ބަންގި ގޮވުމުން އޮތީ އެމީހަކު ހުރިތަނެއްގައި ހުރެގެން ވެސް ނަމާދުކުރުން ކަމަށް ބަޔާންކުރައްވައި ވަގުތު ޖެހުމުން ވީހައި އަވަހަކަށް ނަމާދުކުރުމަށް އިމާމް ހިއްވަރު ދެއްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި އިމާމް ވިދާޅުވީ ކުރީގެ ޝަރީއަތްތަކުގައި އެމީހުންގެ އަޅުކަން ޞައްޙަވާނީ ފައްޅިއެއް ނުވަތަ އަޅުކަން ކުރަން ބިނާކުރާ ޚާއްޞަތަނަކަށް ގޮސް އަޅުކަން ކުރުމުން ކަމަށެވެ. ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އުންމަތަށް ވަނީ މިކަން ލުއިކޮށް ދެއްވަވާފައި ކަމަށާއި ނަމާދު ވަގުތު ޖެހުމުން އެތަނެއްގައި މިސްކިތެއް ހުރިތޯ ބަލަން ނުޖެހޭނެ ކަމަށާއި އެމީހަކު ހުރި ތަނެއްގައި ހުރެގެން އަވަހަށް ނަމާދުކުރަންވީ ކަމަށެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުގައި ވަނީ "ތިމަންކަލޭގެފާނަށް މިސްކިތެއް ކަމުގައްޔާއި ޠަހޫރު ތަނެއްގެ ގޮތުގައި ބިން ލެއްވެވިގެންވެއެވެ. ފަހެ ނަމާދު ވަގުތު ވަދެއްޖެނަމަ ތިމަން ކަލޭގެފާނުގެ އުންމަތުގެ ކޮންމެ މީހަކުވެސް އެމީހަކު ހުރި ތަނެއްގައި ހުރެގެން ނަމާދުކުރާހުށި ކަމެވެ." މިފަދައިންނެވެ.
ނަމާދުކުރުމަށްޓަކައި ވުޟޫ ކުރުމާއި ހިނައިގަތުން ފަދަ ކަންކަމުގައި ފެން ނުލިބިއްޖެނަމަ ވެލިން ތަޔައްމަމްކޮށްގެން ޠާހިރު ވުމުގެ ލުއި ފަސޭހަކަން މި އުންމަތަށް ﷲ ތައާލާ ދެއްވަވާފައިވާކަންވެސް އިމާމް ބަޔާންކޮށްދެއްވެވިއެވެ.
ޚުޠުބާއިން އެނގިގެންދަނީ ނަމާދުގެ ވަގުތު ޖެހުމުން އެއަށްވުރެ އިސްކަން ދޭންޖެހޭނެ އެއްކަމެއްވެސް ނެތް ކަމެވެ. އެހެން ހުރިހާ ކަންކަން ފަހަށް ބެހެއްޓުމަށްފަހުގައިވެސް ނަމާދުކުރަންޖެހޭނެ ކަމެވެ. ވަޒީފާ އަދާކުރާ މީހަކު ނަމަ ގެއަށް ދެވުނު އިރަކުން ނުވަތަ މިސްކިތަކަށް ދެވުނު އިރަކުން ކުރަން މަޑުކުރުމެއްވެސް ނެތްކަމެވެ.