މުސްލިމުން ކަމަށް ބުނަމުން ދުނިޔޭގައި އުޅުނު ގިނަ ބައަކު މުނާފިޤުންގެ ތެރޭގައި ހިމެނި ނަރަކައަށް ދާންޖެހުމުން ކަންބޮޑުވެ ތެޅިފޮޅޭނެއެވެ. އެމީހުންނާއިއެކުގައި އުޅުނު ގިނަބައަކު ސުވަރުގޭގެ އަހުލުވެރިންގެތެރޭގައި ހިމެނުމުން ޝަކުވާކޮށް އަޑު އުފުލާނެއެވެ.
މިވެނި އެވެނި މީހުންނަކީ ތިމަންނައާއިއެކުގައި އުޅުނު މީހުން ކަމަށް ބުނެ އެމީހުންނާއިއެކުގައި ވުމަށް އެދޭނެއެވެ. ބުނަމުންގޮސް ތިމަންނަ ވާންޖެހޭނީ އެމީހުންނާއިއެކުގައި ކަމަށް ވެސް ބުނާނެއެވެ.
ނަމަވެސް އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ދެބައިމީހުންގެ މެދުގައި ބޮޑު ފާރެއް ހުންނާނެއެވެ. އެފާރު ފޫއަޅުވާލުމަކީ ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެބާރު މާތް ﷲ އެއްވެސް މީހަކަށް ނުދެއްވަވާނެއެވެ.
މިހެން މިވަނީ އެމީހުންނަކީ އީމާންވެގެން ތިބި ބައަކަށް އަމިއްލައަށް ހެދި ގޮތްދައްކައިގެން އުޅުނު މީހުން ކަމަށްވާތީއެވެ. އެމީހުންގެ ހިތްތަކުގައި އީމާންތެރިކަން ނެތުމުން ނުވަތަ އޮންނަން ޖެހޭ މިންވަރަށް ނެތުމުންނެވެ. ހިތުގައި އީމާންތެރިކަން އޮންނަން ޖެހޭ މިންވަރަށް ނެތް މީހުންގެ ކިބައިން އީމާންކަން މާތް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ނުވަތަ އެމީހުން އެބުނާ މިންވަރަކަށް އީމާންތެރިކަން ހިތުގައި އޮތުމަކުން އެއީ އީމާންތެރިން ކަމަކަށް މާތް ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. މާނައަކީ އެކަމުން ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. އެމީހުން ހިމެނޭނީ މުނާފިޤުންތެރެއިންނެވެ. އަޅަމެންނަކީ އެފަދަ މީހުން ކަމުގައި ނުލައްވަވާށި!
ޤިޔާމަތް ދުވަހު ސުވަރުގެއަށް ކުރަންޖެހޭ ދަތުރުގެ ރާސްތާއަކީ އަނދިރިކަން ގަދަ ރާސްތާއެކެވެ. އެރާސްތާ ހުރަސްކުރަންޖެހޭއިރު އަލިކަން ލިބޭނީ އެމީހާގެ ހެޔޮ އަމަލުތަކުންނެވެ. ބައެއް މީހުންނަށް ލިބޭ އަލިކަން ވަރަށް ގަދަވާނެއެވެ. އެއް ސަހަރުން އަނެއް ސަހަރަށް ފޯރާވަރުވާނެއެވެ. އެކިމީހުންނަށް އެކިވަރަށް އަލިކަން ލިބޭނެއިރު މަގުގައި ކުރިއަށްދާން ކިރިޔަކިރިޔާ ފުދޭވަރަށް އަލިކަން ލިބޭނެ ބައަކުވެސް އުޅޭނެއެވެ. އެމީހުންނަށް ފެންނާނީ ހަމަ އެއްފިޔަވަޅުގެ ދުރުމިނެވެ.
އެވަރުގެ އަލިކޮޅެއް ލިބިފައިވާ މީހުންނަށް ވެސް ﷲ ތަޢާލާ މަރުޙަބާގެ ބަސްފުޅު ވަހީކުރައްވަވާނެއެވެ. އެވަރުގެ އަލިކަމެއްވެސް ލިބިފައިވާތީއެވެ. އެއްވެސް އަލިކަމެއް ނެތް ނުވަތަ ލިބިފައިނުވާ މީހަކަށް ސުވަރުގެއާއި ދިމާއަކަށް ނުދެވޭނެއެވެ. ކުރިއަށް ދާންވީ މަގު ނުފެންނާނެތީއެވެ.
އަލިކަން ލިބިފައިވާ މީހުން ކުރިއަށްދާތަން ފެނުމުން މުނާފިޤުން އަލި ލިބިފައިވާ މީހުންގެ ފަހަތުން ދިއުމަށް މަސައްކަތްކުރާނެއެވެ. އެމީހުންނާއިއެކު ދިއުމަށް ތެޅިފޮޅޭނެއެވެ. ނަމަވެސް އަލިކަން ލިބިފައި ނުވާ މީހަކަށް ކުރިއަކަށް ނުދެވޭނެއެވެ.
މީސްތަކުންނަށް ދެ އަލިކަމެއް ލިބޭނެއެވެ. އެއީ މެއާއި އަތުންނެވެ. މޭގެ އަލިކަންކަމަށް ބުނެވެނީ ހިތުގެ އަލިކަމެވެ. ހިތް ދިއްލިފައި ވުމެވެ.
މިކަންކަން މިގޮތަށް މެދުވެރިވާ ބައެއް ސަބަބުތަކަށް ވިސްނައިލާށެވެ. އެކުވެރިންތަކެއް އެއްތަނެއްގައި ތިބެފައި ﷲ ތަޢާލާ ނަހީ ކުރެއްވެވި ކޮންމެވެސް ކަމެއް ކުރާތަނަކަށް ދާން އުޅެފާނެއެވެ. އެއްބައަކު އެވަގުތު ބިރު ގަންނާނެއެވެ. ވަގުތުން ޖަމާއަތުން ވަކިވާނެއެވެ. އެފަދަ ތަނަކަށް ނުދާނެއެވެ. ހިތުގައި ބިރުވެރިކަން އުފެދި އެކަމުން ދުރުހެލިވާނެއެވެ.
ދެން އޮތީ ދެވަނަ ބައެވެ. އީމާންކަން ނެތް ނުވަތަ އީމާންކަން ކުޑަ މީހުންނެވެ. އެމީހުންނަށް އެތަނަށް ދިއުމަކީ އެއްވެސް ކަމަކަށް ނުވާނެއެވެ. އެމީހުން ބުނާނެއެވެ. "ގޮސްލާނީއެވެ. އެމީހުން ކުރާ ގޯސްކަމެއްގައި ބައިވެރިނުވާނީއެވެ. ބައަކާއިއެކު ގޮސްލުމަކީ އެހައި ގޯސްކަމެއް ނޫނެވެ. ބަލައިލުމަކީ ގޯސްކަމެއް ނޫނެވެ. އެކަން ނުކުރީމާ އެ ނިމުނީއެވެ. އެމީހުން ކުރާ ކަމެއް އަހަރެން ނުކުރާނީއެވެ."
މިފަދަ މީހުންގެ ދެވަނަ ސިފައެއްވެސް ބުނެދޭނަމެވެ. އަބަދުވެސް ވިސްނާނީ ފަހުން އިސްލާޙްވުމަށެވެ. މިވެނި ދެތިން ޕާޓީއެއްގައި މަކާކޮށްލާފައި އިސްލާޙްވާނީއެވެ. ރޯދައަށް އިސްލާޙްވާނީއެވެ. މިވެނި ދުވަހަކުން ފެށިގެން އިސްލާޙްވާނީއެވެ. ހައްޖަށް ފުރަންވީމާ އިސްލާޙްވާނީއެވެ.
މީސްތަކުންނޭވެ. މިފަދަ ވިސްނުންތައް އެހުންނަނީ އެމީހުންގެ ހިތުގައި ޙަޤީޤީ އީމާންތެރިކަމެއް ނެތުމުންނެވެ. އީމާންތެރިކަން ހުރިނަމަ މާދަމާ އިސްލާޙްވުމަކަށް ނުވިސްނާނެއެވެ. މާތް ﷲ ނަހީކުރައްވަވާފައިވާ ހަމަ އެންމެ ކަމެއްވެސް ނުކުރާނެއެވެ. އޮޅުމަކުން ކުރެވުނު ނަމަވެސް ދެރަވެ ވަގުތުން ތައުބާވާނެއެވެ. އެފަދަ އަމަލެއް އިތުރަށް ނުކުރަން ގަދައަޅައި މަސައްކަތްކުރާނެއެވެ.
ނިކަން ވިސްނައިބަލާށެވެ. ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ޤަބޫލުކުރާނެ އެއްކަމަކީ މަރެވެ. މަރުވާނެ ވަގުތު ނުއެނގޭ ކަމެވެ. ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމެވެ. އެހެންކަމަށްވާއިރު މާދަމާ ތައުބާ ވުމަށް ވިސްނާމީހާގެ އޮންނާނީ ކޮން އީމާންކަމެއް ހެއްޔެވެ؟
ޤިޔާމަތް ދުވަހަށް އީމާންވާ މީހާ މިކިޔައިދިން ވާހަކަތަކަށް ވިސްނާނެއެވެ. ޤިޔާމަތް ދުވަހު ސުވަރުގެއަށް ދާން ބޭނުންކުރާނެ އަލިކަމެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރާނެއެވެ.
- ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން