އަހަރެންގެ އިމާމްކަމުގަ އެންމެ ގިނަ މައްސަލަ ހުށަހެޅުނީ ޢާއިލާތަކުން ކުރަން ނުޖެހޭ އިތުބާރުކުރުމުގެ ސަބަބުންނެވެ. ކުރަން ނުޖެހޭ އިތުރުބާރުކުރުމާއި ގުޅިގެން ފާހިޝް އަމަލުތައް ކުރެވިގެންނެވެ. ޢާއިލާތަކުގެ މެދުގައި އެންމެ ބޮޑެތި ހަމަނުޖެހުންތައް ހިނގައިގެންވެސް ހުށަހެޅުނީ ހަމަ އެކަމުގެ ސަބަބުންނެވެ.
ޅިޔަން ފަހަރިންގެ މެދުގައި ބެލެވެނީ އަޚުންނާއި އުޚުތުންގެ ގޮތުގައެވެ. ޅިޔަން ފަހަރިންނަކީ ވެސް އެއް މާނައެއްގައި އަޚުންނާއި އުޚުތުންނެވެ. ނަމަވެސް އެބަސް އިނގިރޭސިބަހުން ގެންނައިރު ވެސް "އިން ލޯ" ނުވަތަ ޤާނޫނީ ގޮތުން ކަމަށް އެގެންނަނީ ހަމަ ވަރަށް މުހިންމު ސަބަބުތަކެއް ހުރުމުންނެވެ.
މިޒަމާނަށް ބަލައިފިނަމަ އަމިއްލަ ލެއަށް މިއުޅެނީ އިތުބާރު ނުކުރެވިގެންނެވެ. އެކަމުގެ ހަޑިމުޑުދާރު ވާހަކަތައް ދައްކައި މިދަރުސް ނަޖިސްކުރާކަށް ނެތީމެވެ. މިބުނާ ބަހަކީ އަމިއްލަ ލެއަށް އިތުބާރު ކުރެވެން ނެތް ޒަމާނެއްގައި މާދުރުން އައިސް ޅިޔަން ފަހަރިންނަށްވާ ބައަކަށް އިތުބާރުކުރަން ހެޔޮ ވެދާނެ ހެއްޔެވެ؟
އެއް ގެއެއްގައި ދިރިއުޅޭތީ އެއީ ކަމަކަށް ނުހަދައި ބުރުގާ ނަގަނީއެވެ. ބާރު ހެދުން ލައިގެން ކުރިމަތީގައި އުޅެނީއެވެ. އެވަރުންވެސް ނުފުދިގެން ގޮސް ކުދިކުދި ސޯޓުކޮޅު ލައިގެންވެސް ކުރިމަތީގައި އުޅެނީއެވެ.
ރަނގަޅަށް ވިސްނާށެވެ. ޅިޔަން ފަހަރިކަން ކިތަންމެ ބޮޑުވިނަމަވެސް ތިމާގެ ކުރިމަތީގައި އެމީހެއްގެ ހައިޞިއްޔަތަކީ ހަމަ ދުރުހިލޭ މީހެކެވެ. ޅިޔަން ފަހަރިންގެ ކުރިމަތީގައި އައުރަ ކަޝްފުކުރަން ﷲ ތަޢާލާ ހުއްދަ ދެއްވަވާފައެއް ނުވެއެވެ. އެމީހުންނަކީ ތިބާ އާއި ކައިވެނި ހެޔޮވާ ހިލޭ ބައެކެވެ.
ޅިޔަނުންނަކީ ނުރައްކައުތެރި ބައެއްގެ ގޮތުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާން ކުރައްވަވާފައިވަނީ އެކަމުގައި ނުރައްކައުތެރިކަން ހަމަ ބޮޑުކަމުންކަން ޤަބޫލުކުރަންވާނެވެ. ޙަދީޘްފުޅުގައި ޅިޔަނުގެ ވާހަކަ އޮތުމަކީ ފަހަރިންނަށް އެކަމުން މިންޖުވެވޭ ސަބަބެއް ނޫނެވެ. ޅިޔަނުން ހަމަލާދެނި އަންހެނުންނަށެވެ. ފިރިހެނުން ހަމަލާދޭނީ ފަހަރިންނަށެވެ. މިއީ ހަމަ އެއްގޮތަކަށް ދައުރުވަމުންދާނެ ދެކަމެވެ. އެހެންކަމުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ފަހަރިން ޅިޔަނުންގެ ކުރިމަތީގައި އައުރަ ކަޝްފުނުކުރާށެވެ. ނިވާވެގެން ތިބޭށެވެ. ގުޅުން ބަދަހިކުރުމުގައި ވެސް ސަމާލުކަންދޭށެވެ. ފޯނުގައި އިންނަ ފޮޓޯއެއް ނުވަތަ މެސެޖެއް ދައްކަންގޮސް އުނގަށް ވެއްޓިނުގަންނާށެވެ. ދެހަށިގަނޑު އެފަދަ ގޮތްގޮތަށް ބީހުނަ ނުދޭށެވެ. ބެލުންތައް ސީދާ ނުކުރާށެވެ. ކިތަންމެ ހިތް ސާފު ނަމަވެސްމެއެވެ.
ތިބާގެ ހިތް ކިތަންމެހައިވެސް ސާފުވެދާނެއެވެ. ނަމަވެސް ޝައިޠާނާގެ ހިތް ސާފެއް ނުވާނެއެވެ. ޢާއިލީ ގުޅުންތައް ކަނޑުވައިލުމަށް ތެޅިފޮޅިގަންނާނެއެވެ. ދެވެނުހައި ވަރަކަށް ވަސްވާސްތައް ދޭނެއެވެ. އެހެނީ ޢާއިލާތަކުގެ މެދުގައި ފިތުނަ އުފެއްދުމާއި ޢާއިލާތައް ރޫޅުމަކީ ޝައިޠާނާ އެންމެ ބޮޑަށް ކުރަން ބޭނުންވާ އެއް ކަންތަކެވެ. އެފުރުޞަތު ޝައިޠާނާއަށް ނުދޭށެވެ. ކިރިޔާވެސް ލިބިއްޖެނަމަ ފުރުޞަތުގެ ބޭނުން ހިފާނެއެވެ! އެހިސާބުން ދެން އޮންނާނީ ހަތަރު އުދަރެސް ފެނުޖެހި އަތް ނުފޯރާ ފަށަށް ހުރިހާ ކަމެއް ގޮސްފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -