ކިތަންމެ ވަރަކަށް ބިރުން އުޅުނު ނަމަވެސް މަރަކުން ސަލާމަތެއް ނުވެވޭނެއެވެ. އެކަމުގެ ވަގުތު ޖެހުމުން މަލާއިކަތުން ވަޑައިގެން މަރު ގެންދަވާނެއެވެ. އެކަމަށް ފިލަން ވަދެ އޮވެވޭނެ އެއްވެސް ތަނެއް ނުހުންނާނެއެވެ. އެއީ ހަމަ ދުނިޔޭގައި އުޅޭ އެންމެންނަށް އެއްބަސްވާންޖެހޭ ކަމެކެވެ.
މަރުވާންޖެހުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެއީ މިއަދު ނޫންނަމަ މާދަން ނުވަތަ އަނެއް ދުވަހުން ނޫން ނަމަ ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ނުޖެހި ނުދާނެ ކަމެކެވެ. މަރުވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް މިބުނަނީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ.
މަރުވުމަކީ ނިއުމަތަކަށްވެގެންދާތީއެވެ. މާތް ﷲ އެންގެވި ގޮތުގައި ހަޔާތުގެ ދުވަސްތައް ހޭދަކުރި މީހާއަށް މަރުވުމަކީ ނިޢުމަތެކެވެ. އެހެނީ އެފަދަ މީހުން މަރުވުމުން ދެން ފެށިގެންދާ ޙަޔާތަކީ ދުނިޔޭގެ ހަޔާތަށް އެތައް ހާސް ގުނައެއް އުފާވެރި ހަޔާތަކަށް ވެގެންދާތީއެވެ.
ދެން އޮތީ ނަރަކައިގެ ވާހަކައެވެ. މަރުން ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް ނަރަކައިން ސަލާމަތް ވެވިދާނެއެވެ. އެކަން އޮތީ އެމީހެއްގެ އިޚްތިޔާރަށް މާތް ﷲ ދޫކޮށްލައްވަވައިފައެވެ. މާތް ﷲ އަންގަވާފައިވާ ގޮތަށް އަމަލުތައް ކޮށްފިނަމަ ނަރަކައިން ސަލާމަތްވެވުނީއެވެ. ނުކޮށްފި މީހަކަށް ނަރަކައިގެ ގަދަ ފަދަ އަޒާބާއި ކުރިމަތިލާންޖެހޭނެކަން މާތް ﷲ ވަނީ އަންގަވައިފައެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ.
މާތް ﷲ އެންގެވި ގޮތަށް ކަންކަން ނުކުރި މީހާއަށް، މާތް ﷲ ގެ ވަހީއަށް އަމަލު ނުކުރި މީހާއަށް، ތައުބާ ނުވެ ހުރެ މަރުވެއްޖެ މީހާއަށް މަރުވުމުން ފުރަތަމަ އޮތީ ކައްވަޅުގެ ގަދަފަދަ އަޒާބެވެ. އެއަށްފަހު އާޚިރަތް ދުވަހުން ވަންނަން ޖެހޭނީ ނަރަކައަށެވެ. ދާއިމަށް ގަދަފަދަ އަޒާބުގައި ދެމިއޮތުމަށެވެ. މާތް ﷲ ކަނޑައަޅުއްވަވާ މުއްދަތަކަށްފަހުވެސް ސަލާމަތް ވެވޭނީ ސަލާމަތް ވެވޭނެ ފަދަ ހެޔޮ އަމަލުތަކެއް ދުނިޔޭގައި ކޮށްފައިވާ މީހަކަށެވެ.
ނަރަކައިގެ އަޒާބުގެ ގަދަފަދަ ކަމާއި އަލިފާނުގެ ހޫނުކަމާއި އެތަނުގެ ބިރުވެރިކަން ބޮޑުކަމުގެ ވާހަކަ އަބަދު މިގެންދެވެނީ ހަނދާންކޮށްދެމުންނެވެ. ނަމަވެސް އެ އަޑު ނުއިވޭ މީހުން ހާދަ ގިނައެވެ. ބޮޑެތި ފާފަތައް ކުރާ މީހުންވެސް ހާދަ ގިނައެވެ. ބޮޑެތި ފާފަތަކާއި ކުދި ފާތައް ކުރުންމަތީގައި ދެމިތިބޭ މީހުންވެސް ހާދަ ގިނައެވެ. ތައުބާވުމައް ނުވެސް ވިސްނައި ތިއްބާ މަރާއި ކުރިމަތިލާންޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ.
ބައެއް މީހުން ކުދި ފާފަތައް ބަލައިގެން އެއްވެސް ވަރަކަށް ބިރެއްވެސް ނުގަނެއެވެ. ފާފަ ކުޑަކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ފާފަ ކުރުމުން ލިބޭ އަޒާބުގެ ކުޑަބޮޑު ކަނޑައަޅަން އެނގޭނީ އެކަން މިދުނިޔޭގައި އެނގޭނެ އެއްވެސް ގޮތެއް އޮތްނަމަ ނޫން ހެއްޔެވެ؟
ދުނިޔޭގައި މިވާ އަލިފާނަކީ ނަރަކައިގެ އަލިފާނަށްވުރެ 70 ގުނަ ހިހޫ ކުރެއްވެވިފައިވާ އަލިފާނެކެވެ. ކުޑަ ފާފައެއް ކަމަށް ބަލައިގެން ފާފަކުރާ މީހާ މިދުނިޔޭގައި މިވާ 70 ގުނައަށް ފިނިކުރެވިފައިވާ އަލިފާންގަނޑެއްގެ ތެރޭގައި ކުޑައިރުކޮޅަކު މަޑުކޮށް ނުލަނީ ކީއްވެގެން ހެއްޔެވެ؟
މިއަދުގެ މެސެޖަކީ ވެސް ނަރަކައަށް ބިރުވެތިވުމަށް ގޮވާލުމެވެ. މަރު ދެކެ ބިރުގަންނަވަރަށްވުރެ މާ ބޮޑަށް ނަރަކައަށް ބިރުވެތިވުމަށް ނަޞޭޙަތްތެރިވުމެވެ. ނަރަކައަށް ބިރުވެތި ނުވާ މީހާ މަރު ދެކެ ބިރުގަތުމަކީ އެއްވެސް ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ބަޔާން ކުރުމެވެ. ދިންނެވުން ލިބޭނީ ސަލާމަތް ބުއްދީގައި ހުރެ ވިސްނައި ފިކުރުކުރާ މީހެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -