ދަރުސް: މުސްލިމް ލީޑަރުން މާޒީގަ ދެއްކެވި ސިފަފުޅުތަކަށް ބެލުމުން މިއަދުގެ ލީޑަރުން ލަދުވެތިވާންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ދަރުސް: މުސްލިމް ލީޑަރުން މާޒީގަ ދެއްކެވި ސިފަފުޅުތަކަށް ބެލުމުން މިއަދުގެ ލީޑަރުން ލަދުވެތިވާންޖެހޭ!
ދުނިޔޭގެ ކަންކޮޅުތަކުގައި މިއަދު އެތައް މިލިއަން މުސްލިމުން އެގެންދަނީ ކާނެ އެއްޗެއްގެ އިތުރުން ބޯފެންފޮދަކަށް އެދި ސަލާން ޖަހަމުންނެވެ. ބޯނެ ފެންފޮދެއް ނުލިބި ކަރުހިއްކައިގެން މަރުވަމުންނެވެ.

މީގެ 170 އަހަރު ކުރިއަށް ޖެހިލަމާ ހެއްޔެވެ؟ އަޔަރލަންޑަށް ބޮޑުތަދެއް އައެވެ. ކާތަކެތި ހުސް ބަންޑަށްޖެހި އެތައް ބައަކު މަރުވަން ފެށިއެވެ. އެއީ މުސްލިމް ޤައުމެއްވެސް ނޫނެވެ. ނަމަވެސް އިސްލާމީ އުންމަތުގެ ޚަލީފާ ބައްލަވާކަށް ނުހުންނަވައެވެ. ވަގުތުން 10،000 ޕައުންޑު ހަދިޔާ ކުރައްވަން ބޭނުންފުޅުވިއެވެ. އެއީ މިހާރުގެ އަގުން ބަލައިފިނަމަ އެތައް މިލިއަން ފައިސާއެކެވެ.

އިނގިރޭސި ދައުލަތުން ހަދިޔާ ކުރީ 2،000 ޕައުންޑެވެ. އަދި އަމުރު ނެރުނީ އެ އަދަދަށްވުރެ ގިނައިން އެއްވެސް މީހަކަށް ހަދިޔާ ނުކުރެވޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޚަލީފާ ނިންމެވީ 1،000 ޕައުންޑް ދެއްވާށެވެ. 9 މިލިއަން ޕައުންޑަށްވާވަރަށް ގޮވާމުގެ ތަފާތު ބާވަތްތައް ބައްލަވައިގަނެ ފޮނުއްވުމުން ދަތިތައް ކުރިމަތިކުރުވިއެވެ. ތަކެތި ބާލަން ބޭނުންވި 2 ރަށަށް ބޭލިއަކަ ނުދިނެވެ. އެގޮތް މިގޮތުން މަސައްކަތްކޮށްގެން ބޭލުނު ބަނދަރުތަކަށް ބާލައި ޚަލީފާ ވަނީ އެހީފުޅު ޙާލުގައި ޖެހިފައިވާ މީހުންނަށް ރައްދުކޮށްދެއްވައިފައެވެ.

އަޔަރލަންޑަކީ މުސްލިމް ޤައުމެއްވެސް ނޫނެވެ. ނަމަވެސް ޚަލީފާ އެކަމަށް ބައްލަވާފައެއް ނުވެއެވެ. ޚަލީފާ މައްސަލަ ބެއްލެވީ އިސްލާމީ ނަޒަރަކުންނެވެ. ދުނިޔެއަށް ދައްކަވައި ދެއްވީ އިސްލާމް ދީނަކީ އެންމެ އޯގާތެރި ދީންކަމާއި ޙާލުގައި ބައަކު ޖެހިއްޖެނަމަ އެހީތެރިވުމުގެ ދީން ކަމެވެ.

މިއަދު ޙާލުގައި ޖެހިފައި ތިބީ މުސްލިމުންނެވެ. ކައި ބޮއި ހެދޭނެ ގޮތެއް ނެތިގެން މިއުޅެނީ މުސްލިމުންނަށެވެ. އިސްލާމީ ލީޑަރުންތައް ކޮބައި ހެއްޔެވެ؟ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވޭ ހެއްޔެވެ؟

މި މައްސަލަތައް ކުރިމަތި މިވަނީ މުސްލިމުންގެ ނަމުގައި ތިބެ އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރޭތީއެވެ. ﷲ ބާވައިލެއްވެވި އެންގެވުންތައް ދޫކޮށްލައި އަމިއްލަ ގޮތްތައް ކުރިއަށް ނެރޭތީއެވެ. މުސްލިމުންގެ މެދުގައި ފަރުދީ ކަންކަން ވެސް މިހާރު ހުރީ މިފަދަ ގޮތަކަށެވެ. މިސްކިތަކަށް އެރި ނަމަވެސް އުޅެނީ އެމީހަކު ޤަބޫލުކުރާ ގޮތް ކުރިއަށް ނެރެގެންނެވެ. އެހެން މީހުންނަކަށް ނުބަލައެވެ. އެންމެ ކުޑަމިނުން ޖަނާޒާއަކަށް ދިއަ ނަމަވެސް މެއެވެ.

އިސްލާމުންގެ ގޮތުގައި މުސްލިމް އުންމަތް ކުރިއަރުވަން ބޭނުންނަމަ އަމިއްލަ ގޮތްތައް ކުރިއަށް ނެރުން ހުއްޓާލަން އެބަޖެހެއެވެ. ﷲ އަންގަވާފައިވާ ގޮތުގައި ކުރިއަށްދާން މަސައްކަތްކުރަން އެބަޖެހެއެވެ. ނޫން ނަމަ އިސްލާމީ އުންމަތުގައި ހަމަނުޖެހުންތައް ދާނީ އިތުރުވަމުންނެވެ.

އެކަކު އަނެކަކަށް، އެއްބައަކު އަނެއް ބައަކަށް އިޙްތިރާމްކޮށްގެން ދިރިއުޅެން ދަސްކުރަން އެބަޖެހެއެވެ. ނޫންނަމަ ޙާލުގައި ޖެހި ނިކަމެތިވާމީހުންގެ އަދަދު އަބަދުވެސް ދާނީ އިތުރުވަމުންނެވެ.

މުސްލިމް ލީޑަރުން މާޒީގައި ދައްކަވާފައިވާ ހަރުދަނާ އިސްލާމީ ސިފަފުޅުތައް މިއަދުގެ ލީޑަރުން ދައްކަވާނަމަ އިސްލާމީ އުންމަތް އޮންނާނީ އެންމެ ގަދަފަދަ ކަމާއެކުގައެވެ. އެންމެ ބާރުގަދަ އުންމަތުގެ ގޮތުގައެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން