އިސްލާމްވުމުން އަތުގަ ހުރި ހުރިހާއެއްޗެއް ގެއްލުނު - ކެތްތެރިވުމުން ﷲ ދެއްވެވި ނިޢުމަތްތައް މާފުރިހަމަ: ޑރ. ބްރައުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
އިސްލާމްވުމުން އަތުގަ ހުރި ހުރިހާއެއްޗެއް ގެއްލުނު - ކެތްތެރިވުމުން ﷲ ދެއްވެވި ނިޢުމަތްތައް މާފުރިހަމަ: ޑރ. ބްރައުން
އަހަރެންނަކީ އެމެރިކާގެ މީހެކެވެ. އޮޕަރޭޝަންކުރާ ޑޮކްޓަރެކެވެ. އިސްލާމްވީ އެއަރފޯސްގައި މަސައްކަތްކުރާތާ 12 އަހަރުފަހުން މޭޖަރެއްގެ މަޤާމުގައި ހުރެއެވެ. ވަޒީފާ ދޫކޮށްލީ އިސްލާމްވުމަށްފަހު އެއާފޯސްގައި މަސައްކަތްކުރަން ހިތްހަމަނުޖެހުމުންނެވެ.

އަހަރެން އިސްލާމްވުމުން އަނބިމީހާ ކޯޓަށް ގޮސް ވަރިވިއެވެ. ކޯޓުގައި އޭނާއަށް އަހަރެންގެ ކުށަކަށް ދެއްކުނީ ހަމައެކަނި އިސްލާމްވުމެވެ. އިތުރު އެއްވެސް ކުށެއް ނުދެއްކުނެވެ. ކުރި އަނިޔާއެއް ދިން ގެއްލުމެއް ނުދެއްކުނެވެ. އަޅައިނުލާ ފަރުވާ ކުޑަކުރާ ކަމަކަށްވެސް ނުބުނެވުނެވެ.

ކޯޓުން ވަރިކޮށްދިނެވެ. އަހަރެންގެ ގެއާއި ގެސްޓް ހައުސްވެސް އަތުލައިދިނެވެ. ދަރިންނާއި 500 ފޫޓު ދުރުގައި ހުރެގެން ބައްދަލުކުރަން ޖެއްސިއެވެ. ގެއާއި ވެސް 500 ފޫޓަށްވުރެ ކައިރިނުވާން އެންގިއެވެ. އެވަރުންވެސް ބައްދަލުކުރެވެނީ ސެކިޔުރިޓީއެއްވެސް ބަހައްޓައިގެންނެވެ.

މައިންބަފައިން އަހަރެންނާއި ގުޅުން ކަނޑައިލިއެވެ. އަހަރެން ދެކެން ވެސް އަދި އަހަރެންގެ އަޑު ފޯނުން އަހަންވެސް ބޭނުން ނޫން ކަމަށްވެސް ބުންޏެވެ. އަހަރެންނަކީ އަމިއްލައަށް ބިޔަރު ހަދައިގެން ބުއި މީހެކެވެ. ބައްޕަވެސް އެންމެ ބޮޑަށް ކަންބޮޑުވީ އަހަރެން ހަދާ ބިޔަރު ނުލިބިދާނެތީއެވެ.

ރައްޓެހިންނާއިއެކު ޕާޓީކުރަން ދިއުން ހުއްޓާލުމުން ހުރިހާ އެކުވެރިން ގެއްލުނެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އަތުގައި ހުރިނަމަ ހުރި ހުރިހާ އެއްޗެއް ގެއްލިގެންދިއައެވެ.

ދެން މާތް ﷲ މިހާރު ދެއްވަވާފައިވާ ނިޢުމަތްތަކަށް ބަލައިލަންހެއްޔެވެ؟ މުސްލިމް އަންބެއް ދެއްވަވައިފިއެވެ. ދަރިއަކުވެސް ދެއްވަވައިފިއެވެ. "ލިފްޓަށް ކުޑަކަމުދާ" އެމެރިކާގެ ބަދަލުގައި ދިރިއުޅެމުން މިދަނީ މާތްވެގެންވާ މަދީނާގައެވެ.

އަހަރެންގެ އަހަކު ހުރެއެވެ. އޭނާއަކީވެސް މިހާރު މުސްލިމެކެވެ. ދެމީހުން އިސްލާމްވުމުގެ ކުރިން ދެމީހުންގެ މެދުގައި އޮތީ ހަމަނުޖެހުމާއި ނަފުރަތެވެ. އަޚްވަންތަކަމުގެ ގުޅުމަކީ ކިހައިވަރެއްގެ އެއްޗެއްކަމާއި އަޚްވަންތަ ކަމުގެ ލޯބި އެނގިގެން މިދިއައީ އިސްލާމްވި ފަހުންނެވެ. މިހާރު ކޮންމެ އަހަރަކު ދަރިންނާއިއެކު ޗުއްޓީ ހޭދަކުރެވެއެވެ. ވަރިކުރި އަނބިމީހާ އާއި އަދި މައިން ބަފައިންނާއިވެސް ފޯނުން ވާހަކަ ދެއްކެއެވެ.

އަހަރެން ހިލޭ އަންހެނުންގެ އަތުގައި ހިފައި ސަލާމެއް ނުކުރަމެވެ. އެއީ އިސްލާމް ދީން އެކަން ހުއްދަ ނުކުރާތީއެވެ. ކްރިސްޓިއަން ދީނުގައިވެސް އެއީ ހުއްދަ ކަމެއް ނޫނެވެ. ހުޅަނގުގެ ތަހްޒީބުކަމަށްބުނެ ކައިވެނީގެ ހަފްލާތަކުގައާއި އެހެންތަންތަނުގައި ހިލޭ އަންހެނުންނާއި ފިރިހެނުން ބައްދައި ދޮންދީ ހަދާއިރު ޖީސަސް އެކަން އެންމެ ފަހަރަކުވެސް ނުކުރެއެވެ. ކުރިކަން ނިކަން ބައިބަލުން ދައްކަބަލާށެވެ.

އިސްލާމް ވުމުން އެމީހަކު އިމްތިޙާނުކުރެއްވެވުމަށްޓަކައި މާތް ﷲ ދަތިތައް ކުރިމަތިކުރައްވަވައެވެ. ބައެއް މީހުންނަށް އެކަންކަމަށް ކެތް ނުކުރެވިގެން އިސްލާމް ދީން ދޫވެސް ކުރެއެވެ. ނަމަވެސް ކެތްތެރިކަމާއިއެކު ސާބިތުވެ ހުރި މީހަކަށް މާތް ﷲ ނިޢުމަތްތައް މިންވަރުކުރައްވަވައެވެ. މަގު ދައްކަވައެވެ.

އަހަރެން މުޅި ދުނިޔެއަށް ގޮވާލަން ބޭނުންވަނީ ހަމަ އެންމެން އިސްލާމްވުމަށެވެ. އިސްލާމްވުމުން ލިބޭ މަތިވެރި ނިއުމަތްތަކާއި ހިތަށް ލިބޭ ހިތްހަމަޖެހުން އިޙްޞާޞްކުރެވޭނީ ހަމަ އެކަން ތަޖުރިބާ ކުރެވުމުންނެވެ.

ބައެއް މީހުން އިސްލާމް ދީނަކީ ހަމައެކަނި ފިރިހެނުންނަށް ހުރިހާ ޙައްޤުތަކެއް ލިބޭ ދީނެއް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. އެކަން އެނގެނީ އިސްލާމްވާ މީހުންގެ ނިޞްބަތަށް ބެލުމުން އަންހެނުންގެ އަދަދު ގިނަވީމައެވެ. އެބުނަނީ ތެދެއްނަމަ އިސްލާމްވާ އަންހެނުންގެ އަދަދު އިތުރުވާންވީ ކީއްވެގެން ހެއްޔެވެ؟
މިއަދު އޮންލައިން