ފައިސާ އަކީ އެއްވެސް މީހަކަށް ގިނަވާ އެއްޗެއް ނޫނެވެ. އެންމެންވެސް އުޅޭނީ ލިބޭ މިންވަރު މަދުވެގެންނެވެ. ތަނަވަސްކަން ލިބޭ މިންވަރު އިތުރުވާ ވަރަކަށް އިތުރު ތަނަވަސްކަމަށް އެދުމާއި ބޭނުންވުމަކީ އިންސާނީ ޠަބީއަތެވެ.
މީހެއްގެ ގާތު ހާލު އަހައިފިނަމަ ގިނަ ފަހަރަށް ދައްކާނީ ކޮންމެވެސް މާލީ ދަތިކަމެއް ކުރިމަތިވެފައިވާ ކަމުގެ ވާހަކައެވެ. އެވެނި ކަމަކާއި މިވެނިކަމެއް ނުވެ ހުރި ކަމުގެ ވާހަކަތަކެވެ. ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ވާހަކަ އާއި ދަރަނިވެރިވެސް ވަމުން އަންނަ ވާހަކައެވެ.
މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވަނީ ކުރިން ތަނަވަސްކަމުގައި އުޅެފައިވާ މީހުންނަށެވެ. އެފަދަ މީހަކަށް ކިރިޔާވެސް ދަތިކަމެއް މެދުވެރިވެއްޖެނަމަ އެކަން ވެގެންދަނީ ވަރަށް ބޮޑު މުޞީބާތަކަށެވެ.
މުސްލިމުންގެ ދިރިއުޅުން ބައްޓަންކުރަން ޖެހޭނީ އެގޮތަކަށް ނޫނެވެ. ލިބޭ މިންވަރަށް ބަލައިގެން ދެކޮޅު ޖެއްސޭނެ ގޮތަށެވެ. ފުދުންތެރިވެވޭނެ ގޮތްތަކަށެވެ. އެހެނީ މުސްލިމުން ދުނިޔޭގައި އުޅެންޖެހޭނީ އެންމެ ބޮޑު މުއްސަނދި މީހާއަށް ވުމުގެ ބޭނުމަކު ނޫނެވެ. މުސްލިމުންނަށް އޮތީ އެންމެ ބޮޑު ބިލިއަނަރަށް ވުމަށް މަސައްކަތްކުރުމެއް ނޫނެވެ. މުސްލިމުންނަށް އޮތީ އެންމެ ބޮޑު ތަޤްވާވެރިޔާއަށް ވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.
އެއްވެސް ސަބަބެއް ކުރިމަތިވެގެން ލިބޭ އާމްދަނީ މަދުވެއްޖެނަމަ ނުވަތަ ދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަވެސް ކުރަންޖެހޭނެ ކަމަކީ ތަނަވަސްކަމުގައި އުޅުނު ދިރިއުޅުން ދޫކޮށްލުމެވެ. ހިތް ތިރިކޮށް ދިރިއުޅުން މުޅިން ބަދަލުކޮށްލުމެވެ. އެއިރަކު ލިބޭ އާމްދަނީ އާއި އެއް ފެންވަރަކަށް ދިރިއުޅުން ބަދަލުކުރަން ލަދުގަނެގެން ނުވާނެއެވެ.
ކުރިން ތިބާއަކީ ބޭނުންވާއިރަށް އެންމެ އަގު ބޮޑު ކެއުން ކައި އެންމެ އަގު ބޮޑު ފޭރާން ލައި އުޅުނު މީހަކަށްވުމަކީ މިހާރުގެ ޙާލަތަށް ކުރިމަތިލާން ލަދުގަންނަން ނުވަތަ ދެރަވާންޖެހެންވީ ސަބަބެއް ނޫނެވެ. ލަދުގަންނަންވީވެސް ދެރަވާންވީވެސް ކުރިން ކުރިވަރަށް އަޅުކަން ނުކުރެވޭނަމަ އެކަންޏެވެ.
ތިބާ އެންމެ މަތީ ފެންވަރުގައި ދިރިއުޅުނީ އެތަނަވަސްކަން މާތް ﷲ ދެއްވެވުމުންނެވެ. އެހާލަތު ﷲ ތަޢާލާ ބަދަލުކުރައްވަވައިފިނަމަ އެކަމަށް ކަންބޮޑުވުމެއް ނެތެވެ. އޮތީ އެކަމަށް ޝުކުރުވެރިވުމެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން ކަމުގައި ބުނެވެނީ މިކަންކަން ހިތުގެ އަޑިން ޤަބޫލުކުރަން ޖެހޭނެތީއެވެ.
ރަނގަޅަށް ހަނދާންކުރާށެވެ. މީހެއްގެ ކިބައިން އެހީއަކަށް އެދެންޖެހޭނީ ދެން ހަމަ އެހެން ގޮތެއް ނެތިގެންނެވެ. އަމުދުން ދަރަނިވެރިވާންވާނީ ދެވަނަ އެއްވެސް ގޮތެއް ނެތިގެންނެވެ. ހާޖަތެއް ނުފުއްދިގެން ކިތަންމެ ބޮޑު ދަތިކަމެއްގައި އުޅެންޖެހުނު ނަމަވެސް ރިބާ އާއި ކައިރިވުމެއް ނެތެވެ. އެހެނީ ރިބާއަކީ ކަނޑައެޅިގެން ހަރާން އެއްޗަކަށްވާތީއެވެ.
ތަނަވަސްކަން އެންމެ ބޮޑަށް ލިބިފައިވާ މީހާއަށްވެސް ނަމާދުކުރަންޖެހެއެވެ. އެންމެ ފަޤީރު މީހާއަށްވެސް ނަމާދުކުރަންޖެހެއެވެ. އެންމެ ތަނަވަސް މީހާ، ބޭނުންވާހައި މީރު ތަކެތި ބޭނުންވާހައި ވަރަކަށް ކައިގެން ހުންނަ މީހާ އަށް ވެސް ނަމާދުގައި ހުންނަން ޖެހޭނީ މުޅި ދުވަހުގެ ކެއުމަކަށް ޒުވާރި މުށެއް ކައިގެން ހުރި މީހާ އާއި އެއް ސަފެއްގައެވެ. ޒުވާރި މުށެއް ކައިގެން ހުރީތީ ކުރީ ސަފުން ޖާގަ ނުލިބިއެއް ނުދާނެއެވެ. ކުރީ ސަފުގައި ހުއްޓައި ބިލިއަނަރަކު އައުމުން އޭނާއަށް ޖާގަދޭން ފަހަތު ސަފަށް ފައިބާކަށްވެސް ނުޖެހޭނެއެވެ.
ތިބާއަށް ކުރިން ލިބިފައިވާ ތަނަވަސްކަމެއް ގެއްލިއްޖެނަމަ ނުވަތަ ތަނަވަސްކަމުން ބައެއް އުނިވެއްޖެނަމަ އަަވަސްވެގަންނަންވީ ދަރަނިވެރިވާކަށް ނޫނެވެ. ހަމަޖެހިލައިގެން އިނދެ ވިސްނަންވީ ތިބާއަށް އެހާލަތު ކުރިމަތިވި ސަބަބަށެވެ. ކުރެވިފައިވަނީ ކޮން ކުށެއް ކަމާއިމެދުގައެވެ.
ފަހަރެއްގައި ކުށެއް ނުކުރެވި ވެސް އޮވެދާނެއެވެ. އެހެން ވެއްޖެނަމަ ޤަބޫލުކުރަންވީ ކުރިމަތި ކުރެއްވެވީ އިމްތިޙާނެއް ކަމަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެ އިމްތިހާނުން ފާސްވުމަށެވެ.
މި އުޞޫލުތަކުގައި ހިފަހައްޓާނަމަ އަތުގައި ފައިސާ މަދުވެގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ހުރިހާ ކަމެއްވެސް ދާނީ ރަނގަޅު ގޮތުގައި ހައްލުވަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -