ދަރުސް: މައިންބަފައިންނާއި ޢާއިލާއަށް މާފުކުރުމަކީ ސުވަރުގެ ލިބޭނެ މަތިވެރި އަޅުކަމެއް - ދޫކޮށްނުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ދަރުސް: މައިންބަފައިންނާއި ޢާއިލާއަށް މާފުކުރުމަކީ ސުވަރުގެ ލިބޭނެ މަތިވެރި އަޅުކަމެއް - ދޫކޮށްނުލާ!
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހެކެވެ. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ވަރަށް ގިނަ އަޅުކަންވެސް ކުރާ މީހަކަށް ވެދާނެއެވެ. ނަމަވެސް އެންމެ ފަސޭހައިން ކުރެވެން ހުންނަ އެހައިމެ މުހިންމު ކަންކަމަށް އެހައިވަރަށް ފަރުވާތެރިއެއް ނުވެވެއެވެ.

ނިކަން ވިސްނައިލަބަލާށެވެ. ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގެންނެވި އެއް ޞަހާބީއަކީ ޚާއްޞަ ކަމެއްގެ ގޮތުން ކޮންމެ ރެއަކު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން އެންމެންނަށް މާފުކުރައްވަމުން ގެންދެވި ބޭކަލެކެވެ. އެހެންކަމުން އެހެން މީހުންނަށް މާފުކުރުމުގެ މަތިވެރިކަން ކިތަންމެ ރަނގަޅަކަށްވެސް މިއޮތީ ފެންނާށެވެ.

އަހަރެމެންގެ މިއަދުގެ ޙާލަތަށް ނިކަން ވިސްނައިލަބަލާށެވެ. މުސްކުޅި މައިންބަފައިންނަށް ކުރެވޭ ކުދިކުދި ކަންތައްތަކާއިހުރެ އެބަ ރުޅި އާދެވެއެވެ. ޢާއިލާގައި ތިބި ކުޑަކުދިންނަށް ކުރެވޭ ކަންކަމުން އެބަ ރުޅި އާދެވެއެވެ. ރުޅި އާދެވުމާއިއެކު ރުޅިގަދަވެސް ކުރެވެއެވެ. އަތްފައިވެސް އެބަ އިސްކުރަމުއެވެ. ދުލުން ހަޑިހުތުރު ބަސްތައް ވެސް އެބަ ބުނަމުއެވެ. މައިންބަފައިންނާއި ކޮއްކޮމެންގެ މަޢްޞޫމް ކަމާއިމެދު ވެސް އޮންނަނީ ވިސްނައިނުލެވިފައެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މައިން ބަފައިން މުސްކުޅިވާދުވަހު އެންމެ ކުޑަމިނުން "އުފް" ވެސް ނުބުނުމަށެވެ. އެމީހުންނާއި ކުޑަކުދިންނަށް ވީހައި އޯގާތެރިކަމާއިއެކު ކަންކަން ކުރުމަށެވެ. ހަމައެއާއިއެކު ސުވަރުގެ ލިބުން ވަނީ މައިމީހާގެ ފައިތިލަދަށުން ކަމަށް އޮންނަނީ މުހިންމު ސަބަބުތަކެއް ހުރުމުންނެވެ.

ސުވަރުގެ ހޯދުމަށްޓަކައި ކުރަންޖެހޭ އަޅުކަމުގެ ތެރޭގައި މައިންބަފައިން ދެކެ ލޯބިވުމާއި ކުޑަކުދިންނަށް ލޯބިކުރުން ހިމެނޭކަން އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް އެކަމަށް ސަމާލުކަން ނުދެވެނީއެވެ. ނަތީޖާއަކަށް ވަނީ އެކަންކަމަކީ އަޅުކަމުގެ ގޮތުގައި ބައެއް މީހުންނަށް ބަލައިވެސް ނުގަނެވުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުވަރުގެ އެދޭނަމަ މައިންބަފައިންނަށް މާފުކުރާ ބައަކަށްވާށެވެ! އެމީހުންނަށް ކުރެވޭ ބައެއް ކަންކަމުން އުނދަގޫވި ނަމަވެސް އެއީ އުނދަގުލެއް ކަމުގައި ނުދެކޭށެވެ. ބައެއް ފަހަރު ބޭކާރު ވާހަކަތައް ދައްކައި އުޅުނު ނަމަވެސް އަދި ބެހެން ނުޖެހޭ ކަންކަމާއި ބެހި ހެދި ނަމަވެސް އެއީ ކަމަކަށް ނުހަދާށެވެ! މާފުކުރާށެވެ! ހިތްބަރު ނުކުރާށެވެ!

މީސްތަކުން ކުރާ ކަންކަމަށް މާފުކުރުމުން ސުވަރުގެ ލިބޭނެ ކަމުގެ އުފާވެރި ޚަބަރު ދުނިޔޭގައި ހުއްޓައި ލިބުމުން، މައިން ބަފައިންނަށް މާފުކުރުމުގެ މަތިވެރިކަން ކިތަންމެ ރަނގަޅަކަށްވެސް އެބަ އެނގިގެންދެއެވެ.

މައިންބަފައިންނަށް އޯގާތެރިވުމާއި މައިންބަފައިންގެ ހައްޤުތައް ބެލެހެއްޓުމަކީ ﷲ ތަޢާލާގެ މަގުގައި ހަނގުރާމަކޮށް ޖިހާދުކުރުން ފަދަ މަތިވެރި އަމަލެއްކަން ވަރަށް ސާފުކޮށް އެނގެން އޮތްއިރު އެމަތިވެރި އަޅުކަން ފުރިހަމަކުރުމުން ލިބޭނެ މަތިވެރި ސަވާބުގެ ބޮޑުކަމަށް ފުންކޮށް ވިސްނާށެވެ!

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން