މާތް ބޭކަލަކު ސަހަރާއެއްގެ ތެރެއިން ހިންގަވަނިކޮށް ބައަކު ގޮސް ފައިންޕުޅު ދުށުމަށްފަހު އެމީހުންނަށް ނަޞޭޙަތެއް ދެއްވުމަށް އެދި ދެންނެވުމުން އެބޭކަލަކު ކުރެއްވެވީ ސުވާލެކެވެ.
"މިސަހަރާގައި ވަޅުލެވިފައިވާ މީހުންނަށް އަލުން ދުނިޔެއަށް އައުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވައިފިނަމަ އެމީހުން ކުރާނީ ކޮންކަމެއް ކަމަށް ކަލޭމެންނަށް ޤަބޫލުކުރެވޭ ހެއްޔެވެ؟"
އެއްބައަކު ދެންނެވިއެވެ. "އެމީހުން މެދު ނުކަނޑައި ނަމާދުކުރާނެއެވެ." އަނެއް ބައަކު ދެންނެވިއެވެ. "އެމީހުން ގިނަގިނައިން ޞަދަޤާތް ދޭނެއެވެ." އަނެއް ބައަކު ދެންނެވިއެވެ. އެމީހުން ދުޢާކުރުން ހުއްޓައެއް ނުލާނެއެވެ."
އެބޭކަލަކު ދެންވެސް ކުރެއްވީ ސުވާލެކެވެ. "މަރުވުމުން އެންމެންވެސް އުޅޭނީ ދުނިޔޭގައި ހުރެ ކުރެވުނު ހެޔޮ އަމަލުތައް ކުރެވުނު މިންވަރު މަދުވެގެންކަމާއި ތިއަ ކަންތައްތައް ވާނީ ތިއަހެންކަން ކަލޭމެންނަށް އެނގޭއިރު އެކަންކަން ކުރަން ކަލޭމެންނަށް އޮތް ހުރަހަކީ ކޮބައިހެއްޔެވެ؟ ނުކުރަނީ ނުވަތަ އެހައި މަދުން ކުރަނީ ކީއްވެގެން ހެއްޔެވެ؟"