ފައިސާ އާ ދުނިޔަވީ ބޭނުންތަކުގެ ދަހިވެތިކަމުގަ ނުބައި މީހުންނާ ގުޅުން އުފައްދާނަމަ ﷲ އެމީހަކާ ދުރުވެވޮޑިގަންނަވާނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފައިސާ އާ ދުނިޔަވީ ބޭނުންތަކުގެ ދަހިވެތިކަމުގަ ނުބައި މީހުންނާ ގުޅުން އުފައްދާނަމަ ﷲ އެމީހަކާ ދުރުވެވޮޑިގަންނަވާނެ: މުފްތީ މެންކް
ގުޅުން އުފައްދަންވާނީ ރަނގަޅު މީހުންނާއިއެވެ. އެމީހާގެ ސަބަބުން ތިމާގެ އީމާންތެރިކަން ކުރިއަރާނެ، އަދި ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުންތައް އިތުރުވެގެންދާނެ މީހުންނާއިއެވެ. އެހެންކަމުން މީހުންނަށް ތާއީދުކޮށް ގުޅުން ބަދަހިކުރަންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ.

ލޯބީގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ލޯތްބަކީ ﷲ ތަޢާލާއަށްޓަކައި ވާލޯބި ފަދައިން ގުޅުންތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ގުޅުމަކީ ﷲ ތަޢާލާއަށްޓަކައި އުފައްދާ ގުޅުންތަކެވެ. އެހެންކަމުން އެއްވެސް މީހަކާއިއެކު ގުޅުން ބަދަހިކުރާނަމަ އެމީހާގެ އަމަލުތައް ހުންނަ ގޮތް ރަނގަޅަށް ދެނެގަންނަން ޖެހޭނެއެވެ. އެމީހާ ﷲ ތަޢާލާގެ އެންގެވުންތަކަށް ލޯބިކުރާ މިންވަރަށާއި އަމަލުކުރާ މިންވަރަށް ވެސް ބަލަންޖެހޭނެއެވެ.

މިފަދަ އެއްވެސް ކަމަކަށް ނުބަލައި ގުޅުންތައް އުފައްދައި ބަދަހިކުރާ މީހުން ދަނީ އިތުރުވަމުންނެވެ. މިސާލަކަށް މީހެއްގެ އަތުން ލިބިދާނެ މާލީ މަންފާއަށް ނުވަތަ މަޤާމަކަށް ބަލައިގެން ބޮޑެތި ޖާހިލުންނާއި އެބަ ގުޅުން ބަދަހިކުރެއެވެ. ﷲ ތަޢާލާ އަށް ގޮންޖަހައި ބޮޑެތި ފާފަތައް ކުރާ މީހުންނާއި އެބަ ގުޅުން ބަދަހިކުރެއެވެ. ދުނިޔަވީ ކޮންމެވެސް މަންފާއެއް ލިބިގަތުމުގެ ދަހިވެތިކަމުގައެވެ.

މީސްތަކުންނޭވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ. ފައިސާ އާއި ދުނިޔަވީ ބޭނުންތަކުގެ ދަހިވެތިކަމުގައި ނުބައި މީހުންނާއިއެކު ގުޅުން އުފައްދާނަމަ ﷲ އެމީހަކާއި ދުރުވެވޮޑިގަންނަވާނެތެވެ.

މިދެއްކެނީ ވަރަށް ބޮޑު ކަމެއްގެ ވާހަކައެކެވެ. އެމީހަކާއި ﷲ ދުރުވެވޮޑިގަތުމުގެ ވާހަކައެވެ. އެއީ ހާދަހާވާ ނުރައްކައުތެރިކަން ބޮޑު ކަމެކެވެ.

އިންސާފުން ބޭރުން ކަންކަން ކުރާ މީހުންނާއިއެކު ބައެއް މީހުން ގުޅުން އުފައްދައެވެ. އެއީ އެމީހުންގެ ކިބައިން ލިބިދާނެ އަނިޔާވެރިކަމަކަށް ބިރުންނެވެ. ނަމަވެސް އެއީ ކުރެވޭ ވަރަށް ގޯސް ކަމެކެވެ. އެއިރުން ތިބާއަށް ނުއެނގި ހުރެ ނަމަވެސް އަނިޔާވެރިކަމަށް ތާއީދުކުރެވޭތީއެވެ. އަނިޔާވެރިކަމަށް ތާއީދުކުރުމަކީ ﷲ ތަޢާލާގެ މަގުން އެއްކިބާވުމެވެ.

މާތް ﷲ ގެ މަގުން އެއްކިބާވުމަކީ ﷲ ތަޢާލާގެ ކޯފާ ލިބޭނެ ކަމެކެވެ. ތިމާ ކުރި ކުށެއްގެ ސަބަބުން ﷲ ތަޢާލާގެ ކޯފާ ތިމާއަށް ލިބިއްޖެނަމަ އެ މުޞީބާތެއް ތިމާއަށް ކުރިމަތިވީ އަމިއްލައަށް ކުރި ކަންކަމުގެ ސަބަބުންކަން ޤަބޫލުކުރަން ޖެހޭނެއެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން