ގޮނޑި ގެއްލިފައިވާ ކަމަށް ބުނެފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
ޕާޓީ ބަދަލު ކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުން، އެއަމުރުގެ ބައެއް ބައިތައް ބާތިލުކޮށް، މެމްބަރުންގެ ބަޔަށް ޢަމަލު ކުރުން ފަސް ކުރުމަށް އަމުރު ނެރުނެވެ.
މިއަހަރު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނާއިއެކު 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި ނަމަވެސް، މިމައްސަލައިގައި ސުޕްރީމް ކޯޓުން ސާފު ޖަވާބެއް ދީފައި ނުވުމުން އެމައްސަލައިގެ ސާފު ޖަވާބެއް ދިނުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް ގޮވާލާފައެވެ.