ފިރުއަނުގެ އަނގައަށް ޖިބްރީލްގެފާނު ކިސަޑު އުއްކެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފިރުއަނުގެ އަނގައަށް ޖިބްރީލްގެފާނު ކިސަޑު އުއްކެވީ ކީއްވެ؟
ފިރުއައުނަކީ މީސްތަކުންގެ ތެރެއިން އެންމެ ނުބައި ނުލަފާކަން ބޮޑު އިންސާނާއެވެ. ނުބައި ނުލަފާ ކަމުގައި ފިރުއައުނު ފަދަ އެހެން އެއްވެސް އިންސާނަކު ނުވެއެވެ.

ﷲ ތަޢާލާ ފިރުއައުނު ޣަރަޤުކުރެއްެވެވި ވަގުތު އޭނާ ޝަހާދަތް ކިޔަން އުޅުނެވެ. އެވަގުތު ޖިބްރީލްގެފާނު އޭނާގެ އަނގައަށް ކިސަޑު އުއްކެވިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާ ޝަހާދަތް ކިޔައިފިނަމަ ފަހަރެއްގައިވެސް އޭނާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިފާނެތީ އެކަމަށް ހުރަސް އެޅުއްވެވުމަށެވެ.

އޭނާގެ ނުބައި ނުލަފާކަން ބޮޑުކަމުން އޭނާގެ ފާފަތައް ފުއްސެވުމަށް ޖިބްރީލްގެފާނު ބޭނުންފުޅު ނުވާތީ ފިރުއައުނު ޝަހާދަތް ކިޔުމަށް ހުރަސް އެޅުއްވެވުމުގެ ގޮތުންނެވެ.

މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. މިކަމުން އެނގިގެންދަނީ ކުށްކުރުމުގައި ހައްދުފަހަނައަޅައި ދިއުމުން މަލާއިލަތްބޭކަލުންގެ ލައުނަތް ލިބެން ފަށާނެ ކަމެވެ. އެއާއިއެކު އެމީހަކު ތައުބާވުމަށް ހުރަސްތައް އެޅިގެންދާނެ ކަމެވެ.

ފާފަކުރުންމަތީގައި ދެމިހުންނަ އެއްވެސް މީހަކަށް އޭނާއަށް ކުރެވުނީ ކިހައި ގިނަ ފާފަތަކެއް ކަމެއް ނުއެނގޭނެއެވެ. ފާފަކުރުންމަތީގައި ދެމިހުންނަ މީހާއަށް އޮތް ނުރައްކަލަކީ ފާފަތައް މަތިމައްޗަށް ފުނިޖެހެމުންދާނެ ކަމެވެ. އެގޮތަށް ގޮސް މުޅި ކައުނު ފުރުނު ނަމަވެސް އެފަދަ މީހުންނަށް ހިވާނީ ކުރެވުނީ ހަމަ ވަރަށް މަދު ފާފަކޮޅެއް ކަމަށެވެ.

އެފަދަ ހާލަތުގައި ހުންނަ މީހަކަށް ލައުނަތް އަންނާނީ ކޮންފަދަ އަކުން ކޮން ދިމާއަކުންކަން އެނގޭނެ އެއްވެސް ގޮތެއްވެސް ނުއޮންނާނެއެވެ. ވީމާ އަޅުގަނޑުމެން އެންމެންނަށްވެސް އޮތީ ފާފަތަކަށް ރައްކައުތެރިވެގެން އުޅުމެވެ. އަބަދުވެސް ގިނަގިނައިން ތައުބާވުންމަތީގައި ދެމިތިބުމެވެ. ހިތާމައަކީ ގިނަ ބައަކަށް އެކަން ނުވެސް ވިސްނޭކަމެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން