ނަމާދުގަ ހުރެ ކިޔަނީ އެންމެ މަތިވެރިވަންތައީ ﷲ ކަމަށް - ފޭބުމާއިއެކު އަމަލުން ގޮންޖަހާ މީހުންނަށް ބިރުވެރިކަން ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ނަމާދުގަ ހުރެ ކިޔަނީ އެންމެ މަތިވެރިވަންތައީ ﷲ ކަމަށް - ފޭބުމާއިއެކު އަމަލުން ގޮންޖަހާ މީހުންނަށް ބިރުވެރިކަން ބޮޑު!
އޭނާ އުފެއްދެވީ ﷲ ތަޢާލާ ކަމަށް އިބިލީސް ޤަބޫލުކުރިއެވެ. ނަމަވެސް ތަފާތު ނަންތައް ކިޔައިގެން މިއުޅޭ ކާފަރު އިންސާނުން އެވަރުވެސް ޤަބޫލެއް ނުކުރެއެވެ.

އާދަމްގެފާނަށް ސަޖިދަ ނުކުރީ ކީއްވެގެންތޯ ﷲ ތަޢާލާ އިބިލީހާއި ސުވާލު ކުރެއްވެވުމުން އޭނާ ދިން ޖަވާބުން މިކަން އެނގިގެންދެއެވެ. "އިނބަ ﷲ ތިމަން އުފެއްދެވީ އަލިފާނުން. އާދަމްގެފާނު އުފެއްދެވީ މަށިން" ކަމަށް އިބިލީސް ބުނެފައިވާތީއެވެ.

ﷲ ތަޢާލާގެ އަމުރުފުޅަށް އިބިލީސް ނުކިޔަމަންތެރިވީ އޭނާ އުފެއްދެވީ ﷲ ތަޢާލާކަން ނުއެނގޭތީއެއް ނޫނެވެ. އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ނުއެނގޭތީ އެއްވެސް ނޫނެވެ. އޭނާގެ ކިބައިގައި ހުރި ބޮޑާކަމާއި ނުކިޔަމަންތެރިކަން ބޮޑުކަމުންނެވެ.

މާތް ﷲ ނުދެއްވަވާ އެއްވެސް ބާރެއް އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވާކަން ވެސް އިބިލީހަށް ހަމަ ވަރަށް ރަނގަޅަށް އެނގެއެވެ. އެކަންވެސް އެނގެނީ ހަމަ އިބިލީހުގެ ބަސްތަކުންނެވެ. މީސްތަކުން މަގު ފުރެއްދުމުގެ ބާރު ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދިފައިވާތީއެވެ. އަދި އެ އެދުން ތަކުރާރުކޮށްފައިވާތީއެވެ.

އެންމެހައި މަޚްލޫޤުން އުފެއްދެވީ ﷲ ތަޢާލާއެވެ. އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ނަމަވެސް އެއްބައަކު ފައުޅުގައި އެބުނަނީ ﷲ ތަޢާލާ ވޮޑިގެން ނުވާ ކަމަށެވެ. އެމީހުން އުފެދުނީ ހިނގަމުންދާ ނިޒާމަކުން ކަމަށެވެ. ކޮން ފަދަ ޖާހިލު ވިސްނުމެއްތޯއެވެ!

ހިތާމައަކީ މިފަދަ ދެކޮޅު ނުޖެހޭ ޖާހިލު ވިސްނުމާއި ފިކުރުވެސް ފެތުރެމުން އަންނަ ކަމެވެ. ތައުލީމީ ގޮތުން މިހައި ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައިވެސް އެފަދަ ބޮޑެތި ޖާހިލުންގެ އަދަދުވެސް އިތުރުވަމުން އަންނަކަމެވެ. އެތީސްޓުންނާއި ތަފާތު ނަންނަމުގައި މިއުޅޭ މީހުން ނިކަން މިކަންކަމަށް ޖަވާބުދީބަލާށެވެ. އެމީހުން އުފެދުނީ އަމިއްލައަށްކަން ސާބިތުކޮށްދީބަލާށެވެ.

ނިކަން ބުނެދީބަލާށެވެ. ތިބާ އުފެދުނީ އަމިއްލައަށް ކަމަށްވާނަމަ މަރުވަނީ ކީއްވެގެން ހެއްޔެވެ؟ މަރު ނުވެ ހުންނަންވީ ނޫންހެއްޔެވެ؟ ތިބާ އުފެދުނީ ކޮންމެވެސް ނިޒާމަކުން ކަމަށްވާނަމަ އެ ނިޒާމުން އުފައްދާ އެންމެ މީހަކު ނަމަވެސް މަރުނުވެ ދިރި ބަހައްޓަންވީ ނޫންހެއްޔެވެ؟ ނިޒާމުގެ މޮޅުކަން ދައްކައިލުމަށް ނަމަވެސްމެއެވެ.

މިފަދަ ނުރައްކާތެރި ބައަކު މުސްލިމުންގެ ތެރޭގައިވެސް އެބަ އުޅެއެވެ. އަދި އެފަދަ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ބުނަންޖެހޭކަން އެއީ ވެސް އެހައިމެ ހިތާމަހުރި ކަމެކެވެ. އެންމެ ބޮޑު ހިތާމައަކީ އެފަދަ މީހުންނަށް އެފަދަ މީހުންގެ ހަޤީޤީ ހައިޞިއްޔަތުވެސް ނުއެނގޭ ކަމެވެ.

ހިތަށް އެރިހައި ފާފަތަކެއް ކުރަމުން ބައެއް މީހުން އެބަ ބުނެއެވެ. "އަހަރެން މިހިރީ އީމާންވެގެން" ކަމަށެވެ. މިދެވެނީ އިބިލީހާ އެއް މިސްރާބަކަށް ނޫންހެއްޔެވެ؟ ﷲ ތަޢާލާ އަކީ އެންމެހައި މަތިވެރިވަންތަކަމާއި އެންމެހައި ބާރުތައް ލިބިވޮޑިގެންވާ އިލާހްކަން އިބިލީހަށްވެސް އެނގެއެވެ. އެހެންކަމާއިއެކު ވެސް ﷲ ތަޢާލާއަށް ނުކިޔަމަންތެރިވީއެވެ. ތިބާއަށް ވެސް އެކަންކަން ހަމަ ރަނގަޅަށް އެބައެނގެއެވެ. އެނގި ހުރެމެ ތިބާވެސް ﷲ ތަޢާލާ އަށް ނުކިޔަމަންތެރިވަނީއެވެ؟ ހުރީ ކޮންތަފާތެއްހެއްޔެވެ؟

ރަނގަޅަށް ވިސްނާށެވެ. ތިމާގެ މައްޗަށް ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ އެއިގެ މާނައަކީ ތިބާ ތިއަ ބުނަނީ ތިބާއަށް އެ އަމުރުކުރި ފަރާތަށްވުރެ ތިބާގެ ބާރު މާގަދަކަމަށް ނޫންހެއްޔެވެ؟ މާތް ﷲ ގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވުމަކީ ހަމަ މިއުޞޫލުން ކުރެވޭ ކަމެއް ކަމަށް ޤަބޫލު ނުކުރަންވީ ކީއްވެގެންހެއްޔެވެ؟

މިސާލަކަށް ނަމާދުކުރާއިރު ކޮންމެ ހަރަކާތެއް ކުރަމުން "ﷲ އަކްބަރު" އެބަ ކިޔަމުއެވެ. ﷲ ތަޢާލާއީ އެންމެ މަތިވެފަރާތްކަމަށް އެބަބުނަމުއެވެ.

ނަމަވެސް ނަމާދުން ފޭބުމާއިކު ފާފަތަކަށް އަރައިގަންނަ ނަމަ ތިބާ ނަމާދުގައި ކީ އެއްޗަކާއި ތިބާ ކުރާ އަމަލާއި އެބަ ދިމާވޭ ހެއްޔެވެ؟

ނަމާދުގައި ހުރެ އެންމެ މަތިވެރިވަންތައީ ﷲ ތަޢާލާ ކަމަށް ބުނުމަށްފަހު ހަމަ ވިދިގެން ތިއަ ކުރާ އަމަލުން ތިއަ ދައްކައިދޭން މަސައްކަތްކުރަނީ ތިބާގެ ބާރު މާގަދަކަމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޒަމާނަށް އަންނަމުން މިދާ ބަދަލުތަކާއިއެކު އިންސާނުންގެ ވިސްނުން މިދަނީ ތަޣައްޔަރުވަމުންނެވެ.

ނަތިޖާއަކަށް ވަމުން މިދަނީ ކުރެވޭ ނުކުރެވޭ ކަންކަން ތިމާއަށް ވެސް އޮޅުން ނުފިލުމެވެ. ވީމާ މިކިޔައިދިން ވާހަކަތަކުން އިބްރަތެއް ހާޞިލުކުރާނެ ކަމަށް އުންމީދުކުރަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން