ދަރިއަކު ލިބުމަކީ އަހަރެމެންނަށް މާތް ﷲ ދެއްވާ ނިޢުމަތްތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ނިއުމަތެވެ.
ދަރިންނަކީ މާތް ﷲ ދެއްވަވާ އަމާނާތަކަށްވީ ހިނދު، ދަރިއަކު ލިބުމުން މިކަންކަން ކުރުމަށް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ޙަދީޘްފުޅުތަކުން ހާމަވެގެން ވެއެވެ.
• ދަރިފުޅުގެ ކަންފަތްދަށުގައި ބަންގި އާއި ޤަމަތް ދިނުން
ދަރިއަކު ލިބުމުން އެތުއްތު ދަރިފުޅުގެ ކަންފަތް ދަށުގައި ބަންގި އާއި ޤަމަތް ދޭން ވާނެއެވެ.
އެގޮތުން ތުއްތު ދަރިފުޅުގެ ކަނާތު ކަންފަތް ދަށުގައި ބަންގި ދޭއިރު، ވާތު ކަންފަތް ދަށުގައި ޤަމަތް ދޭން ވާނެއެވެ.
އުބޭދުﷲ ބިން އަބީ ރަވީ ވިދާޅުވިއެވެ.
"ތިމަން ކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވިއެވެ. 'ނަބިއްޔާ (ޞޢޥ) އެކަލޭގެފާނުގެ ދެ މާފާ ދަރިކަލުން ކަމުގައިވާ އިމާމު ޙަސަން އާއި އިމާމް ޙުސެއިން، ދުނިޔޭގެ އަލިކަން ދެކެ ވަޑައިގެންނެވުމުން އެބޭކަލުންގެ ކަނާތު ކަންފަތްޕުޅާއި ކައިރިވެ ވަޑައިގެން ބަންގި ދެއްވި އަޑާއި ވާތު ކަންފަތްޕުޅާއި ކައިރި ވަޑައިގެން ޤަމަތް ދެއްވެވި އަޑުއިވި، ލޮލުން ދުށީމެވެ.' " (ތިރްމިދީ)
• ކަދުރުގެ ރަހަލެއްވުން (ތަހްނީކް)
ތުއްތު ދަރިފުޅު އުފަންވުމުން، (އެކުއްޖާއަށް ދިރުވޭވަރުގެ) ކަދުރުކޮޅެއް އަނގައިން ނެއްޓުމަށްފަހު ދަރިފުޅުގެ އަނގައިތެރެއަށް ލެވުމަކީ ވެސް ސުންނަތެކެވެ. ކަދުރު ނުލިބިއްޖެނަމަ މާމުއި ވެސް ލެއްވިދާނެ ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. މިކަން ކުރުމަށް އެންމެ އެދެވިގެންވަނީ އާއިލާގައި އެންމެ އިސްކޮށް ހުންނަ ބޭފުޅެއް ނުވަތަ ޢާލިމް ގެ މައްޗަށެވެ.
ޢާއިޝާ ރަޟިޢަﷲ އަންހާ ވިދާޅުވެފައިވެއެވެ.
"މީސްތަކުން މާތް ރަސޫލާ (ޞޢޥ) އަރިހަށް މީސްތަކުން އެބޭކަލުން ގެ ތުއްތުޕުޅު ދަރީންނާއިގެން ވަޑައިގެންނެވުމުން، އެކަލޭގެފާނު އެތުއްޕުޅު ބޭފުޅުންނަށް ތަހްނީކް ކުރައްވަވައެވެ." (ސަހީޙް މުސްލިމް 2147)
• އެދެވިގެންވާ ސައްޙަ ނަންކިޔުން
އިސްލާމްދީން ހުއްދަ ކުރާފަދަ، ސައްޙަ ނަން ދަރިފުޅަށް ކިޔުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ތުއްޕުޅު ބޭފުޅުންނަށް ނަން ދިނުމުގައި އަބަދުވެސް އިސްކުރައްވާ ބައްލަވާލައްވާފައިވަނީ އެނަމެއްގައި ރިވެތި މާނައެއް އެކުލެވިގެންވާ ނަން ނަމަށެވެ. ރަސޫލާ (ޞޢޥ) ގެ އަސްޙާބު ބޭކަލުންގެ ނަންތަކުން ނަމެއް ވެސް ދަރީންނަށް ދެވިދާނެކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ބައެއް ޤައުމުތަކުގެ ސަޤާފަތުގައި، ދަރީންނަށް ރަސްމީކޮށް ނަންދެނީ އެދަރީންނަށް އަޤީޤާ ކަތިލެވޭ ދުވަހުއެވެ.
• އަޤީޤާ ކަތިލުން (ދަރިފުޅަށް ހަތް ދުވަސް ވުމުގެ ކުރިން)
އަޤީޤާ ކަތިލުމަކީ ދެވޭ ސަދަޤާތެކެވެ. އެއީ ތިމާގެ ދަރިފުޅު އެސްފިނާއިންނާއި އެފަދަ ހަލާކުން ރައްކާތެރި ކުރުމަށްޓަކައެވެ. ދީނީ ޢިލްމުވެރިން ވިދާޅުވެފައިވަނީ ފިރިހެން ދަރިއަކު ލިބިއްޖެނަމަ ދެ ކަންބަޅިއެއް ނުވަތަ (ދެ) ބަކައްޓެއް ކަތިލުމަށެވެ. އަދި އަންހެން ދަރިއަކު ލިބިއްޖެނަމަ އެއް ކަންބަޅި ނުވަތަ (އެއް) ބަކަރި ކަތިލުމަށެވެ.
• ބޮލުގެ އިސްތަށިކޮޅު ބޭލުން
އަންހެން ދަރިއަކު ނުވަތަ ފިރިހެން ދަރިއަކު ލިބުން ކަމުގައިވީ ނަމަވެސް، އެދަރިފުޅަށް ހަތް ދުވަސްވުމުން (އަޤީޤާ ކަތިލެވޭ ދުވަހު) ދަރިފުޅުގެ އިސްތަށިކޮޅު ބޭލުމަކީ މުސްތަޙިއްބު ކަމެެކެވެ.
ދަރިފުޅުގެ އިސްތަށިކޮޅު ބޭލުމަށްފަހު، އެއިސްތަށިކޮޅުގެ ބަރުދަނަށް ޞަދަޤާތް ކުރުމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
• ހިތާނުކުރުން (ފިރިހެން ދަރިން)
ފިރިހެން ދަރީން ބާލިޤުވުމުގެ ކުރިން، ހިތާނު ކުރުމަށް އަންގަވާފައިވެއެވެ. ދަރިފުޅަށް ހަތް ދުވަސް ފުރޭ ދުވަހު އެދަރިފުޅު ހިތާނު ކުރުމަކީ ސުންނަތެކެވެ. މާތް ނަބިއްޔާ (ޞޢޥ) ޙަސަންގެފާނާއި ޙުސެއިންގެފާނު ހިތާނު ކުރެއްވެވީ އެބޭކަލުންގެ އުމުރުފުޅުން ހަތް ދުވަސް ފުރުނު ދުވަހުގައެވެ.