މިޓްސުބިޝީ ކުންފުނިން އުފައްދާ އިންޖީނަށް ބޭނުންވާނެ ކަންކަމާއި ސަރވިސްކުރަންޖެހޭނެ ގޮތް އެންމެ ބޮޑަށް އެނގޭނީ އެކުންފުންޏަކަށެވެ.
އެންއީސީ ކޮމްޕިޔުޓަރަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންތައްތައް އެނގޭނީ ވެސް އެ ކޮންޕިޔުޓަރު އުފެއްދި އެންއީސީ ކުންފުންޏަށެވެ.
ކުންފުނިތަކުގެ އުފެއްދުންތައް މަރާމާތުކޮށް ބަލަހައްޓަން އަދި އެންމެ ފައިދާހުރި ގޮތުގައި އެއެއްޗެއް ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީ އެ އެއްޗެއް އުފެއްދި ކުންފުނިން ދީފައިވާ ސަރވިސް މެނުއަލްއެވެ. އެންމެ މުހިންމީ އެ މެނުއަލް އާއި އެއްގޮތަށް އަމަލުކުރުމެވެ. އިންސާނާގެ ހަޔާތަކީވެސް ހަމަ މިފަދަ އެއްޗެކެވެ.
އެންމެހައި މީސްތަކުން އުފެއްދެވީ ﷲ ތަޢާލާއެވެ. އެހެންކަމަށްވާއިރު އިންސާނުންނަށް އެންމެ ބޭނުންވާނެ، އަދި އެދޭނެ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ވެސް ﷲ ތަޢާލާއެވެ.
އިންސާނުން ކުރަން ބޭނުންވާނެ ކަންތައްތަކެއް ﷲ ތަޢާލާ މަނާކުރައްވަވާފައިވާނަމަ އެކަމެއް މަނާކުރައްވަވާފައިވާނީ ހަމަ އެ އިންސާނާއަށްޓަކައެވެ. އިންސާނާގެ ފައިދާއަށެވެ. ﷲ ތަޢާލާ މަނާ ކުރައްވަވާފައިވާ ކަމެއް ކުރުމުން ތިމާއަށް އެއްވެސް ފައިދާއެއް ލިބޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ރަނގަޅު ގޮތެއް ނޫނެވެ.
އިންސާނުން އުފެއްދެވުމަށްފަހު ދޫކޮށް ލެއްވެވީއެއް ނޫނެވެ. އަމަލުކުރަންޖެހޭ ގޮތުގެ ސަރވިސް މެނުއަލެއް ވެސް ވަނީ ދެއްވަވައިފައެވެ. ފަހަރެއްގައިވެސް މަގު އޮޅިދާނެ ކަމަށްޓަކައެވެ. އެގޮތުން މުސްލިމުންނަށް ދެއްވަވާފައިވަނީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތެވެ. އެހެންކަމުން ތިމާއަށް މިވެނި ކަމެއް ކުރެވުނީ ނުއެނގިގެން ކަމަށް ބުނެ، ނުވަތަ އޮޅުމަކުން ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ.
އަޅުގަނޑުމެން ކުރަންވީ ކަންކަން ދެނެގަތުމަކީ އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ނުކޮށް ދޫކުރަންޖެހޭ ކަންކަން ވެސް މެއެވެ. ވީމާ އަޅުގަނޑުމެންނަށް ޖެހޭނީ ވީހައި ބޮޑަށް އަޅުގަނޑުމެންނަށް ﷲ ދެއްވެވި "ސަރވިސް މެނުއަލް"އަށް ފަރިތަވާށެވެ! އެއިގައިވާ ކަންކަން އުނގެނި ދަސްކުރާށެވެ! އެއިގައިވާ ގޮތަށް އަމަލުކުރާށެވެ! ދެ ދުނިޔޭގެ ސަލާމަތްކަން ލިބުން އޮތީ އެގޮތުގައި އަމަލުކޮށްގެންނެވެ.
_ އިސްލާމީ ތިލަފަތުގެ ދަރުސަކުން