އަނބިމީހާ މަގުފުރައްދަން ބޭނުންވުމުން ފުރަތަމަ ވަސްވާސްދޭނީ ހިލޭ ފިރިހެނުންނާއިއެކު ގުޅުންތައް ހިންގުމަކަށް ނޫނެވެ. މިހާރަކަށް އައިސް އެންމެ ބޮޑަށް ވިސްނައިދޭނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުމަށެވެ. ޗެޓްކުރުމަށެވެ. ފޮޓޯ ފޮނުވުމަށެވެ. ނިމެނީ އަމިއްލައަށް ބަރަހަނާ ވެވިގެންނެވެ.
ފިރިމީހާ އަށް އެނގިގެންނާއި ނުއެނގި ގެއިން ބޭރުގައި އުޅުމަށްވެސް ވަސްވާސް ދޭނެއެވެ. ގިނަ ފަހަރަށް ފަށާނީ އެނގިގެން ގެއިން ނެރޭށެވެ. އެކަން ވަކި ހިސާބަކަށް ކުރިއަށް ގެންދެވުނީމާ ދެން ވަސްވާސްދޭނީ ސިއްރުން ވެސް ނުކުތުމަށެވެ.
ކްލަބްތަކާއި ކޮފީތަކުން ރައްޓެހިން އުފައްދުވަނީވެސް ހަމަ ޝައިޠާނާއެވެ. އެގުޅުންތަކުގެ ތެރެއިން ކުރިފަޅަމުން ގޮސް ﷲ ޙަރާމް ކުރެއްވެވި އެންމެހައި ކަންކަން ކުރެވެނީއެވެ. ދެމަފިރިންގެ ގުޅުންވެސް ކެނޑޭ ހިސާބަށް ކަންކަން ދަނީއެވެ. ނަސްލު އޮޅި ދަރިފަސްކޮޅުވެސް އޮޅެމުން ދަނީއެވެ.
ކަންކަން މިފަދައިން މެދުވެރިވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށްވެސް މެއެވެ. ނުއެނގި ތިބެ މިފަދަ ހުރިހާ މަޅިއެއްގައި ޖެހެވެން ފަށަނީ އަދި އެމަޅިތަކުގައި ބެދި ނިމެނީ ހަމަ އެމަޅިތައް ޝައިޠާނާ ގިރިޓީކޮށް އޮފްއަރުވާލެއް ގަދަކަމުންނެވެ.
ޝައިޠާނާގެ ގިރިޓީގައި ޖެހި ފިތެމުންދާނަމަ އެކަމުން އަންގައިދެނީ ޝައިޠާނާއަށް އަޅުވެތިވެވިފައިވާ ވަރެވެ. ޙަރާމް ކަންކަން އެއީ ބޮޑުފާފަތައް ކަމުގައި ޤަބޫލުނުކުރެވެނީ އެ ފާފަތައް ޝައިޠާނާ ގިރިޓީކޮށް އޮފްއަރުވާލެއް ފުރިހަމަކަމުންނެވެ. އެއީ މާބޮޑު ކުށެއް ނޫންކަން ވިސްނައިދޭން ޝައިޠާނާ ދޭ ވަސްވާސްތައް ދިނުމުގައި ބޭނުންކުރާ އުކުޅުތައް މޮޅުކަމުންނެވެ. ޝައިޠާނާގެ އެފަދަ އަމަލުތަކުގެ ސަބަބުން ފާފަތަކުގެ ބޮޑުކަމާއި ނުރައްކައުތެރިކަން ނުވެސް ވިސްނެނީއެވެ.
ޝައިޠާނާއަކީ އެންމެ ބޮޑު ދޮގުވެރިޔާއެވެ. މީސްތަކުން މަގުފުރެއްދުމަށްޓަކައި އެންމެ ބޮޑެތި ދޮގުތައް ހަދަމުން ގެންދާނެއެވެ. އިންސާނާގެ ބުއްދި ތަޣައްޔަރުކޮށްލެވޭ ވަރުގެ ހެކިތަކާި ހުއްޖަތްތައް ދައްކާނެއެވެ.
"އާދަމްގެ ފާނާއި ހައްވާގެފާނަށް ދިން ވިސްނުމަށް ނިކަން ބަލައިލަބަލާށެވެ. މާތް ﷲ އެދެކަނބަލުންނަށް މަނާ ކުރެއްވެވީ އެންމެ ގަހެކެވެ. ޝައިޠާނާ ބުނީ އެގަހުން ފަރިއްކުޅުއްވައިފިނަމަ ދާއިމަށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމަށެވެ. މަލާއިއކަތްބޭކަލުންނަށް ބަދަލުވެވަޑައިގެންނެވޭނެ ކަމަށެވެ. ޝައިޠަނާ ބުނަމުން ގެންދިއައީ އޭނާއަކީ ޢާދަމްގެފާނަށާއި ހައްވާގެފާނަށް އެންމެ ހެޔޮއެދޭ މީހާ ކަމަށެވެ."
އެންމެފަހުން އިބިލީހުގެ ބަސް ޤަބޫލުކުރެއްވެވި އެގަހުން އާދަމްގެފާނަށް ފަރިއްކުޅުއްވެވުނީ ދާއިމަށް ސުވަރުގޭގައި، އެ ނިޢްމަތްތަކުގައި އުޅުއްވެވުމުގެ ބޭނުންފުޅުގައެވެ. ނަމަވެސް ފަރިއްކުޅުއްވެވުމާއިއެކު ކަންކަން ދެން ވެގެންދިއަގޮތް އަހަރެމެން އެންމެންނަށް ވެސް އެބައެނގެއެވެ.
ކޮންމެ ކަމެއްވެސް ހަމަ އެހައިވަރަށް ޝައިޠާނާ ގިރިޓީކޮށްލާނެއެވެ. އިންސާނާގެ އެންމެ ބަލިފައި އެނގޭތީ އެކަމެއްގައި ހިފައި މީހާގެ ވިސްނުން ބަދަލުކޮށްލުވާނެއެވެ. އަވާމެންދުރުގެ ހުވަފެންތައް ދައްކުވައި ފާފަކުރުމުގެ އަޅަކަށް ހަދާނެއެވެ.
ޝައިޠާނާ އެންމެ ފުރަތަމަ ވަސްވާސްދޭނީ އެންމެ ބޮޑެތި ހަރާމް ކަންކަން ކުރުމަކަށް ނޫނެވެ. ފަށްޓުވާނީ ކުދިކުދި ފާފަތަކުންނެވެ.
ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރުވަމުން ގެންގޮސް އެންމެހައި ބޮޑެތި ފާފަތައް ކުރުވާނެއެވެ.
މީގެ ކުރީގެ ބައެއް ދަރުސްތަކުގައިވެސް ބުނިފަދައިން ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ބައެއް ކަންކަމަށް އަރައިގަންނައިރު ގިނަ ބައަކަށް ހީވެފައި އޮންނަނީ މިކުރެވެނީ ވަރަށް ކުޑަ ކުޑަ ކަމެއް ކަމަށެވެ. ހަމަ ކުޑަކުޑަކުޑަ ހެޔޮ އަމަލެއް ކޮށްލުމުން އެފާފަ ފޮހެވިގެން ހިނގައިދާނެ ކަމަށެވެ.
މިހާރު، ޒުވާންއިރު އުފާތައް ޙާޞިލުކުރި ނަމަވެސް މުސްކުޅިވުމުން ތައުބާވެވިދާނެކަމާއި ﷲ އީ ފާފަތައް ފުއްސަވާ ޣަފޫރުއްރަޙީމްކަން ސިކުނޑިއަށް ވަދުވަނީ ހަމަ ޝައިޠާނާއެވެ. ﷲ އީ ހަމަ ޣަފޫރުއްރަޙީމްއެވެ. ނުރައްކައުތެރިކަން ބޮޑީ ކުރިއަށް އަންނަ ވަސްވާސްތަކެވެ. ފާފަތަކަށް އަރައިގަތުމަށް ދޭ ވަސްވާސްތަކެވެ.
ވީމާ ޝައިޠާނާގެ ގިރިޓީއަށް ނުހެއްލުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އަދި އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -