ދުނިޔޭގައި އުޅޭ ކޮންމެ މީހަކީ އެމީހެއްގެ ނުވަތަ އެ ޤައުމެއްގެ ރައީސް އާއި ބައްދަލުކުރެވޭ މީހެއްނޫނެވެ. ބައްދަލުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސްމެއެވެ. އެޕޮއިންޓްމަންޓަށް އެދި ސިޓީލައިގެން އުޅޭތާ އެތައް އަހަރެއްފަހުން މަރުވަނީ އެކަން ނުވެއެވެ.
ނަމަވެސް ކޮންމެ މީހަކީވެސް ﷲ ތަޢާލާ އާއި ބައްދަލުވާނެ މީހެކެވެ. އެއީ ޔަޤީން ކަމެކެވެ. އެޕޮއިންޓްމަންޓަށް އެދޭކަށްވެސް ނުޖެހޭނެއެވެ. ބައްދަލުކުރަން ބޭނުން ނުވި ނަމަވެސްމެއެވެ. ސުވާލަކީ އެކަމަށް ތިބާ ތައްޔާރުހެއްޔެވެ؟ ތައްޔާރުވެގެން ހުރީ ކިހައި ވަރަކަށް ހެއްޔެވެ؟
ޞަހާބީ އަކު އެއްދުވަހު، ޤިޔާމަތްވާނެ ވަގުތާއިބެހޭ ގޮތުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ސުވާލުކުރެއްެވެވިއެވެ. ޖަވާބުގައި ވެސް ކުރެއްވެވީ ސުވާލެކެވެ. އެންމެ މުހިންމު ސުވާލެވެ. "އެކަމަށް ތައްޔާރުވާން ތިބާ ކުރީ ކޮންކަމެއް ހެއްޔެވެ؟"
ޤިޔާމަތް ވާނެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެހެންވީމާ މުހިންމީ ޤިޔާމަތްވާނެ ވަގުތު ހޯދަން އުޅުމެއް ނޫނެވެ. އެއީ ﷲ ތަޢާލާ އިރާދަކުރެއްވެވި ކޮންމެ ވަގުތަކު ވެސް ވެދާނެ ކަމެކެވެ.
އެންމެ މުހިންމީ ތިބާ އާއި ﷲ ތަޢާލާ އާއި ބައްދަލުވާނެކަން ކަނޑައެޅިގެން އެނގޭއިރު އެ މުހިންމު ބައްދަލުވުމަށް ތައްޔާރުވަން ތިބާއަށް ލިބިފައިވާ ފުރުޞަތުގައި ކުރާ ކަންކަމެވެ. ދުނިޔަވީ އުޞޫލަކުން ނިކަން ބަލައިލަބަލާށެވެ. މުހިންމު ބައްދަލުވުމަކަށް ދާނަމަ ތައްޔާރުވަމުއެވެ. ގެންދަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ތައްޔާރުކުރަމުއެވެ. ބައްދަލުކުރާ ބޭނުން އެންމެ ފަސޭހައިން ކާމިޔާބުކުރެވޭނެ ގޮތްތަކަށް ކަންކަން ފަހިކުރަމުއެވެ.
ﷲ ތަޢާލާ އާއި ބައްދަލުވާ ވަގުތަކީ މިއަށްވުރެވެސް މާމުހިންމު ވަގުތެކެވެ. އެހެނީ އެވަގުތަކީ ތިބާ އާއިމެދު ޙުކުމް އިއްވެވޭނެ ވަގުތެވެ. ސުވަރުގެއަށް ނުވަތަ ނަރަކައަށް ވަނުމަށެވެ. އެޙުކުމަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ މާކުރިން ލިޔެ ނިމިފައެވެ. އެއްވެސް ލިޔުމެއް ގެންދާކަށް ތިބާއަކަށް ނުޖެހޭނެއެވެ. އެހެނީ އެ ޙުކުމް އިއްވިގެންދަނީ ތިބާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތަކުގެ މައްޗަށްކަމަށްވާތީއެވެ. އެޙުކުމަށް ބޭނުންވާ ހުރިހާ ބަޔާންތަކެއް ތިބާގެ ފަތުގައި އެއްވެސް އުނި އިތުރެއް ނެތި ފުރިހަމައަށް ލިޔެވިފައިވާތީއެވެ.
ވީމާ މި މުހިންމު ބައްދަލުވުމަށް ތައްޔާރުވުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ފުރުޞަތުގައި، މިބަހީ ދުނިޔޭގައި ހުރިއިރު ވީހައި ގިނަ ހެޔޮ އަމަލްތައް ކޮށްފިނަމަ ތިބާއަށް އެހުރެވެނީ ﷲ ތަޢާލާ އާއި ބައްދަލުވާނެ ވަގުތަށް ފުރިހަމައަށް ތައްޔާރުވެވިގެންނެވެ. ނޫން ނަމަ ތިބާ ވަނީ ފެއިލްވެފައެވެ.
ޤިޔާމަތްވާނެ ވަގުތަށް ވިސްނާ މީހާއަށް އޮތީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާގޮތުގައި ސާބިތުކަމާއިއެކު ދެމިހުރުމެވެ. އެ މަގުން ކައްސާލައިފާނެ އެއްވެސް އަމަލެއް ނުކުރުމެވެ.
ޤިޔާމަތްވާން ކޮންމެހެން ދުނިޔެ ނިމޭކަށް ނުޖެހެއެވެ. އެމީހަކު މަރުވުމުން އެމީހަކަށް އެއޮތީ ޤިޔާމަތްވެފައެވެ. ޤިޔާމަތްވުމުގެ އެއް މާނައަކީ ދުނިޔޭގައި އުޅެ ނިމުމެވެ. އެހެންވީމާ ދުނިޔޭގައި އުޅެ ނިމުނީމާ އެމީހާއަށް އެވަނީ ޤިޔާމަތްވެފައެވެ. އެހެން މީހުންނަށް ޤިޔާމަތްވާނެ ވަގުތަކީ އެއްވެސް މީހަކާއި ބެހޭ ކަމެއް ނޫނެވެ. އެކަމުން ތިމާއަށް ކުރާނެ އެއްވެސް ފައިދާއެއް ނުވަތަ ލިބޭނެ ގެއްލުމެއްވެސް ނެތުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -