އެހެން މީހަކަށްޓަކައި ކުރާ ދުޢާއަކުން ތިބާއަށް ސުވަރުގެ ދެވިދާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
އެހެން މީހަކަށްޓަކައި ކުރާ ދުޢާއަކުން ތިބާއަށް ސުވަރުގެ ދެވިދާނެ
ތިބާ އެހެން މީހުންނަށްޓަކައި ދުޢާކުރުމުން މަލާއިކަތުން އާމީން ވިދާޅުވެ ހަމަ އެ ނިއުމަތްތައް ތިބާއަށް ދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވާނެތެވެ. ތިބާ ދުޢާކުރީ އެހެން މީހަކަށް ސުވަރުގެ ދެއްވެވުން އެވެ. ނަމަވެސް ތިބާއަށްޓަކައި މަލާއިކަތްބޭކަލުން ކުރެއްވެވި ދުޢާއިން ތިބާއަށް އެފަދަ ހާލަތެއް ް މެދުވެރި ކުރައްވަވައިފިނަމަ ތިބާއަށް އެ ލިބިގެން ދިއައީ ކޮންފަދަ މަތިވެރި ނިއުމަތެއްތޯއެވެ! މިހިރީ ކުރަންވީ އުންމީދުތަކެވެ.

މުސްލިމުންނަކީ އެކަކަށްޓަކައި އަނެކަކު ހެޔޮ ދުޢާކުރަންޖެހޭ ބައެކެވެ. އެކަމަށްޓަކައި ވާރިދުވެގެންވާ ދުޢާތައްވެސް އެބަހުއްޓެވެ. އެފަދަ ދުޢާތައް ހުރީ ޢާންމު ދުޢާތަކެއްގެ ގޮތުގައެވެ. އެހެންކަމުން އެފަދަ ދުޢާތައް ކުރުމާއިއެކުވެސް ތިމާގެ ހިތުގައި ޚާއްޞަ ކަމެއް ދެވިފައިވާ މީހުންނަށްޓަކައި އެމީހުންގެ ނަން ބޭނުންކޮށްގެން އެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުރާށެވެ. ނަން ބޭނުންކޮށްގެން ކުރާ ދުޢާ އިޖާބަކުރެއްވެވުން ކައިރިއެވެ.

އެމީހާގެ ގާތް މީހަކަށް މުޞީބާތެއް ކުރިމަތިވެގެން އުޅޭކަން އެނގޭނަމަ އެމީހަކަށްޓަކައި އެމީީހާގެ ނަން ބޭނުންކޮށްގެން އެމީހަކަށް ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރާށެވެ. މާލީ ދަތިކަމެއްގައި މީހަކު އުޅޭނަމަ ދޭނެ ފައިސާ އަތުގައި ނެތި ހިނގައިދާނެއެވެ. ނަމަވެސް ހެޔޮ ދުޢާ ކުރެވޭނެއެވެ. މީހަކު ބަލިވެ އުޅޭނަމަ ކޮށްދެވޭނެ ކަމެއް ނެތި ހިނގައިދާނެއެވެ. ނަމަވެސް ހެޔޮ ދުޢާ ކުރެވޭނެއެވެ. އެވަރުކޮށްލާށެވެ.

ކޮންމެ މީހަކީވެސް އެހެން މީހުންގެ ހެޔޮ ދުޢާއަށް ބޭނުންވެގެން ހުންނާނެ މީހެކެވެ. ހިތާމައަކީ އެގޮތަށް ހުންނައިރު ތިމާއަކީ އެހެން މީހުންނަށްޓަކައި ހެޔޮ ދުޢާ ކުރާ މީހަކަށް ނުވުމެވެ. މަރުވުމުން އެހެން މީހުންގެ ހެޔޮ ދުޢާއަށް ތިމާ އެދޭނަމަ އެހެންމީހުންނަށްޓަކައި ހެޔޮ ދުޢާކުރާ މީހަކަށްވާށެވެ! ތިމާއަކީ އެހެން މީހުންނަށްޓަކައި ހެޔޮ ދުޢާކުރި މީހެއްނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރަން ބައަކު ޝައުޤުވެރިވާނެ ކަމުގެ އުންމީދު ދޫކޮށްނުލާށެވެ. އެކަމަށް އެދިގެންވެސް ދުޢާކުރާށެވެ.

ތިމާއަކީ އެހެންމީހުންނަށްޓަކައި ހެޔޮ ދުޢާކޮށް އުޅުނު މީހެއް ކަމުގައިވާނަމަ އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާނެކަމުގެ ޔަޤީންކަން އަބަދުވެސް ހިތުގައި ބާއްވާށެވެ.

މީސްތަކުންގެ އަމަލުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެންމެ ފައިދާހުރި ކަންކަން މިދަނީ އަތުން ބީވަމުންނެވެ. އެފަދަ ކަންކަން މަތިން މިދަނީ ހަނދާން ނެތެމުންނެވެ. އެގޮތުން އެންމެ ބޮޑަށް ހަނދާން ނެތެމުން އަންނަ އެއްކަމަކީ އެހެން މީހުންނަށްޓަކައި ހެޔޮ ދުޢާ ކުރުމެވެ.

މަރުވުމުން ދެން ތިމާއަށްޓަކައި ތިމާއަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. ނަމަވެސް އެހެން މީހުންގެ ހެޔޮ ދުއާ ދާނީ ލިބެމުންނެވެ. އެކަމުގެ ފައިދާވެސް ދާނީ ލިބެމުންނެވެ. ނަމަވެސް އެކަންމަތިން ގިނަ ބައަކު މިހާރު ހަނދާނެއް ނުކުރެއެވެ.

ކިތަންމެ ރަނގަޅަށް އުޅެން މަސައްކަތްކުރި ނަމަވެސް ކޮންމެ މީހަކީވެސް ކުށްތަކެއް ކުރެވިފައިވާނެ މީހެކެވެ. އެހެން މީހުންގެ ދުޢާއިން އެމީހާގެ ފާފަތަކަށް ލުޔެއް ލިބިއްޖެނަމަ ނުވަތަ ފުހެވިއްޖެނަމަ އެ ލިބުނީ ކޮންފަދަ މަތިވެރި ނިއުމަތެއްކަމާއިމެދު ވިސްނައިލާނަމަ އެހެން މީހުންނަށްޓަކައި ދުޢާކުރުން ހުއްޓައެއް ނުލާނެއެވެ!
- ޔާސިރް ޤާދީގެ ދަރުސަކުން -
މިއަދު އޮންލައިން