ތިބާގެ ކާރުގައި ސްޓިކަރ އެއް ޖަހައިފިނަމަ އެ މައްސަލަ ހިފައިގެން ކޯޓަށް ދާން ތިބާ ބޭނުމެއް ވެސް ނުވާނެއެވެ. ޤާނޫނީ ވަކީލަކު ހޯދަން ވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް އެ މައްސަލައަކީ ތިބާގެ މުޅި ހަޔާތާއި ގުޅުންހުރި މައްސަލައެއް ނަމަ ލިބެން ތިބި އެންމެ މޮޅު ޤާނޫނީ ވަކީލުންގެ ބޭނުން ހިފަން ތިބާ ބޭނުންވާނެއެވެ.
ތިބާ ތިއަ ހާޒިރު ކުރެވެނީ އެންމެ އަދުލުވެރި ފަނޑިޔާރުގެ ކުރިފުޅު މައްޗަށެވެ. އެއްކޮޅުގައި ތިބީ ތިބާކުރި ހުރިހާ ކަމެއް އެންމެ މޮޅަށް އެނގިގެން ތިބި އެންމެ ތަޖުރިބާހުރި ޤާނޫނީ ވަކީލުންނެވެ. ތިބާގެ އަމަލުތަކަށް ހެކިދޭނެ ހެކިވެރިންނެވެ. ނަމަވެސް ތިބާއަކަށް ޤާނޫނީ ވަކީލަކު ގެންދިއުމުގެ ފުރުޞަތެއް ނުލިބެއެވެ. ޖަވާބުދާރީވާންޖެހޭނީ ހަމަ އަމިއްލައަށެވެ.
ކޯޓުގައި ނިންމާ ނިންމުން އެއީ ތިބާއަށްޓަކައި ނިންމާ އެންމެ މުހިންމު ނިންމުމެވެ. ތިބާގެ މުޅި ހަޔާތް އެ ނިންމުމެއްގެ މައްޗަށް ބިނާވެގެންވާ ނިންމުމެވެ. އެފަދަ ވަގުތަކު ތިބާއަށް އެހީތެރިވެދޭނެ ޤާނޫނީ ވަކީލުންނަށް ތިބާ ބޭނުންވާނެ މިންވަރާއިމެދު ނިކަން ވިސްނައިލަބަލާށެވެ.
މި ހާލަތަށް ވިސްނައިލުމަށްފަހު ދެން ވިސްނައިލަންވީ ޤިޔާމަތް ދުވަހަށެވެ. މަޙްޝަރު މައިދާނަށެވެ. ތިބާގެ ހުރިހާ ބާރުތަކެއް ކެނޑިފައި ހުރެގެންމެ މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ވަގުތަށެވެ. ތިބާގެ ހަތަރެސްފައިގައި ޗޭނު ޖަހައިގެން ގެންގޮސް އެއްލައިލެވޭނީ ނަރަކައަށް ކަމާއި އަދި ތިބާ އުފަލުން ދުވަމުން ގޮސް ވަންނާނީ ސުވަރުގެއަށް ކަމާއިމެދު މާތްﷲ ގޮތް ނިންމަވާނެ ވަގުތަށެވެ.
އެފަދަ މުހިންމު ވަގުތުގައި ތިބާގެ ހައްޤުގައި ކީރިތި ޤްރްއާން ﷲ ތަޢާލާއަށް ވަކާލާތު ކޮށްދޭނެއެވެ. ތިބާއަށް ޝަފާއަތްތެރިވާނެއެވެ. ތިބާއަށް ސުވަރުގެ ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނެއެވެ. ނަމަވެސް ތިބާއަކީ ކީރިތި ޤްރްއާން ކިޔަވައި އަމަލުކުރި މީހެއް ކަމުގައިވާނަމައެވެ.
ޚާއްޞަކޮށް ބަޤަރާ ސޫރަތާއި އާލައިމްރާން ސޫރަތެވެ. އެ ދެ ސޫރަތް ވިލާތަކެއްގެ ސިފައިގައި ނުވަތަ ދޫނިތަކެއްގެ ސިފައިގައި އައިސް ތިބާގެ ދިފާޢުގައި ވަކާލާތުކުރާނެއެވެ. ޝަފާއަތްތެރިވާނެއެވެ.
އެއްވެސް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ނުލިބޭނެ ދުވަހު ކީރިތި ޤްރްއާން ތިބާއަށްޓަކައި ވަކާލާތުކޮށްދޭނެއެވެ. އެއްވެސް އަގަކާއި ނުލައެވެ. އަތުން އެއްވެސް ޚަރަދެއްވެސް ކުރަންޖެހުމަކާއި ވެސް ނުލައެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ދުނިޔޭގައި ހުރެގެން ގިނަގިނައިން ކީރިތި ޤްރްއާން ކިޔެވުމާއި އަމަލުކުރުމެވެ.
ކީރިތި ޤްރްއާން ދަންނަވާނެތެވެ. "އޭނާއަށް އިއްޒަތާއި ޝަރަފުން ރީތިކަން ދެއްވަވާނދޭވެ. ﷲ ދެއްވަވާނެތެވެ. އިއްޒަތާއި ޝަރަފުގެ ފޭރާމުން އޭނާއަށް ފޭރާން ދެއްވަވާނދޭވެ. އޭނާއަށް އެ ނިއުމަތް ވެސް ދެއްވަވާނެތެވެ. ތިބާގެ ބޮލުގައި އިއްޒަތުގެ ތާޖު ބަހައްޓަވައި ދެއްވުމަށް އެދި ދަންނަވާނެތެވެ. އެކަންވެސް ﷲ މިންވަރުފުޅު ކުރައްވަވާނެތެވެ. ދެންވެސް ދަންނަވާނެތެވެ. ތިބާގެ އަމަލުތައް ޤަބޫލުފުޅުކޮށްދެއްވެވުން އެދިއެވެ. އެކަންވެސް ﷲ ކޮށްދެއްވަވާނެތެވެ.
ކަންމިހެން ހުރިއިރުވެސް ތިބާއަށް ކީރިތި ޤްރްއާނަށް ސަމާލުކަން ދެވޭހެއްޔެވެ؟ ކޮންމެ ދުވަހަކު ކިޔަވަމުހެއްޔެވެ؟ އަމަލުކުރަމު ހެއްޔެވެ؟ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަބަދުވެސް ކީރިތި ޤްރްއާނާއިއެކުގައިވާށެވެ. ވީހައި ގިނައިން ކިޔަވާށެވެ. އަދި އަމަލުވެސް ކުރާށެވެ.
ފޯނު ބޭނުންކުރަންވީ އެކަމަށެވެ. ހުސްވަގުތެއް ލިބޭއިރަށް ވަންނަންވީ ސޯޝަލް މީޑިއާއަކަށް ނޫނެވެ. ހުޅުވައިލަންވީ ކީރިތި ޤްރްއާނުގެ ޞަފްޙާތަކެވެ. ސަލާމަތްކަން އޮތީ އެކަމުގައެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -