ދަންވަރު ބިރުން ފުލުހުންގެ އެހީ ހޯދަން 911 އަށް ގުޅި ލީޝާގެ ކޯލް އިމާމަކަށް ލިބި އިސްލާމްވީ ގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ދަންވަރު ބިރުން ފުލުހުންގެ އެހީ ހޯދަން 911 އަށް ގުޅި ލީޝާގެ ކޯލް އިމާމަކަށް ލިބި އިސްލާމްވީ ގޮތުގެ ވާހަކަ
"އަހަރެންގެ މައިން ބަފައިންނަކީ ކްރިސްޓިއަނުންނެވެ. އަހަރެން ޗާޗަށް ދަމެވެ. އެއިރު އަހަރެންނަކީ ދަރިވަރެކެވެ. އުމުރުން އެއިރު 15 އަހަރުވެސް ނުވާނެއެވެ. އަހަރެން އަބަދުވެސް ކްރިސްޓިއަން ދީން ދަސްކުރަން މަސައްކަތްކުރީމެވެ. ޕްރީސްޓުންނާއި ތަފާތު ސުވާލުތައް ކުރީމެވެ. ކަންކަން އޮޅުން ފިލުވީމެވެ.

އަހަރެން ދުވަސްވެ ބޮޑުވަމުން އައިވަރަކަށް ފައްޅީގައި ހަރަކާތްތެރިވުން އިތުރުކުރީމެވެ. ސަންޑޭ ސްކޫލުގެ ޓީޗަރަކަށްވެ އެހެން މީހުންނަށް ކްރިސްޓިއަން ދީން ކިޔަވައިދީ ކްރިސްޓިއަން ދީނުގެ ވާހަކަތައް ކިޔައިދީ އުޅުނީމެވެ. އެގޮތަށް އުޅުމުގެ ތެރޭގައި އާދީއްތަ ދުވަހެއްގައި ތަޤްރީރު ކުރަން އުޅުމުގައި "ލޯޑް ޖީސަސް" މި ބަސް ކިޔަން މަސައްކަތްކޮށްކޮށްވެސް ކިޔޭނެ ގޮތެއް ނުވިއެވެ.

އެވާހަކަ ބޮޑެތި ޕްރީސްޓުންތައް ކައިރީގައި ވަގުތުން ބުނީމެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަން އެވީގޮތް ބުނެދޭކަށް ނުއެނގުނެވެ.

އެގޮތަށް އުޅުމުގެ ތެރޭގައި ބައްދަލުވި ދީނުގެ ބޮޑުމީހަކު ޖީސަސް އާއިބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ. އޭނާގެ ވާހަކަތަކުން އަހަރެންނަށް ޔަޤީންކުރެވުނީ ޖީސަސް އާއި ބެހޭ ގޮތުން މިހައިތަނަށް ޤަބޫލުކުރެވިފައިވާ ގޮތުގައި މައްސަލަތަކެއް އެބަ ހުރި ކަމެވެ. ޖީސަސް އަކީ ލޯޑް ނޫން ކަމާއި ހަޤީޤީ ލޯޑް ވަނީ މާމަތީގައި ކަމެވެ.

އަހަރެން މަތީ ތައުލީމް ޙާޞިލުކުރަމުން ދިއަ ދުވަސްވަރު ބައްދަލުވި މުސްލިމް ދަރިވަރަކު ކީރިތި ޤްރްއާން ގެންގުޅޭތަން ފެނުމުން އެ ފޮތުގައި އޮތް އެއްޗެއް ބަލައި އޮޅުންފިލުވަން ބޭނުންވިއެވެ. ކިޔާލަން އެފޮތް ދިނުމަށް އެދުނީމެވެ.

އެއީ ހުކުރު ދުވަހެކެވެ. އޭނާ އެ ފޮތް ދެމުން އަހަރެންނަށް ވުޟޫކުރަން ދަސްކޮށްދިނެވެ. އަދި ވުޟޫކޮށްގެން ނޫނީ އެ ފޮތް ނުކިޔުމަށްވެސް ބުންޏެވެ. އަހަރެން ކޮންމެ ދުވަހަކުވެސް ގެއަށް ދަނީ މޭރީ ކިޔާ ރައްޓެއްސެއްގެ ކާރުގައެވެ. އެދުވަހު އެ ފޮތް ހިފައިގެން ކާރަށް އަރައިގެން ދަމުން ފޮތް ބަލައިލިތަން މޭރީއަށް ފެނިގެން ބުނީ އެފޮތް ކާރުގައި ނުގެންދެވޭނެ ކަމަށެވެ. އެހިސާބުން ކާރު މަޑުކުރުވުމަށްފަހު ކާރުން ފައިބައިގެން ފޮތް ހިފައިގެން ގެއަށް ދިއައީ ހިނގައިފައެވެ.

އެ ރޭ ކައި ނިމިގެން ވުޟޫކޮށްގެން އަހަރެން އެ ފޮތް ކިޔަން ފެށީމެވެ. ބައިބަލް އާއި ދެފޮތް އަޅުވައި ދިރާސާކުރަންފެށީމެވެ. ދިރާސާކުރަމުން ދިއަވަރަކަށް އެފޮތުގައި ވަނީ ތެދު ހަޤީޤަތްކަން އައީ އެނގެމުންނެވެ.

އެ ފޮތް ކިޔަން އޮއްވައި އަހަރެންނަށް ނިދުނީއެވެ. އެ ރޭ 2:30 ހައިއިރު ހޭލެވުނީ ބިރުވެރިހުވަފެނެއްގެ ތެރެއިންނެވެ. ވާނުވާއެއް ނުއެނގެއެވެ. އަހަރެންނަކީ ދުވަހަކުވެސް މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކުރި މީހެއް ނޫނެވެ. ނަމަވެސް އަހަރެން އޮތީ މަސްތުވެފައެވެ. ބޯއަނބުރައެވެ. ބޮލުގައި ރިއްސައެވެ. ނުވާ އެއްވެސް ގޮތެއް ނެތެވެ.

އަހަރެން ފުލުހުންގެ ނަމްބަރު 911 އަށް ގުޅާފައި ހުރިހާ ވާހަކަތަކެއް ކިޔައިދީފައި އަހަރެންނަށް ވެގެން އުޅޭ ގޮތެއް ބަލައިދިނުމަށް ކޮންމެވެސް މީހަކު ފޮނުވައި ދިނުމަށް އެދުނީމެވެ. ފޯނު ނެގި މީހާ ބުނީ ހަމަޖެހުމަށެވެ. އަދި ތަފާތު ސުވާލުތައް ކުރަން ފެށިއެވެ. އެ ސުވާލުތަކަށް އަހަރެން ދިއައީ ޖަވާބު ދެމުންނެވެ. އަހަރެންނަށް ނިދުނީ ޤްރްއާނާއި ބައިބަލް އަޅުވައި ބަލަމުން ދަނިކޮށް ކަމަށް ބުނީމެވެ.

ފޯނު ނެގި އޮޕަރޭޓަރު ބުނީ ހުރިހާ ކަމެއް ދަނީ ރަނގަޅަށް ކަމަށާއި އަހަރެންގެ ކަންކަން މިސްރާބު ޖަހާފައިވަނީ އިސްލާމް ދީނާއި ދިމާއަށް ކަމަށެވެ. އަދި ކަލަކު ވޮޑިގެންވާކަން ޤަބޫލުކުރަންތޯ ވެސް ސުވާލުކުރިއެވެ. "އަހަރެން އަބަދުވެސް ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުކުރަން."

އޭނާ ބުނީ މާތް ﷲ އީ އެއްކައުވަންތަ ކަލާނގެ ކަމަށް ޤަބޫލުކުރުމަށާއި މުޙައްމަދު (ޞޢވ) އީ އެންމެ ފަހުގެ ރަސޫލާ ކަމަށް ޤަބޫލުކޮށް ޝަހާދަތް ކިޔުމަށެވެ. "އަހަރެން އަބަދުވެސް ކަލަކުވޮޑިގެންވާކަން ޤަބޫލުކުރަން. އެކަލާނގެ ތިގޮތަށް އަންގަވާފައިވާނަމަ އެކަންވެސް ޤަބޫލުކުރަން. އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށްވެސް ބުނީމެވެ.

އޭނާ އަހަރެންނަށް ޝަހާދަތްލައިދިނެވެ. ފަހަތުން އަހަރެން ކީމެވެ. އޭނާ ބުނީ މިހާރު އަހަރެންނަކީ އިސްލާމެއް ކަމަށެވެ. ެދެން އޮތީ ﷲ ތައާލާ އަންގަވާފައިވާ ގޮތަށް އުޅުން ކަމަށެވެ.

އެއަށްފަހު އޭނާގެ ނަމްބަރު އަހަރެންނަށް ލިބުނު ގޮތަކާއިމެދު ސުވާލުކުރިއެވެ. އަހަރެން ބުނީ ގުޅީ ފުލުހުންނަށް، 911 އަށް ކަމަށެވެ. ނަމަވެސް އޭނާ ބުނީ އޭނާއަކީ މިސްކިތެއްގެ އިސް އިމާމް ކަމަށެވެ. އަދި އޭނާގެ ނަމާއި މިސްކިތްވެސް ބުނެދިނެވެ. އޭނާގެ ފޯނު ނަމްބަރުވެސް ދިނެވެ. އަދި އަހަރެންގެ ނަމްބަރު ނޯޓު ކުރުމަށްފަހު އަހަރެން އިސްލާމް ވުމުގެ ކަންކަން ފުރިހަމަކުރަން އެހީތެރިވެދޭނެ އަންހެނެއްގެ ނަމްބަރުވެސް ދިނެވެ.

މިއީ އަހަރެން އިސްލާމްވުމުގެ ކަންކަން ދިއަ ގޮތެވެ. އަހަރެން ގުޅީ 911 ގެ އެހީތެރިކަން ހޯދުމަށެވެ. އެ ކޯލް އިމާމްގެ ނަމްބަރަށް ބަދަލުކުރީ ކޮން އޮޕަރޭޓަރެއްކަން ނުވަތަ އެކަން ވެގެން އެދިއަގޮތް އެއީ މިއަދާއި ހަމައަށްވެސް ނުއެނގޭ ކަންކަމެވެ.

މިއަދު އަހަރެންނަކީ އިސްލާމް ދީނަށް ޚިދުމަތްކުރާ އަންހެނަކީމެވެ. އަހަރެން މިކުރާ މަސައްކަތަކީ ހަމަ އެއް މަސައްކަތެކެވެ. ނަމަވެސް މިހާރު ކިޔަވައިދެނީ ސަންޑޭ ސްކޫލެއްގައެއް ނޫނެވެ. މުސްލިމް ސްކޫލްތަކުގައެވެ. ކީރިތި ޤްރްއާނެވެ. އެންމެ އާޔަތެއް އެނގޭ މީހާ ވެސް އެ އާޔަތް އެހެން މީހުންނަށް ދަސްކޮށްދިނުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ.

އަހަރެންނަކީ މީހުން އެދޭހައި ކަމެއް ކޮށްދިނުމުގެ ތަނަވަސްކަން ލިބިގެންވާ މީހެއް ނޫނެވެ. ނަމަވެސް އަހަރެންގެ އެހީތެރިކަމަށް އެދިގެން އައި ކޮންމެ މީހަކަށް އެހީތެރިވަމެވެ. އަހަރެންނަށް އެނގޭ އެއްޗެއް ދަސްކޮށްދެމެވެ. މި ތެދު މަގު ފެނިގެން ދިއައީ އިސްލާމް ދީނުގެ ސަބަބުންނެވެ. ﷲ ތަޢާލާ އަހަރެންނަށް މިމަގު ދެއްކެވި ކަމަށްޓަކައި ހާސްފަށުން ޙަމްދުކުރަމެވެ.

- އެމެރިކާއަށް ނިޞްބަތްވާ ލީޝާ އިސްލާމްވީ ގޮތުގެ ވާހަކަ -
މިއަދު އޮންލައިން