ނަރަކައަށް ދާންޖެހެނީ ކޮންމެ މީހަކަށް 5 މަލާއިކަތުން ލެއްވެވުމުން ވެސް ފުރުޞަތުގެ ބޭނުން ނުހިފާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 47ސ
ނަރަކައަށް ދާންޖެހެނީ ކޮންމެ މީހަކަށް 5 މަލާއިކަތުން ލެއްވެވުމުން ވެސް ފުރުޞަތުގެ ބޭނުން ނުހިފާތީ!
ކޮންމެ ކުއްޖަކު އުފަންވުމާއިއެކު ޝައިޠާނަކު އިތުރުވެއެވެ. ހަމައެއާއިއެކު އެކުއްޖާއަށްޓަކައި (އެމީހަކަށްޓަކައި) 5 މަލާއިކަތުން ލައްވަވައެވެ.

2 މަލާއިކަތުންނަކީ ފަތް ލިޔުއްވެވުމަށް ދެ ކޮނޑުގައި ތިއްބަވާ 2 މަލާއިކަތުންނެވެ. އަނެއް ދެ މަލާއިކަތުންނަކީ މާތް ﷲ ގެ ރައްކައުތެރިކަމަށް އެދިގެން ހުންނަ މީހާ ހިމާޔަތް ކުރެއްވެވުމަށް ކުރިމަތީގައާއި ފަހަތުގައި ތިއްބަވާ މަލާއިކަތުންނެވެ.

މާތް ﷲ ގެ ހިމާޔަތާއި ރައްކައުތެރިކަމަށް އެދުމަކީ މާތް ﷲ އަންގަވާފައިވާ ގޮތަށް ތިބާގެ އަމަލުތައް ބެހެއްޓުމާއިއެކު ކިޔަން ޖެހޭ ޛިކުރުތައް ކިޔައިގެން ހުރުމެވެ. ގެއިން ނުވަތަ އެނޫންވެސް ތަނަކުން ނުކުންނަނަމަ ﷲ ތަޢާލާގެ ރައްކައުތެރިކަމަށް އެދި ވަކީލުކޮށްގެން ނުކުތުމެވެ. ތަންތަނަށް ވަންނަމުންވެސްމެއެވެ. ހަމަ އެފަދައިން ކުރާ ކޮންމެ ކަމެއް ބިސްމިން ފަށައި ﷲ ތަޢާލާއަށް ވަކީލްކޮށްގެންހުރެ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ކުރަމުން ގެންދިއުމެވެ.

އަނެއް މަލާއިކަތަކީ ހެޔޮ އަމަލުތައް ކުރުމަށް ވިސްނަވައިދެއްވަވަން ކޮންމެ މީހަކާއިއެކު ހުންނަވާ މަލާއިކަތާއެވެ. އެމަލާއިކަތާ އަބަދުވެސް ގެންދަވާނީ ހެޔޮ އަމަލުތައް ކުރުމަށް ބާރުއަޅުއްވަވަމުންނެވެ. ހެޔޮ އަމަލުތައް ކުރުމަށް އިރުޝާދު ދެއްވަވަމުންނެވެ.

މީސްތަކުންގެ ލޭގައި ދައުރުވުމާއި މީސްތަކުންނަށް ވަސްވާސް ދިނުމުގެ ބާރު ޝައިޠާނާއަށް މާތް ﷲ ދެއްވެވީ އެކަންކަމުން ސަލާމަތްވާން ބޭނުންވާ މީހާއަށް އެކަން ކުރެވޭނެ މިފަދަ ހުރިހާ ގޮތްތަކެއް ފަހިކޮށްދެއްވެވުމަށްފަހުގައެވެ.

ކޮންމެ ފާފައެއް ކުރަން އުޅޭއިރުވެސް އެއީ ކޮށްގެން ނުވާނެ ކަމެއްކަން ތިބާއަށް އަންގަވައިދެއްވަވައެވެ. ނަމަވެސް ތިބާގެ ގުޅުން ޝައިޠާނާ އާއި އޮންނަ މިންވަރު ބޮޑުވެގެންދިއުމުން އެކަން ތިބާއަށް އިހްޞާޞްވެސް ނުކުރެވެނީއެވެ. ނުވިސްނެނީއެވެ. ޝައިޠާނާ އާއިއެކު ބާއްވާ ގުޅުން ބޮޑުކޮށް ބަދަހިކުރަނީ އެމީހަކު އަމިއްލައަށެވެ.

އިންސާނާގެ އަމަލުތައް އެފަދައިން ހުންނައިރުވެސް މާތް ﷲ ގެ އޯގާތެރިވަންތަކަމަށް ނިކަން ވިސްނައިލަބަލާށެވެ. ނުބައި އަމަލެއް ކުރުމުން ލިޔުއްވަވަނީ އެންމެ އަމަލެކެވެ. އަދި ތައުބާ ވެއްޖެނަމަ އެ ލިޔުއްވެވި އަމަލު ތިބާގެ ފަތުން އެކީގައި ފޮހެލެއްވަވައެވެ. އަދި އެ ނުބައި އަމަލު ހެޔޮ އަމަލަކަށްވެސް ބަދަލުވެގެން އެބަދެއެވެ.

ހަމައެއާއިއެކު ކުރާ ކޮންމެ ހެޔޮ އަމަލަކަށް 10 ހެޔޮކަން ﷲ ތަޢާލާ ދެއްވަވައެވެ. ވީއިރު ތިބާގެ ނުބައި އަމަލުތައް ގިނަވެގެންދާނީ ތިބާގެ ނުބައިކަމާއި ޖާހިލުކަން ކިހައި ބޮޑުވެގެންހެއްޔެވެ؟

ޝައިޠާނާގެ ކިބައިން ސަލާމަތްވެހުރުމަށް މިހުރިހައި ނިއުމަތްތަކެއް ﷲ ތަޢާލާ މިންވަރުކޮށް ދެއްވެވީ އެކަމަށް އެދިވަޑައިގެން އާދަމްގެފާނު ﷲ ގެ ޙަޟްރަތުގައި ތަކުރާރުކުރައްވަވައި އެދިވަޑައިގަންނަވަމުން ގެންދެވުމުންނެވެ. މިވަރުންވެސް އިތުރަށް އެދިވަޑައިގަތުމުން ﷲ ތަޢާލާ އެންގެވީ އެންމެފަހުވަގުތާއި ހަމައަށް މީސްތަކުންގެ ތައުބާ ޤަބޫލުފުޅުކުރައްވަވާނެ ކަމަށެވެ.

އެއަށްވުރެވެސް އިތުރަށް އާދަމްގެފާނު އެދިވަޑައިގަތުމުން ދެއްވެވި ޖަވާބު ކީރިތި ޤްރްއާނުގައިވާ އެންމެ އުފާވެރިކަން ލިބިދޭ އާޔަތުގެ ގޮތުގައި މިއޮތީ ފެންނާށެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ އެންމެހައި ފާފާތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." (53-39)

ނުބައި އަމަލުގެ ތިލަފަތް ބަރުވެ ނަރަކައަށްދާންޖެހުމުން އެއްވެސް ޝަކުވާއެއް ކުރުމުގެ ފުރުޞަތު ނެތީ މިހުރިހާ ނިޢުމަތްތަކާއި ފުރުޞަތުތައް ﷲ ތަޢާލާ ދެއްވެވުމުންވެސް އެއިގެ ބޭނުން ނުހިފާތީއެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން