އިބިލީހުގެ ތަޚުތު ވަނީ ބަރމޫޑާ ސަރަހައްދުގައިތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
އިބިލީހުގެ ތަޚުތު ވަނީ ބަރމޫޑާ ސަރަހައްދުގައިތަ؟
އިބިލީހުގެ ތަޚުތު ވަނީ ބަރމުޑާ ސަރަހައްދުގައި ކަމަށް ބައެއް އިލްމުވެރިން ބުރެވެއެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް އެނގޭ ކަމެއް ނޫނެވެ. އަދި ޔަޤީންކަމާއިއެކު ބުނެވެން އޮތް ބަހެއްވެސް ނޫނެވެ.

ހަމައެކަނި އެނގޭ މިންވަރަކީ ލޮނާއި މީރުފެން ގުޅޭ ސަރަހައްދެއްގައި ކަނޑުގައިވާ ކަމެވެ. އެއަށްވުރެ ބޮޑަށް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.
ބަރމުޑާ ސަރަހައްދުގައި ކަމަށް ބުރަވެ ބައެއް އިލްމުވެރިން ބަސްފުޅު ވިދާޅުވަނީ އެ ސަރަހައްދުން ދަތުރު ކުރި ގިނަ ފްލައިޓްތަކާއި ބޯޓުތައް ގެއްލިފައިވާތީއެވެ. އަދި އެ ބޯޓުތައް ހޯދަން މަސައްކަތްކުރި ބޯޓުތައްވެސް ގެއްލިފައިވާތީއެވެ.

އިތުރަށް ބާރެއް ލިބެނީ ސަރަހައްދުން ގެއްލުނު ފްލައިޓެއްގެ ޕައިލެޓް ދައްކާފައިވާ ވާހަކައިންނެވެ. އޭނާ ބުނެފައިވަނީ އެއީ ކޮން އެއްޗެއްކަން ބުނެދޭން ނޭނގޭ އެއްޗެއް އޭނާ އަށް އެބަ ފެންނަ ކަމަށާއި އޭނާގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ ސަލާމަތްކުރަން އެހެން ބޯޓެއް ނުފޮނުވުމަށާއި ފޮނުވި ނަމަވެސް ސަލާމަތް ނުވާނެ ކަމަށެވެ. އެހިސާބުން ވަނީ އެ ފްލައިޓާއި ހުރިހާ ގުޅުމެއް ކެނޑި ވީނުވީއެއް ނުއެނގިފައެވެ.

މިފަދަ ކަންކަމާއި ގުޅިގެން ސައިންސްވެރިން އެމީހުންގެ ތިއަރީތައް ހާމަކުރަމުން ގެންދެއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ކަމުގެ ހަޤީޤަތް ހޯދިފައިވާ ކަމަށް ބެލެވޭކަށް ނެތެވެ. އެނގޭ ކަމަކީ އެ ސަރަހައްދުގައި އާދައާއި ޚިލާފް ކަންތައްތަކެއް ހިނގާ ކަމެވެ.

ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާގެ ޙަދީޘްފުޅުތަކުން އެނގެނީ އިބިލީސްވާކަމާއި ވާނެ ކަމެވެ. ދުނިޔޭގައި ހުންނަ އެންމެ ފަހު މީހާ މަރުވެދަންދެން އިބިލީސް ދެމިހުންނާނެ ކަމެވެ. މީސްތަކުން މަގު ފުރައްދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމެވެ.

މުސްލިމުން މިކަމުގައި ވިސްނައި ފިކުރުކުރަންވީ ކޮންމެހެން އިބިލީސް ވީތަނެއް ހޯދާކަށް ނޫނެވެ. އިބިލީހުގެ ކިބައިން ސަލާމަތްވުމަށެވެ. ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް އިބިލީސް ކުރާނެ މަސައްކަތަކީ މީސްތަކުން މަގުފުރެއްދުން ކަމަށްވާތީއެވެ.

މައި އިބިލީސް ކޮންމެ ތަނެއްގައި ހުރި ނަމަވެސް އޭނާގެ އައުވާނުންތައް މިވަނީ އެންމެންގެ ވަށާލައިފައެވެ. އެވަރަކުން ވެސް ފުދުނީއެއް ނޫނެވެ. އަހަރެމެންގެ ހަށީގައި ހިނގާ ލޭގައިވެސް އެދަނީ ދައުރުވަމުންނެވެ. މާތް ﷲ އިބިލީހަށް އެބާރު ދެއްވަވާފައިވާތީއެވެ.

އެބާރުގެ ބޭނުން އިބިލީހަށް ކުރެވޭނީ އަހަރެމެން އެފުރުޞަތު ދޭ ނަމައެވެ. މީސްތަކުން މަގު ފުރައްދަން ކަންކަން ކުރުމުގެ ބާރު ﷲ ތަޢާލާ އިބިލީހަށް ދެއްވެވީ އެކަންކަމުން ސަލާމަތްވެ ހުރެވޭނެ މާގިނަ މަގުތައް އިންސާނާއަށް ދެއްކެވުމަށްފަހުގައެވެ. ވީމާ އަހަރެމެން މަސައްކަތްކުރަންވީ އިބިލީހުގެ ކިބައިން ސަލާމަތްވެހުރުމަށް ﷲ ތަޢާލާ ދެއްކެވި މަގުތަކުގައި ސާބިތުވެ ތިބުމަށެވެ. ހުރިހާ ވިސްނުމަކާއި ފިކުރެއް ކުރަންވީ އެކަމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން