެ މަރުކަޒަށް ދިއައީއެވެ. އެ މަރުކަޒު ހުރީ 200 މޭލު ދުރުގައެވެ. އެކަމަކުވެސް އެއްވެސް ވަރަކަށް ކަންބޮޑެއް ނުވަމެވެ.

އެތަނަށް ގޮސް މިއައީ ކީރިތި ޤްރްއާން ހިތުދަސްކުރަން ބޭނުންވެގެން ކަމަށް ބުނީމެވެ. އެމީހުން އެތަނުގައި އަހަރެން ރަޖިސްޓްރީކޮށް ކްލާސްތަކުގައި ބައިވެރިކުރަން ފެށިއެވެ. އެއިރު ކީރިތި ޤްރްއާން ކިޔަވަންވެސް ނުއެނގެއެވެ. އަލިފުބާއިން ފެށީ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ 8 މަސް ދުވަސްވީއިރު ކީރިތި ޤްރްއާން ހިތުދަސްވެއްޖެއެވެ."

މިއީ އެ ޒުވާނާ ކިޔައިދިން ވާހަކައެވެ. މިއަދު އޭނާއަކީ އިމާމްވެ ނަމާދުކުރާ މީހެކެވެ. ކައިވެނިކޮށް ދަރިން ލިބިފައިވާއިރު އެދަރިންނަށް ކީރިތި ޤްރްއާން ހިތުދަސްކޮށްދޭން މަސައްކަތްކުރާ ބައްޕައެކެވެ.

މިފަދަ ހާދިސާތަކުން އެނގެނީ ތައުބާވެ ހެޔޮ އަމަލުކުރަން އިޚްލާޞްތެރިކަމާއިއެކު ބޭނުންވާ މީހާއަށް އެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެ ކަމެވެ. އެކަމަށް މަގުފަހިކޮށްދެއްވަވާނެ ކަމެވެ. މީސްތަކުންނަށް އޮތީ އިޚްލާޞްތެރިކަމާއިއެކު ގަދައަޅައި މަސައްކަތްކުރުން ކަމެވެ.

- ޝައިޚް ޢަބްދުއްނާޞިރް ޖަންގްދާގެ ދަރުސަކުން -
މިއަދު އޮންލައިން