ގޮތް ނުއެނގި ކިޔޭ އާމީނަކުން މަރުވުމަށްވެސް އެދެވިދާނެ- ސަމާލުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގޮތް ނުއެނގި ކިޔޭ އާމީނަކުން މަރުވުމަށްވެސް އެދެވިދާނެ- ސަމާލުވޭ!
އެއްދުވަހަކު މީހަކު މިސްކިތުގައި އިނދެ އެހެން މީހުންނަށް އަޑުވައި ދުޢާކުރިއެވެ. "ޔާ ﷲ! މިއަޅާގެ ވިޔަފާރިއަށް ކުރިއެރުން ދެއްވަވާނދޭވެ!"

މީހަކު އަޑުއިއްވައި އެފަދަ ދުޢާއެއްކޮށްފިނަމަ އަޑުއަހަންތިބި މީހުން އާމީން ކިޔަންވާނެއެވެ. އެހެނީ މުސްލިމް އަޚާއަށް ރަނގަޅު ގޮތްތައް މިންވަރުކުރެއްވެވުމަށް އެންމެންވެސް އެދެންޖެހޭނެތީއެވެ.

އެހެން ނަމަވެސް އެވަގުތު މިސްކިތުގައި އިން މީހަކު ބުންޏެވެ. "އެއްވެސް މީހަކު އެދުޢާއަށް އާމީން ނުކިޔާށެވެ. އެ ދުޢާއަށް އާމީން ކިޔައިފިނަމަ މަރުވެސް ވެދާނެއެވެ. އެހެނީ އޭނާއަކީ މީހުން މަރުވުމުން ވަޅުލައިދީގެން ލާރި ހޯދާ މީހެކެވެ. އޭނާގެ ވިޔަފާރި ރަނގަޅުވާނީ ގިނައިން މީހުން މަރުވާވަރަކުންނެވެ."

މިއީ ހަމަ ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެކެވެ. މުސްލިމުން ދުޢާކުރާއިރު "އަޅަމެން" ކިޔަނީ ވަރަށް ފުޅައު މާނައެއްގައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަޅަމެންގެ މާނައިގައި އެންމެހައި މުސްލިމުން ވެސް ހިމެނެއެވެ.

މީހުން މަރާމީހުންނާއި އަނިޔާވެރިންނާއި ވައްކަންކުރާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ފާހިޝް އަމަލުތައް ކުރުން ފަދަ ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެންމެހައި ކަންކަންކުރާމީހުން މުސްލިމުންގެ ތެރޭގައިވެސް އެބައުޅެއެވެ. އެފަދަ އަމަލުތައް ކުރާ މީހުން ނަމާދަށްވެސް ގޮސްތިބެއެވެ.

އެހެންކަމުން ﷲ ތަޢާލާ ބަޔާންކޮށް ދެއްވަވާފައިވާ ތެދުމަގު ދެއްކެވުން ފިޔަވައި އެހެންކަމަކަށް އެދި ހަރު އަޑުން ދުޢާކުރާނަމަ ފަހަތުން އާމީން ކިޔުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.

މިހެން މިބުނަނީ މިސާލަކަށް މީހަކަށް ނުވަތަ ބައަކަށް ނަޞްރު ދެއްވެވުމަށް އެދުމަކީ އެމީހަކު ނުވަތަ އެބައަކު ކުރާ ކަމަކަށް ކުރިއެރުމާއި ކާމިޔާބީ ދެއްވެވުން އެދުން ކަމުގައިވާތީއެވެ. މުސްލިމުން ނަޞްރަށް އެދި ދަންނަވަން ޖެހޭނީ މާތް ﷲ އަންގަވާފައި މަގުގައި ކުރިއަށް ދިއުމަށެވެ. އެމަގުގައި ކުރިއަށް ދިއުމަށެވެ. މުސްލިމުން އެދެން ޖެހޭނީ ވެސް އަދި ހިއްވަރު ދޭންޖެހޭނީ ވެސް އަލްހަމްދުގައިވާ ފަދައިން "ޞިރާޠަލްމުސްތަޤީމް" ގައި ކުރިއަށް ދިއުމަށެވެ. އެހެންކަމުން އެންމެންވެސް އެދެންޖެހޭނީ ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށެވެ. އެމަގުން ކުރިއަށް ނުދާ މީހަކަށް ނަޞްރު ދެއްވެވުމަށް އެދުމެއް ނެތެވެ. އެހެންކަމުން އަބަދުވެސް އެދެންވާނީ ހިދާޔަތުގެ މަތީގައި ނަޞްރާއި ތައުފީޤް ދެއްވެވުމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން