ފިރިމީހާކަމަށްވުމުން އަތުގަ ބާރު އޮތް ނަަމަވެސް ހިތުހުރި ގޮތަކަށް އަނބިންނާ ދޭތެރޭ ކަންތައް ކޮށްގެން ނުވާނެ: ޑރ. އިޔާޟްް
ތިމާއަކީ ފިރިމީހާކަމަށްވެފައި ދިރިއުޅުމުގެ ބާރު އޮތީ ތިމާގެ އަތުގައި ކަމަށް ވީތީވެ ހިތުހުރި ގޮތަކަށް އަނބިންނާއި ދޭތެރޭގައި ކަންތައް ކޮށްގެން ނުވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
"އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ދެމަފިރިންވެސް އެކަކު އަނެކެއްގެ އިހްސާސްތަކަށް އިޙްތިރާމްކޮށްގެންނެވެ. ތިމާއަކީ ފިރިމީހާކަމަށްވެފައި ދިރިއުޅުމުގެ ބާރު އޮތީ ތިމާގެ އަތުގައި ކަމަށް ވީތީވެ ހިތުހުރި ގޮތަކަށް އަނބިންނާއި ދޭތެރޭގައި ކަންތައް ކޮށްގެން ނުވާނެއެވެ.
އެގޮތަށް ކަންތައް ކުރާނަމަ އަނބިންގެ ފަރާތުން ފިރިމީހާއަށް ދޭންޖެހޭ ޚިދުމަތްތަކަށްވެސް ބުރޫއަރާ ދުވަސް އަންނާނެއެވެ. ވީމާ ވީހާވެސް ހެޔޮކޮށް ކަންތައް ކޮށްދެވޭތޯ ބަލާށެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އަނބިމީހާ ކަމަކު އެދުމުން ފިރިމީހާގެ ހިތަށް އެރިހައި ވަގުތަކުން ނޫނީ އެކަމެއް ކޮށް ނުދިނުމާއި ލަސްވެގެން އުޅެފި ނަމަ ރުޅިގަދަކުރާތީ އާއި އަނބިން ބުނާހައި ކަމެއް ކޮށްދޭން ނުޖެހޭނެ ކަމަށް ފިރިމީހާ ބުނާތީ" އެކަންކަމުގެ ޙުކުމް އޮޅުން ފިލުވުމަށް މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.