ސުންނަތް ނަމާދެކެވެ ބުނުމުން ބައެއް މީހުންނަށް ވިސްނެނީ އެއީ ކުރުމާއި ނުކުރުން ހަމަހަމަ ވެގެންވާ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އާދައިގެ ކަމެއް ނޫނެވެ.
ފުރަތަމަ ސަބަބު:
ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ވެސް ހިސާބު ބައްލަވާނީ ނަމާދާއިމެދުގައެވެ. ފަރުޟު ނަމާދު ފުރިހަމައަށް ކުރެވިފައިވާނަމަ މަދުވާބައި ސުންނަތް ނަމާދުން ﷲ ތަޢާލާ ލައްވަވައި ދެއްވަވައެވެ. މާނައަކީ ފަރުޟު ނަމާދުން މަދުވާބައި ސުންނަތް ނަމާދުން ސަލާމަތްކުރެވި ސުވަރުގެ ވަނުމަށް މަގުފަހިވުމެވެ.
ދެވަނަ ސަބަބު:
އެއްދުވަހަކު ޞަހާބީން ބޭނުންފުޅުވަނީ ކޮންކަމެއްތޯ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ސުވާލުކުރެއްވެވުމުން ޞަޙާބީއަކު ދެންނެވީ ބޭނުންފުޅުވާ ހަމައެކަނި ކަމަކީ ޤިޔާމަތްދުވަހު އިތުރު މާތް ނަބިއްޔާ (ޞޢވ) އަރިއަހުގައި ވެވަޑައިގަތުން ކަމަށެވެ. އަދި ޤިޔާމަތް ދުވަހު އޭނާއަށްޓަކައި ޝަފާއަތްތެރިވެވަޑައިގެން ދެއްވުން ކަމަށެވެ.
ޖަވާބުގައި އިތުރު މާތް ނަބިއްޔާ (ޞޢވ) ޙަދީޘް ފުޅު ކުރެއްވެވީ ސަޖިދަކުރުން އިތުރުކުރުމަށެވެ. މާނައަކީ ފަރުޟު ނަމާދަށް ރައްކާތެރިވުމަށާއި ވީހައި ގިނައިން ސުންނަތް ނަމާދުކުރުމަށެވެ.
3 ވަނަ ސަބަބު:
ކޮންމެ ދުވަހަކު ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރުންމަތީގައި ދެމިހުރި މީހަކަށް ﷲ ތަޢާލާ ސުވަރުގެއިން ޚާއްޞަ ގަނޑުވަރެއް މިންވަރުކުރައްވަވާނެކަން ޙަދީޘްފުޅުން ސާބިތުވެއެވެ.
ވީމާ މި ސަބަބުތަކަށް އެކަނި ބަލައިލި ނަމަވެސް ސުންނަތް ނަމާދުކުރުން ވީހައި ގިނަކުރަންޖެހޭކަން އެބައެނގެއެވެ. ނަމަވެސް ގިނަ މީހުން މިކަމަށް ސަމާލުކަމެއް ނުދެއެވެ. ނަމާދަށް ދިއުމަށް ތައްޔާރުވާން ފަށަނީ ބަންގި ގޮވީމައެވެ. ދެވޭއިރު އޮންނަނީ ޖަމާއަތް ފަށައިފައެވެ. ސުންނަތް ކުރުމުގެ ފުރުޞަތެއް ނުލިބެއެވެ. ނަމާދު ނިމި ސަލާން ދިނުމާއިއެކު އޮންނަނީ އަވަސްއަވަހަށް ފައިބަންވެފައެވެ. ފަހު ސުންނަތް ދަނީ ގެއްލިގެންނެވެ.
އެހެން ނުހަދާށެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތާއި ވިތުރީގެ 3 ރަކްޢަތުގައި ސާބިތުވެ ދެމިތިބޭށެވެ. ވީވަރަކުން ދަމު ނަމާދުވެސް ކުރާށެވެ. އެ ނޫން ސުންނަތް ނަމާދުތައްވެސް ކުރާށެވެ. ޤިޔާމަތް ދުވަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއިއެކުގައި ވުމަށް އެދޭމީހަކަށް ވުމަށްޓަކައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -