ފާފަކުރެވުނީ އިބިލީހުގެ ސަބަބުންކަމަށް ބުނާއިރު އިބިލީސް ﷲ އަށް ނުކިޔަމަންތެރިވީ ކާކުގެ ސަބަބުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ފާފަކުރެވުނީ އިބިލީހުގެ ސަބަބުންކަމަށް ބުނާއިރު އިބިލީސް ﷲ އަށް ނުކިޔަމަންތެރިވީ ކާކުގެ ސަބަބުން؟
ބައެއް މީހުން ބުނެ އުޅެއެވެ. ތިމަންމެންނަށް ފާފަކުރެވުނީ އިބިލީހުގެ ސަބަބުންނެވެ. ﷲ ތަޢާލާ އިބިލީސް ނުއުފެއްދެވިނަމަ ނުވަތަ އަހަރެމެން މަގުފުރެއްދުމުގެ ބާރު އިބިލީހަށް ނުދެއްވެވި ނަމަ އަހަރެމެންނަކަށް އެއްވެސް ކުށެއް ނުކުރެވޭނެއެވެ.

މިއީ އެއްވެސް ގޮތަކުން ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ މާތް ﷲ ގެ އަމުރުފުޅަށް އިބިލީސް ނުކިޔަމަންތެރިވީ އެކަން އެގޮތަށް ކުރަން އިބިލީސް ގާތު ކާކު ބުނެގެންހެއްޔެވެ؟ އިބިލީހަށް ކާކު އެކަމަށް ވަސްވާސްދީގެންހެއްޔެވެ؟

ޖަވާބަކީ އެއްވެސް މީހަކު ބުނެގެނެއް ނޫނެވެ. އެއްވެސް މީހަކު ވަސްވާސް ދީގެނެއް ނޫނެވެ. އިބިލީސް ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ އާދަމްގެފާނަށް ސަޖިދަ ނުކުރީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. ބޮޑާ ކަމާއި ތަކައްބުރުކަން ބޮޑުކަމުންނެވެ.

އިބިލީހަކީ މަލާއިކަތެއް ނޫނެވެ. މަލާއިކަތުންނަކީ މާތް ﷲ ކުރެއްވެވި ކޮންމެ އަމުރުފުޅަކަށް ފުރިހަމައަށް އަމަލުކުރައްވަވާނެ ބޭކަލުންނެވެ. މަލާއިކަތް ބޭކަލުން އުފައްދަވާފައިވަނީ ނޫރުންނެވެ. އިބިލީހަކީ ޖިންނިއެކެވެ. އިބިލީސް އުފައްދަވާފައިވަނީ އަލިފާނުންނެވެ. ވީމާ އިބިލީހަކީ މަލާއިކަތެއް ކަމަށް އެއްގޮތަކަށްވެސް ޤަބޫލުކޮށްގެން ނުވާނެއެވެ.

އަސްލު މައުޟޫއަށް ޖެހިލަމާހެއްޔެވެ؟ އެއްވެސް މީހަކު މަގު ފުރެއްދުމުގެ އެއްވެސް ބާރެއް މާތް ﷲ އިބިލީހަށް ދެއްވަވާފައެއް ނުވެއެވެ. އިބިލީހަށް ކުރެވޭނެ ހަމައެކަނި ކަމަކީ ވަސްވާސް ދިނުމެވެ. ފާފަތަކަށް އަރައިގަތުމަށް ހިއްވަރު ދިނުމެވެ.

ކޮންމެ މީހަކު ނަމަވެސް ފާފަތަކަށް އަރައިގަންނަނީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ. އެމީހަކު އެކަން ކުރަން ބޭނުންވުމުންނެވެ. އެކަން ޔަޤީން ކުރެވޭނެ އިތުރު ސަބަބެއް ބުނެދީފާނަމެވެ.

މީސްތަކުން ލައްވައި ގަދަކަމުން ކަންކަން ކުރުވުމުގެ ބާރު އިބިލީހަށް ﷲ ތަޢާލާ ދެއްވެވިނަމަ އެއްވެސް އިންސާނަކު ފާފަވެރިއެއް ނުވާނެއެވެ. އެހެނީ ﷲ ތާޢާލާގެ ޙަޟްރަތުގައި އެމީހަކު ޒިންމާ އުފުލަންޖެހޭނީ އެމީހަކު ކުރި ކަމަކަށެވެ. އެމީހަކު ނުކުރާ އަމަލެއްގެ އެއްވެސް ޒިންމާއެއް އުފުލަން ހަމަ އެކަކަށްވެސް ނުޖެހޭނެއެވެ.

"އަހަރެންގެ ބޮލުގައި ހުރިހާ ކަމެއް އަޅުވާއިރު ހުރިހާ ކަމެއް ކުރީ ކަލޭ ނޫންހެއްޔެވެ؟ އަހަރެން ބުނާހާ ކަމެއް ކުރަން ކަލެއަށް ޖެހޭ ހެއްޔެވެ؟ ކަލޭ ކުރި ކަންކަން ކުރީ އަމިއްލައަށެވެ. އެކަމުގެ ޒިންމާ ކަލޭ އުފުލާށެވެ." ޤިޔާމަތް ދުވަހު އިބިލީސް އެބުނަނީ އެހެންވެގެންނެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ﷲ ތަޢާލާ އެންގެވި ގޮތާއި ޚިލާފަށް ހަމަ އެއްވެސް ކަމެއް ކުރުމަށްފަހު އެހެން އެއްވެސް މީހެއްގެ ބޮލުގައި ހަމަ އެއްވެސް ކަމެއް ނުއެޅުވޭނެއެވެ. އެއީ މިވެނި މީހަކު ބުނެގެން ނުވަތަ މަޖުބޫރު ކުރުވައިގެން ކުރި ކަމެއް ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ވީމާ ކޮންމެ މީހަކުވެސް އެކަން ރަނގަޅަށް އެނގި ޤަބޫލުކޮށްގެންހުރެ ކަންކަން ކުރާށެވެ.

ﷲ ތާޢާލާއީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާނގެއެވެ. އެންމެ އަދުލުވެރި ރަސްކަލާނގެއެވެ. ވީމާ އެއްވެސް މަޚްލޫޤަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެއެވެ.

އެހެންކަމަށްވާއިރު ފާފަތައް ކުރުމަށްފަހު އެކަމުން ބަރީޢަވުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ވީމާ އިބިލީސް ވަސްވާސް ދިން ނަމަވެސް އަދި ކިތަންމެ ބާރު ގަދަ ފަރާތަކުން މަޖުބޫރު ކުރުވި ނަމަވެސް ފާފައަކަށް ހިމެނިދާނެ ކަމެއްވެސް ނުކުރާށެވެ. ކިރިޔާވެސް ސަލާމަތް ކަމެއް ލިބޭނީ އެއިރުންނެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން