މީސްތަކުން ނަރަކައަށް އެއްލައިލެވުމުން އަދި ފުދުނީއެއް ނޫނެވެ. އެމީހަކު ނަރަކައަށް އެއްލައިލެވުނު ސަބަބާއިމެދު ނަރަކައިގެ މަލާއިކަތުން ސުވާލުކުރައްވަވާނެތެވެ. އެ ސުވާލުތަކަށް ޖަވާބުދޭން ވެސް ޖެހޭނެއެވެ.
ނަރަކައަށް އެއްލައިލެވޭ ސަބަބުތަކުގެ ތެރޭގައި ފަޤީރުންނަށް ކާން ނުދިނުންވެސް ހިމެނެއެވެ. އެހެނީ އެމީހަކަށް ﷲ ތަޢާލާ ފުދުންތެރިކަން ދެއްވަވައިފިނަމަ ފަޤީރުންނަށް ކާން ދިނުމަކީ ކުރަންޖެހޭ ކަމެކެވެ. އެއީ މަތިވެރިވެގެންވާ ޞަދަޤާތެކެވެ. އިންސާނިއްޔަތަށްޓަކައި އަދާކުރަންޖެހޭ ވާޖިބެކެވެ.
މީހަކު ފައިސާ ފޮތްޗަކަށް އެދި ސަލާންޖަހައިފިނަމަ އޭނާގެ ކިބައިން ފެންނަން ހުރި ސިފައަށް ބަލާފައި އެހީތެރި ނުވެ ދޫކޮށް ނުލާށެވެ. މިސާލަކަށް ބުނާނަމަ އޭނާއަކީ ޑްރަގް އެޑިކްޓަކަށް ވެދާނެއެވެ. އެހެންވެއްޖެނަމަ ފައިސާ ދިނުމެއް ނެތެވެ. ނަމަވެސް ވިސްނަންޖެހޭ ކަމަކީ ހަމަ ހަޤީޤަތުގައިވެސް އޭނާ ހުރީ ބަނޑުހައިވެގެން ކަމަށް ވެދާނެއެވެ. އެފަދަ ހާލުގައި ހުރިނަމަ އަޅާނުލާ ދޫކޮށްލައިގެން ނުވާނެއެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް ކާނެ އެއްޗެއް ގަނެދޭށެވެ. ފައިސާ އަތަށް ދިނުމުގެ ބަދަލުގައި އޭނާގެ ހައިހޫނުކަން ފިލުވައިލާނެ ކޮންމެވެސް އެއްޗެއް ގަނެދޭށެވެ.
ލޮބުވެތި އަޚުންނޭވެ. އެންމެ ރަނގަޅު ގޮތަކީ މީހަކު އެދުމުގެ ކުރިން އަމިއްލައަށް އެކަންކުރުމެވެ. މިސާލަކަށް އެމީހެއްގެ އަތުގައި ތަނަވަސް ކަމެއް ހުރިނަމަ މީހަކު އެހީއަކަށް އެދެންދެން މަޑުނުކުރާށެވެ. ތިމާ ދަންނަ މީހުންގެ ތެރޭގައި ހިމެނޭ ފަޤީރުންނަށް އެހީތެރިވަމުން ގެންދާށެވެ.
އަހަރެން ޤަބޫލުކުރާ ގޮތުގައި އެންމެ ރަނގަޅު ޞަދަޤާތަކީވެސް މީހަކު ބުނުމަކާއި ނުލައި ކުރާ ޞަދަގާތެވެ. އެހެނީ މީހަކު އެހީއަކަށް އެދުމުން ކުރާ ޞަދަޤާތް ކުރެވޭއިރު މީހާގެ ނިޔަތް ތަފާތުވެދާނެއެވެ. ވަގުތާއި ޙާލަތުގެ ގޮތުންނެވެ. ނަމަވެސް ތިމާގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެއީ ޙައްޤުވެރިކަން ތިމާއަށް ޔަޤީންކުރެވޭ މީހުންނަށް ޞަދަޤާތްދީ ކާންދީ ހަދަމުން ގެންދާނަމަ އެކަމުގައި އިޚްލާޞްތެރި ވެވޭމިންވަރު ބޮޑުވާނެއެވެ. އެހެނީ އެއިރުން އެކަން އެކުރެވެނީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ކަމަށްވާތީއެވެ.
ބައެއް މީހުންނަށް މައްސަލައަކަށް ވަނީ ގޭގައި މެންދުރުގެ ކެއުމަށް 2 ވައްތަރުގެ އެއްގަމު މަހާއި އެހެންވެސް ސާމާނު ނެތުމުންނެވެ. ނަމަވެސް ގޭގައި މިއަދުގެ ކެއުމަށް ކުކުޅާއި ގެރިމަހާއި އެނޫންވެސް ތަކެތި ނެތުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހުރި އެއްޗަކުން ފުއްދައިލުމުން ނިމުނީއެވެ.
ގެއަށް ބޭނުންވާ ކާބޯތަކެތި ގަތުމަށް ތިބާ ގެއިން ނުކުތީ 200 ދިރުހަމް ހިފައިގެން ކަމަށްވެދާނެއެވެ. އެހުރިހާ ފައިސާއަށް ކާބޯތަކެތި ގަނެގެން ގެންދިއުމުގެ ބަދަލުގައި އެއިގެ ތެރެއިން 100 ދިރުހަމަށްވާވަރަށް ތަކެތި ގަތް ނަމަވެސް ހަމަ މިއަދުގެ ކަންކަން ފުދޭނެއެވެ. 100 ދިރުހަމަށް ބާޒާރުކޮށްފައި 100 ދިރުހަމް ޞަދަގާތްކޮށްފިނަމަ ޤިޔާމަތް ދުވަހު ތިބާގެ ބަދިގެ ހާދަހާ ތިޔާގިވާނެއެވެ. ތަށިމަތީގައި ހާދަ ގިނަ ވައްތަރުތަކެއް ހުންނާނެއެވެ.
200 ދިރުހަމަށް އެކުގައި ތަކެތި ގަނެގެން ކައިލި ނަމަވެސް ހުރިހާ އެއްޗެއް ދާދިއަވަހަށް ބޭރުވެގެންދާނީ ހަމަ ފާޚާނާއަށެވެ. ނަމަވެސް 100 ދިރުހަމް ޞަދަޤާތްކޮށްފައި ތިބާގެ ބޭނުންތަކަށް 100 ދިރުހަމް ބޭނުންކުރިނަމަ ނަތީޖާ މުޅިން ބަދަލުވެގެންދާނެއެވެ. 100 ދިރުހަމް ދާނީ ފާޚާއަށެވެ. އަނެއް 100 ދިރުހަމް އެ ޖަމާކުރެވެނީ އެއިގެ ބޭނުން އެންމެ ބޮޑުވާނެ ދުވަހަށްޓަކައެވެ. އެންމެ ފައިދާހުރި ސޭވިންގ އެކައުންޓުގައެވެ.
މިކިޔައިދިނީ ހަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރުން އަމަލުކުރެވިދާނެ ގޮތުގެ މިސާލެކެވެ. އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވިދާނެ ގޮތުގެ މިސާލެކެވެ. މިފަދަ މިސާލުތައް ކިޔައިދޭން މިޖެހެނީ ދުނިޔޭގައި ކިތަންމެ އަގުބޮޑު ކެއުމެއް ކައިގެން އުޅުނު ނަމަވެސް އެކަމުން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތުމުންނެވެ. ނަމަވެސް ކުރެވޭ ކިތަންމެ ކުޑަ ޞަދަޤާތަކުންވެސް އެކަމުގެ ފައިދާ އިންތިހާއަށް ކުރާނެތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -