ދުބާއީގައި ދިރިއުޅުނު އެކުވެރިން ކޮޅެކެވެ. ޔުނިވަރސިޓީގައި ކިޔަވަމުން އިމާމެއްގެ ގާތުން ދިއައީ އިސްލާމް ދީން އުނގެނެމުންނެވެ.
ހުކުރު ދުވަހަކު ފިލާވަޅު ނަގަން ދިއައިރު އިމާމްގެ އަތުގައި ނޫހެއް އޮތެވެ. އިމާމް އިނީ ފެންކަޅިވެފައެވެ. ދަރިވަރުންކޮޅު ގޮސް ވަށައިލުމުން ލޮލުން ކަރުނަ ފޮހެލުމަށްފަހު އިމާމް ވާހަކަދައްކަން ފެށިއެވެ.
"ދަރިންނޭވެ. ފޮތުން ކިތަންމެ ވަރަކަށް ކިޔެވި ނަމަވެސް އެކަމުގެ ފައިދާކުރާނީ ތިމާ ކުރާ އަމަލުންނެވެ. ﷲ ތަޢާލާގެ އެނެގެވުންތަކަށް ބޯލެނބިވަރަކުންނެވެ. ނިކަން މިއޮތް ޚަބަރެއް ކިޔައިބަލާށެވެ. އެކަނި މަގު ހުރަސްކުރަން އުޅެނިކޮށް އެކްސިޑެންޓްވެ އިއްޔެ މަރުވި އުމުރުން 90 އަހަރުގެ އަންހެން މީހާގެ 5 ދަރިން އެބަތިއްބެވެ. ހަމަ އެންމެ މޮޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާތަކުގައެވެ. ރަނގަޅު ޢާމްދަނީއެއްވެސް ހޯދައެވެ. ނަމަވެސް މަންމަ އެކަނި މަގު ހުރަސްކުރަން އުޅެންޖެހުނީ ފަރުވާ ހޯދަން ހޮސްޕިޓަލަށް ވަނުމަށެވެ.
މާނައަކީ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކައިލަ ދޭނެ ދަރިއަކު ނެތީއެވެ. އެވަރު ނުކޮށްދެވުނުތަނުގައި އެހީތެރިއަކުވެސް ހަމަޖައްސައި ނުދެވުނީއެވެ. ތެދެކެވެ. ފުލުހުން ހައްޔަރުކުރާނީ ކާރު ދުއްވި ޑްރައިވަރެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެވަރުން އެކަން ނިމޭނެ ކަމަށް ހެއްޔެވެ؟ ނުނިމޭނެކަން ޔަޤީނެވެ. ހުރިހާ ދަރިންނަށްވެސް ޖެހޭނީ ޖަވާބުދާރީވާށެވެ! އެމީހުން ވެފައިވާ އިހްމާލުގެ ޒިންމާ އުފުލަން ނުޖެހިއެއް ނުދާނެއެވެ.
މިއީ ކަންކަން ވާނެ ގޮތް ބުނެދިނުމެއް ނޫނެވެ. މިދައްކަނީ މައިން ބަފައިން ބެލުމުގެ މަސްއޫލއިްޔަތު އަދާނުކުރާ ދަރިންނަށް އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ވާހަކައެވެ.
ރަނގަޅަށް ހުރިހާ ކުދިންވެސް އަޑުއަހާށެވެ. މައިން ބަފައިންގެ ޒިންމާއަކީ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. ވަޒީފާއަށްވުރެ މާބޮޑު މަސްއޫލިއްޔަތެކެވެ. ތިއަ ކުދިން މިކަމަށް ސަމާލުވާށެވެ. މަސްއޫލިއްޔަތު އަދާކުރާށެވެ. އަތުގައި އޮންނަ އެންމެ ފަހު ދިރުހަމްވެސް މައިން ބަފައިންނަށްޓަކައި ހޭދަކުރަން ފަސް ނުޖެހޭށެވެ. އެކަމުގެ ފައިދާ ހީވެސް ނުކުރެވޭހައި ބޮޑުވާނެއެވެ."
އެކުދިންގެ ތެރޭގައި ހިމެނޭ ނަޞްރުﷲ އިމާމްގެ ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދިނެވެ. ކަންދިމާވި ގޮތުން އެ ނަޞޭޙަތް ވެގެންދިއައީ އިމާމުގެ އެންމެ ފަހުގެ ނަޞޭހަތަށެވެ. އިމާމް ބަލިވެ އުޅެފައި އެބަލީގައި ނިޔާވީއެވެ.
ނަޞްރުﷲ ކިޔަވައި ނިންމައި ވަޒީފާ އަދާކުރަމުން ގޮސް އެކައުންޓަށް އެކަށިގެންވާ އަދަދަކަށް ފައިސާ ޖަމާކުރެވިފައިވަނިކޮށް މަންމަ ވަރަށް ބޮޑަށް ބަލިވުމުން ވަރަށް ކަންބޮޑުވިއެވެ. މަންމަ ބަލަހައްޓަން ޚާއްޞަ ސަމާލުކަމެއް ދިނެވެ. ދުވަސްކޮޅެއްފަހުން މަންމަގެ ބަލި ބޮޑުވުމުން ނޯޕޭ ލީވެއް ނަގައި މަސައްކަތު ދިއުންވެސް ހުއްޓައިލިއެވެ.
ޖަމާކުރެވުނު ފައިސާ އިން ޚަރަދުކުރަމުން ގޮސް މަންމަ ނިޔާވިއިރު އަތުގައި އޮތީ އެންމެ 100 ވަރަކަށް ދިރުހަމެވެ. ނަޞްރުﷲ ކަންބޮޑެއް ނުވެއެވެ. ހިއްވަރުކޮށްފައި ވަޒީފާއަށް ނުކުންނަން ފެށިއެވެ. ގަދައަޅައި މަސައްކަތް ކުރަންފެށިއެވެ.
އަހަރެއްހައި ދުވަސްވީތަނާ ކުންފުނީގެ ވެރިޔާ އިތުރު ވިޔަފާރިއެއް ފަށަން ނިންމައި އިތުރު ކުންފުންޏެއް އުފެއްދިއެވެ. އެކުންފުނިން ނަޞްރުﷲ އަށް 10 އިންސައްތަ ހިއްޞާ ހަދިޔާކޮށްފައި ބުނީ ވިޔަފާރިއާއިގެން ކުރިއަށް ދިއުމަށެވެ.
މިއަދު މާތް ﷲ ގެ ވާގިފުޅާއިއެކު ނަޞްރުﷲ ގެ މަސައްކަތުން އެކުންފުނި ވަނީ ދުބާއީގެ އިމާރާތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏަށް ހަދައިފައެވެ. އަމިއްލަ އެކައުންޓުގައި މިލިއަނުން ދިރުހަމް ހުރިއިރު އަމިއްލަ ޢާއިލާ ޮގޮވައިގެން ދިރިއުޅެމުންދަނީ ނުހަނު އުފާވެރިކަމުގައެވެ.
ނަޞްރުﷲ ގެ ޙަޔާތުން ލިބޭ ފިލާވަޅުތައް ވަރަށް ގިނައެވެ. ﷲ ތަޢާލާއަށް ވަކީލުކޮށް ﷲ ތަޢާލާ އެންގެވި ގޮތުގައި އިޚްލާޞްތެރިކަމާިއެކު މަސައްކަތްކޮށްފިނަމަ މިދުނިޔޭގައިވެސް ބަދަލު ލިބިގެންދާނެކަން އެއީ އެއް ފިލާވަޅެވެ. އާޚިރަތުގައި ލިބޭނެ ނިއުމަތްތައް އަދި މާމަތިވެރިކަން އެއީ އެންމެ މުހިންމު ފިލާވަޅެވެ.
- ޚަލީޖް ޓައިމްސްގައި ޝާއިޢުކޮށްފައިވާ ވާހަކައެއްގެ ޚުލާޞާ ތަރުޖަމާއެއް